ކުޅުދުއްފުށީ ސިޓީ މޭޔަރާއި ކައުންސިލު "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގެންފި

ރާއްޖޭގެ އުތުރުގެ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި އެ ސިޓީގެ ކައުންސިލުގެ ހުރިހާ މެންބަރުން އަލަށް އުފައްދާ "ދި ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވި ފިކުރެއްގެ ދިރުން ހަރަކާތަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އުފައްދަވާ އައު ޕާޓީއަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި ސިޓީގެ ކައުންސިލު މެންބަރުން ސޮއިކުރެއްވިކަން އިއުލާނުކުރެއްވީ އެ ޕާޓީ އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ކުޅުދުއްފުށީގެ މޭޔަރު އަޙްމަދު އާތިފު ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ. ކުޅުދުއްފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ތެރެއިން ޔާސިރު އަބްދުއްލަތީފަކީ "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށް އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރެކެވެ.
މިއަދު ޙަސަން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުން "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި އެއީ އައު ޕާޓީއަށް ލިބުނު ކާމިޔާބެއް ކަމުގައިވެސް އޭނާ ސިފަކުރެއްވިއެވެ.
ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އަތޮޅު ކައުންސިލަރުންނާއި ރަށްރަށުގެ ކައުންސިލަރުންގެ އިތުރުން އެމްޑީޕީގެ ގޮފިތަކާއި ދާއިރާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ގެންދަވަނީ ޑިމޮކްރެޓުންނާ ގުޅިވަޑައިގަންނަވަމުންނެވެ.
ފާއިތުވި ހަފުތާ ތެރޭގައި ޕާޓީ އުފެއްދުމަށް ހުއްދަ ލިބުމާއެކު ރައީސް ނަޝީދު އިސްވެ ފެއްޓެވި ފިކުރެއްގެ ދިރުން ހަރަކާތުން އަންނަނީ މުޅި ރާއްޖޭގައި އައު ޕާޓީ ރަޖިސްޓަރީކުރުމަށް ބޭނުންވާ ފޯމު ފުރުމުގެ މަސައްކަތްކުރަމުންނެވެ.
މިހަފުތާގައި އައު ޕާޓީ އުފެއްދުމަށް ބޭނުންވާ ފޯމުތައް ހަމަކުރުމަށްފަހު އިލެކްޝަންސްއަށް ހުށަހަޅުއްވާނެކަމަށް "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ޙަސަން ވިދާޅުވެފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރުވެސް ޕާޓީ ރަޖިސްޓަރީކުރަން ބޭނުންވާ 3،000 މީހުންގެ ސޮއި ހަމަކުރެވިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ