ކޭޕް ވާޑްގެ ކެޕްޓަނުގެ މައްޗަށް ޓީމުގެ އަންހެން ތަރުޖަމާނު ރޭޕްކުރިކަމުގެ ބޮޑު ތުހުމަތެއް
މިއަހަރު ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ކޭޕް ވާޑް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ރަޔާން މެންޑޭޒް، އެ ޓީމުގެ ބްރެޒިލް ތަރުޖަމާނަކަށް ޖިންސީ ގޯނާކުރިކަމުގެ ބޮޑު މައްސަލައެއް ފެންމަތިވެއްޖެއެވެ. ބްރެޒިލްގެ މަޝްހޫރު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ މާރިޗު މަހު ފީފާ ސީރީޒްގެ މެޗުތަކެއް ކުޅުމަށް ކޭޕް ވާޑް ޓީމުން ނިއުޒީލޭންޑަށް ކުރި ދަތުރެއްގައެވެ. އުމުރުން 36 އަހަރުގެ މެންޑޭޒްގެ މައްޗަށް ތުހުމަތުކުރާ އަންހެން ތަރުޖަމާނު ބުނި ގޮތުގައި، އޯކްލޭންޑްގެ ހޮޓަލެއްގައި ހުރި އޭނާގެ ކޮޓަރިއަށް މެންޑޭޒް ގަދަކަމުން ވަދެ، ބާރުގެ ބޭނުންކޮށްގެން އޭނާ ރޭޕްކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ދުވަހު އޭނާއަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ، ނިއުޒީލޭންޑްގެ ފުލުހުންނަށް މައްސަލަ ހުށަހަޅައި، މެޑިކަލް ތަހުލީލުތައްވެސް ހަދާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާއާ ގުޅިގެން އަނިޔާ ލިބުނު އަންހެންމީހާއާއި އޭނާގެ ފިރިމީހާ ވަނީ ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑެރޭޝަނަށާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އަށް މެޑިކަލް ރިޕޯޓްތަކާއެކު ރަސްމީކޮށް ޝަކުވާ ހުށަހަޅާފައެވެ. އަދި މެންޑޭޒް ވޯލްޑް ކަޕްގައި ކުޅުން މަނާކުރުމަށް އެދިފައިވީ ނަމަވެސް، ފީފާގެ ފަރާތުން އެދެވޭ އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ބުނެފައިވެއެވެ. މިއަހަރުގެ ވޯލްޑް ކަޕްގައި ކޭޕް ވާޑުން ސްޕެއިންއާ އެއްވަރުކޮށް، މުބާރާތުގެ ނޮކްއައުޓް ބުރަށް ކޮލިފައިވި އެންމެ ކުޑަ ގައުމުގެ ޝަރަފު ހޯދައި ބޮޑު ސަމާލުކަމެއް ހޯދާފައިވަނިކޮށް، ކެޕްޓަނުގެ މައްޗަށް ކުރެވުނު މި ތުހުމަތުގެ ސަބަބުން ޓީމަށް ވަނީ އޭގެ އަސަރު ކޮށްފައެވެ. ފީފާގެ ތަރުޖަމާނަކު ބުނެފައިވަނީ ނިއުޒީލޭންޑްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މި މައްސަލަ ބަލަމުންދާ ކަމަށެވެ. ނަމަވެސް ކޭޕް ވާޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިކަމާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނަން ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ