ބުދަ ދުވަހުން ފެށިގެން ސިޓީ އުރައިގައި ފައިސާ ޖަމާނުކުރެވޭނެ

ސިޓީ އުރައިގައި ފައިސާ އާއި ޗެކު ޖަމާކުރުމުގެ ޚިދުމަތް ހުއްޓާލަން ބީއެމްއެލްއިން ނިންމައިފިއެވެ. ބޭންކުން ބުނީ ސިޓީ އުރައިގައި ފައިސާ އާއި ޗެކު ޖަމާކުރުމުގެ ޚިދުމަތް އަންނަ ބުދަ ދުވަހުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ހުއްޓާލަން ނިންމީ ޑިޖިޓަލް ފައިސާއަށް ޢާންމުން އަހުލުވެރިވުމަށް ބާރުއެޅުމަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ޚިދުމަތުގެ ދަށުން ކުރިން ސިޓީ އުރައިގައި ޗެކާއި ފައިސާ ޖަމާކުރާއިރު، ނޫޓުގެ ކޮލެޓީ ދަށްވެގެން އޭޓީއެމް މެޝިންތަކުން ގަބޫލުނުކުރާ ފައިސާގެ އިތުރުން، ފަސް ރުފިޔާ އާއި 10 ރުފިޔާގެ ނޫޓުވެސް އެކައުންޓަށް ޖަމާ ކުރެވެއެވެ. އެކަމަކު، ސިޓީ އުރައިގައި ޖަމާކުރާ ޚިދުމަތުގައި ޗެކާއި ފައިސާ އެކައުންޓަށް ޖަމާވާނީ ސީދާ އޭޓީއެމްއިން ފައިސާ ޖަމާކުރެވޭ ޚިދުމަތާ ޚިލާފަށް، ބަންދު ދުވަސްތައް ނުހިމަނައި ޖެހިގެން އަންނަ ދުވަހު އެވެ. އަދި މި ޚިދުމަތުގައި އެހެން ބޭންކުތަކުގެ ޗެކުތައް އެކައުންޓަށް ޖަމާވާން ދެ ދުވަސް ނަގައެވެ. ބީއެމްއެލްގެ މި ނިންމުމާއެކު، ސިޓީ އުރައިގައި ޗެކާއި ފައިސާ ޖަމާކުރުމުގެ ޙިދުމަތް އެއްކޮށް ހުއްޓޭނެއެވެ. އެހެން ނަމަވެސް އޭޓީއެމްތަކުން ލިބޭ އެހެނިހެން ޚިދުމަތްތައް މިހާރުވެސް ލިބޭ ގޮތަށް ލިބޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ