އަންހެން ކުއްޖެއްގެ ސައިކަލު ޓޯކޮށް، ނައްތައިލި މައްސަލައިގައި ބަދަލުދޭން ނުޖެހޭ ކަމަށް ހުކުމެއް
އަންހެން ކުއްޖެއްގެ ސައިކަލު، ޓޯކޮށް އަދި ފަހުން އެ ސައިކަލު ނައްތާލި މައްސަލައިގައި ފުލުހުން ބަދަލު ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިއީ 2021 ވަނަ އަހަރު، ކޮވިޑަށް ފައްސިވެގެން ކަރަންޓީނުކޮށްފައި ހުރި އަންހެން ކުއްޖެއްގެ ސައިކަލު، ފުލުހުން ޓޯ ކުރުމަށް ފަހު ފަހުން އެ ސައިކަލު ނައްތާލާފައިވާތީ ގެއްލުމުގެ ބަދަލު ފުލުހުންގެ ކިބައިން ހޯދުމަށް އަންހެން ކުއްޖާ ފުލުހުންނާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލައެކެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ ފަރާތުން އެދިފައި ވަނީ ސައިކަލުގެ އަގާއި، ސައިކަލު ސާވިސް ކުރުމަށް އަދި ފީ ދެއްކުމަށް ޚަރަދު ކުރި ފައިސާ ހިމެނޭ ގޮތުން ޖުމްލަ 84،000 ރުފިޔާ ހޯދާށެވެ. މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ފުލުހުން އެ އަންހެން ކުއްޖާގެ ސައިކަލު ޓޯ ކުރީ، ލައިސެންސް ނެތް އެހެން މީހަކު އެ ސައިކަލުގައި އުޅެނިކޮށެވެ. އަދި 15 ދުވަހަށް އެ ސައިކަލު ޓޯ ކުރުމަށް ފަހު، އޭގެ ފަހުން 60 ދުވަސް ވެގެން ދިޔައިރު ވެސް އަންހެން ކުއްޖާގެ ފަރާތުން ސައިކަލާ ހަވާލުވާން ނާންނަ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ފަހުން، ފުލުހުން އިއުލާން ކުރުމުން ވެސް އެ ސައިކަލާ ހަވާލުވާން އެ އަންހެން ކުއްޖާގެ ފަރާތުން ނައުމުން، ފުލުހުން އެ ސައިކަލު ނައްތާލީއެވެ. އަންހެން ކުއްޖާގެ ފަރާތުން ދައުވާ ކުރީ އޭގެ ފަހުންނެވެ. މި މައްސަލައިގައި މިދިޔަ ހަފްތާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ސައިކަލު ނައްތާލި މައްސަލައިގައި ފުލުހުންގެ ފަރާތުން ބަދަލު ދޭން ޖެހޭނެ ތަނެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ