ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފުސީލް ހާމަކުރުމަށް އެންގި އެންގުމަށް ހައި ކޯޓުން ތާއިދުކޮށް ކުރި ހުކުމުގެ އިސްތިއުނާފު ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ހައި ކޯޓުގެ ހުކުމް އިސްތިއުނާ ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިމަހުގެ ދޭއްގައެވެ. އެޓާނީ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން އޮފިސަރު ފާތިމަތު ހަލީމް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމުން ރިވިއު ކުރަން ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅުމުގެ ބާރު އެ އޮފީހަށް އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ރައީސްގެ އެ ދަތުރުފުޅަކީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ތަގްރީރު ކުރެއްވުމަށް އެމަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅެކެވެ. ހައިކޯޓުގެ ނިންމުމުގައިވާ ގޮތުން ނޫސްވެރިއަކު ރައީސް އޮފީހުގައި އެ މައުލޫމާތަށް އެދުނީ ސެޕްޓެމްބަރު 27، 2021ގައެވެ. އެކަމާ ގުޅިގެން އެ އޮފީހުން މައުލޫމާތު ފޯރުކޮށްދިނުމުން، އެ މައުލޫމާތު ފުރިހަމަ ނޫން ކަމަށް ބުނެ އަނެއްކާވެސް އޭނާ ރައީސް އޮފީހަށް ސިޓީއެއް ހުށަހެޅިއެވެ. އެ ސިޓީއަށް ދިން ޖަވާބުގައި ރައީސް އޮފީހުން ބުނެފައި ވަނީ، އެމަނިކުފާނުގެ ދަތުރުފުޅުގައި ސަރުކާރުން ކުރި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގައި ތިން ވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ ކަމަށެވެ. އެ ސަބަބާ ހެދިއާއި ސަލާމަތީ އިތުރު ސަބަބުތަކާ ހެދި އެ ރަސީދުތައް ސިއްރުކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެއަށް ފަހު އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅުމުން އެ ކޮމިޝަނުން އަންގާފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި އުނިކުރަންޖެހޭ މައުލޫމާތާއި ޒާތީ މައުލޫމާތު އުނިކުރުމަށް ފަހު ބާކީ މައުލޫމާތު ހާމަކުރުމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން މިދިޔަ މެއި މަހުގެ 25ގައި އެ ކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަންގެ ނިންމުމަށް ތާއިދުކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ