ތަސްދީގު ނުކުރައްވައި ބިލެއް އަނބުރާ ފޮނުވާލަނީ މެންބަރުން ތަންދޮރު އޮޅުންނުފިލާތީއެއް ނޫން: ސަލީމް

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލްތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވުމަކީ، މަޖިލީހުގެ މެންބަރުން އެ ބިލެއް ދިރާސާ ނުކުރާތީ ނުވަތަ މެންބަރުން ގޯސްވެގެން ހިނގާ ކަމެއްނޫންކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
މިދިޔަ މޭއި މަހު ފާސްކުރި މި ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުވާލެއްވީ މަޖިލީހުން ބިލަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން، ޤާނޫނު ތަންފީޒުކުރުމުގައި އަމަލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ މުހިންމު ކަންބޮޑުވުމަކީ، ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކަށް ގެނައި ބަދަލެވެ. ސަރުކާރުން ބިލު ހުށަހެޅިއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް، މަޖިލީހުން ވަނީ އެ އުސޫލު އުނިކޮށްފައެވެ.
ރައީސް ވިދާޅުވީ، ގުނަވަން ހަދިޔާކުރުމަކީ އެއްވެސް މަޖުބޫރުކަމެއް ނެތި، ފުރިހަމަ މިނިވަންކަމާއެކު ދޭ ރުހުމެއްގެ މައްޗަށް ބިނާވާންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ބަންދުގައި ތިބޭ މީހުންނަކީ އެމީހުންގެ މިނިވަންކަން ގެއްލިފައިވާ ބަޔަކަށް ވާތީ، އެފަދަ ހާލަތެއްގައި ތިބޭ ބަޔަކު ދޭ ރުހުމަކީ ފުރިހަމަ މިނިވަންކަމާއެކު ދޭ ރުހުމެއް ކަމުގައި ބެލެވެންނެތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަރުދަނާ އުސޫލުތަކެއް ނެތި ގައިދީންނަށް މި ފުރުސަތު ދިނުމަކީ ނޭދެވޭ ނަތީޖާތަކެއް ނިކުމެދާނެ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބިލު އަނބުރާ ފޮނުވާލާފައި ވާތީ އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވައި ސަލީމް ވިދާޅުވީ، ބިލްތައް އަނބުރާ ފޮނުވާލުމަކީ އަލަށް ފެށިގެން އުޅޭ ކަމެއް ނޫން ކަމަށެވެ. ކޮންމެ ދައުރެއްގައި އަދި ކޮންމެ މަޖިލީހެއްގައި ވެސް، ކޮންމެ ރައީސަކު ވެސް ބައެއް ބިލްތައް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުއްވާފައި ވާނެ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ތެރޭގައި އެކި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ހުންނާނެއެވެ. އަދި އެއީ މައްސަލައެއް ނޫންކަމަށާއި، ބިލެއް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށްފަހު، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސަށް ފެނިވަޑައިގެންފި ނަމަ، އެ ބިލެއް އަނބުރާ މަޖިލީހަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަންޖެހޭ ކަމެއްގެ ގޮތުގައި ސަލީމް ވިދާޅުވި އެވެ.
ބިލްތަކުގައި މައްސަލައެއް އުޅޭ ނަމަ، އެކަމުގެ ޒިންމާ ހަމައެކަނި ކޮމިޓީތަކުގެ ބޮލުގައި އެޅުވެން ނެތްކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވި ގޮތުގައި ބިލެއް ފާސްކުރާއިރު އޭގައި ގޯހެއް އޮތް ނަމަ، އެ ބިލަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އިދިކޮޅު ޕާޓީތަކަށް ވެސް ވަރަށް ސާފުކޮށް އޮންނަނީ ހުޅުވިފައެވެ.
ސަލީމް ވިދާޅުވީ މަޖިލީހުގެ ކޮންމެ މެންބަރަކީ ވެސް ގައުމަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެހެންކަމުން، ބިލެއްގައި ގޯހެއް އޮވެގެން އަނބުރާ ފޮނުވާލުމަކީ އެއްވެސް މެންބަރަކު ތަންދޮރު އޮޅުންނުފިލައިގެން ނުވަތަ ގަސްތުގައި ކުރާ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެކަމަށާއި، އެއީ މަޝްވަރާގެ ތެރެއިން ކަންކަން ރަނގަޅު ކުރުމަށް އޮތް މަގެއްކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ