ހުކުމަށްފަހު ނެރުނު އަމުރު މައްސަލައިގެ އަޑުއެހުން ފަސްކޮށް ރައީސް ޔާމީން ކޯޓަށް ހާޒިރުކުރަނީ

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އިއްވި ހުކުމަށްފަހު، 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރިމިނަލް ކޯޓުން ފެބްރުއަރީ މަހުގައި ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން ފަސްކޮށް އެމަނިކުފާނު ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.
އެ މައްސަލައިގެ ހުކުމްކުރުން މިއަދު 11:30 އަށް ތާވަލުކޮށް އޮންލައިންކޮށް އަޑުއެހުން ފެށިއެވެ. ނަމަވެސް އަޑުއެހުމުގެ އަޑު ރައީސް ޔާމީނަށް އިވިވަޑައިނުގަންނަވާތީ އަޑުއެހުން މަޑުޖައްސައިލާ މައްސަލަ ހައްލުކުރަން މަސައްކަތްކުރިއެވެ.
ހައިކޯޓުން ބުނެފައިވަނީ ހައިކޯޓުގެ މުޅި ސިސްޓަމް އެކީ ޑައުންވެފައިވާކަމަށާއި، އެހެންކަމުން އަޑުއެހުން މިއަދު މެންދުރުފަހު 13:30 އަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އަޑުއެހުން ކުރިއަށްގެންދާނީ ރައީސް ޔާމީން ކޯޓަށް ހާޒިރުކޮށްގެން ކަމަށެވެ.
ޑިސެންބަރު 25 ވަނަ ދުވަހުގައި ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު ހުންނެވީ މާފުށީ ޖަލުގައެވެ.
އެމަނިކުފާނުގެ މައްޗަށް ރ.ފުއްގިރި މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ 60 ދުވަހަށްވުރެ ގިނަ ދުވަސްވީފަހުން ކުރިމިނަލް ކޯޓުންވަނީ 52 މިލިއަން ރުފިޔާ ދައުލަތަށް ދައްކަވަން އަންގަވައި އަމުރެއް ނެރެފައެވެ.
އެ އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނާއި ޚިލާފަށްކަމަށް ވިދާޅުވެ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އެ އަމުރު އިސްތިއުނާފުކުރެއްވިއެވެ. ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުން ފާހަގަކުރައްވާފައިވަނީ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކީ ހުކުމުގައި ހިމެނެންޖެހޭ ކަންކަމުގެ ތެރޭގައި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.
ނަމަވެސް ދައުލަތުން ބުނެފައިވަނީ އެފަދަ އަމުރެއް ހުކުމަށްފަހުގައި ކުރުމަށް ޤާނޫނުގައި ހުރަހެއް ނެތްކަމަށެވެ. އަދި އެ އަމުރަކީ ޞައްޙަ އަމުރެއްކަމަށާއި، ޤާޟީއަށް ބޭނުން ވަގުތެއްގައި އެފަދަ އަމުރެއް ނެރުމުގެ އިޚުތިޔާރު އޮންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ