އިންޑިއާއާއެކު އެކުލަވާލާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ފުރަތަމަ މަޝްވަރާ ބައްދަލުވުން އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މަސައްކަތް ކުރައްވާނީ ރާއްޖޭގެ އުފެއްދުންތަކަށް ލިބޭ އެންމެ ބޮޑު ލުޔެއް ހޯއްދަވަން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އިއްޔެ އިންޑިއާއާއެކު ފެށިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށާއި ދެ ގައުމުގެ ވެސް އަމާޒަކީ ވީ އެންމެ އަވަހަށް މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވިއެވެ.
”އިންޑިއާ އާއި ރާއްޖެއާ ދެމެދު މި ހިންގަނީ ދެ ގައުމުގެ ބައިލެޓްރަލް ފްރީޓްރޭޑް އޭރިއާއެއް ނުވަތަ އެގްރީމަންޓެއް ހެދުމަށް ޓަކައި. ދެ ގައުމުގެ ވެސް ވިސްނުން ވެސް ހުރީ ވީ އެންމެ އަވަހަށް ނިންމާލުމަށް. އަޅުގަނޑުމެން ޓާގެޓް ކުރަނީ ވީ އެންމެ އަވަހަށް އިންޑިއާއާ އެއްކޮށް ފްރީޓްރޭޑް އެގްރީމަންޓް ގާއިމްކުރުމަށް،“
އެފްޓީއޭގެ މަސައްކަތް ކުރިއަށްދާނީ ސަރުކާރުގެ ތެރޭގައި ތިއްބެވި ފަންނީ ބޭފުޅުންނާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރައްވާ ފަންނީ ބޭފުޅުންގެ ވެސް ހިޔާލުތައް ހޯދައިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެއްބަސްވުމުގައި ހާއްސަ ސިނާއަތްތައް ހިމެނޭއިރު، އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ އުފެއްދުންތައް ފަދަ ރާއްޖޭގެ އުފެއްދުންތަކަށް ހޯދޭނެ އެންމެ ބޮޑު ލުޔެއް ހޯއްދަވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”ޕީޓީއޭގައި ވެސް ހުރިހާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއްގައި ވެސް ރާއްޖެއިން އުފެއްދޭ ބާވަތަކަށް ހޯދޭނެ އެންމެ ބޮޑު ލުޔެއް ހޯދަން މަސައްކަތްކުރާނަން. އެއީ އަޅުގަނޑުމެން އެކަން ކުރަން ގަސްތުކުރާ ގޮތަކީ އަދި ކޮށްފައި ވެސް އޮންނާނީ އެގޮތަށް،“
ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި އަމަލުކުރަން ފަށާފައިވާއިރު، އިންޑިއާއެކު އެއްބަސްވުން އެކުލަވާލުމުން ދުނިޔޭގެ އެންމެ ބޮޑު ދެ ބާޒާރު ރާއްޖެއަށް އެފްޓީއޭ ގާއިމްކުރެވިގެންދާނެކަން ސައީދު ފާހަގަކުރެއްވިއެވެ.
ތުރުކީއާއެކު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓު ހެދުމުގެ މަޝްވަރާތައް އޮތީ ނިމިފައި ކަމަށް ވެސް ސައީދު މިއަދު ވިދާޅުވިއެވެ. ނަމަވެސް، އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ކުރަން ޖެހޭ ބައިލެޓްރަލް އިތުރު މަސައްކަތްތަކެއް ހުރި ކަމަށާއި ކުރިއަށް ދަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ދެ ގައުމުން އެއްބަސްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 25، 2025 ގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ބައިވެރިވާ ގައުމުތަކަށް ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީއަށް އެހެން ގައުމުތަކާ ހިލާފަށް ބޮޑު ލުޔެއް ލިބިގެންދެއެވެ. މީގެ އިތުރުން، ގައުމުތަކުގެ ވިޔާފާރީގެ ގުޅުން ވަރުގަދަވެ، އިންވެސްޓްމެންޓުތައް ގެނައުމަށް މަގުފަހިވެގެންދެއެވެ.
ރާއްޖެ-އިންޑިއާ އެފްޓީއޭ: ސައީދު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތަކަށް ލިބޭނެ އެންމެ ބޮޑު ލުޔެއް ހޯއްދަވާނެ ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ