ވިޔަފާރިވެރިން: ކަރަންޓް އަގާ އެކު ތަކެއްޗާއި ހިދުމަތުގެ އަގު ދާނީ މައްޗަށް!

އަބަދުވެސް މިދެކެވެނީ އަނގަޔާއި އަތާ ދިމާނުވާވާހަކަ އެވެ. ދުވަހަކުން ދުވަހަކަށް އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް އަރައިގެންދާ ވާހަކަ އެވެ. ބަރުބޮޑު ދިރިއުޅުމެއް އުޅޭ ރައްޔިތުން ތިބީ ތަކެތީގެ އަގު ހެޔޮވާނެ ކަމުގެ އިންތިޒާރުގަ އެވެ. ނަމަވެސް ކަރަންޓު ބިލްތަކަށް މިގެނެވޭ ބަދަލުތަކާ އެކު އެ މީހުންނަށް އަނެއްކާ ވެސް މިލިބެނީ ހިތާމަވެރި ހަބަރެކެވެ. އެއީ ތަކެތީގެ އަގު ބޮޑުވާނެކަމުގެ ހިތާމަވެރި ހަބަރެވެ. މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި އާންމު ކާބޯތަކެއްޗާއި އިމްޕޯޓް މުދާ ވިއްކާ އެއް ފިހާރައިގެ ވެރިޔަކު ވިދާޅުވި ގޮތުގައި މިހާރު ކަރަންޓް ބިލްތަކުގެ ރޭޓްތައް ހުރިގޮތުން މަހެއްމައްޗަށް އެވިޔަރާފިތަކުން ކަރަންޓު ބިލަށް މިލިއަނެއްހާ ރުފިޔާ ދައްކަމުން އަންނަ ކަމަށެވެ. އަލަށް މިގެނައި ބަދަލާ އެކު އެ އަދަދަށް އިތުރު ތިން ލައްކަ ރުފިޔާ އިތުރުވެގެންދާނެ ކަމަށާއި އެއާ އެކު ތަކެތީގެ އަގު ބޮޑުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ފިހާރައަކުން މީހަކު އެއްޗެއް ގަންނަނީ:- ސަން ފައިލް ފޮޓޯ "ކޮންމެ ގޮތެއް ވިޔަސް ތަކެތީގެ އަގު ބޮޑުވާނެ، ކޮންމެ ގޮތެއް ވިޔަސް އެދާ ހަރަދުތައް ކަވަރުކުރަންޖެހޭނެތާ، މިހެންވީމާ ވަރަށް ގިނަ ކަންތަކަށް ބަދަލު އަންނާނެ، ވިޔަފާރިވެރިންނަށް ލިބޭ ނަފާ ކުޑަވާނެ،" އެވިޔަފާރިވެރިޔާ ބުންޏެވެ. މިދިޔަ ޖެނުއަރީ މަހު ކަރަންޓު ބިލު އަގުތައް މައްޗަށް ޖައްސާލުމަށް ފަހު އަނެއްކާ ވެސް އަލަށް ގެނައި ބަދަލާ އެކު ބޮޑެތި ވިޔަފާރިތަކުން ކުރިން ޔުނިޓަކަށް ދެއްކި އަދަދަށް ވަނީ ޔުނިޓަކަށް 1.4 ރުފިޔާ އާއި 2.3 ރުފިޔާ ބޮޑުވެފަ އެވެ. އެކަމާ ބޮޑެތި އެހެން ވިޔަފާރިތަކުން ވެސް އެއްބަސްވެ އެވެ. ތަފާތު އެކިވިޔަފާރިތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ސިމްޑީ ގުރޫޕުގެ ކޯޕަރޭޝަން ޑިވެލޮޕްމެންޓް މެނޭޖަރު އަހުމަދު އިރުޝާން ވިދާޅުވީ މިއައި ބަދަލާ އެކު ވަރަށް ކަންބޮޑުވާ ކަމަށާއި އެކަމުގެ ސަބަބުން އަގުތަކަށް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތައް ނޫސްވެރިންނަށް ދަށްކާލަނީ--ސަން ފައިލް ފޮތޯ އަލަށް އިތުރުކޮށްފައިވާ ތިން ބޭންޑަކީ 600 - 3،000 ޔުނިޓާ ދެމެދުގެ ބޭންޑު - ޓެރިފްއަކީ 4.35 ރުފިޔާ 3،000 - 10،000 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފްއަކީ 5.75 ރުފިޔާ 10،000 ޔުނިޓަށް ވުރެ މަތީގެ ބޭންޑު: ޓެރިފްއަކީ 6.65 ރުފިޔާ މީގެ ކުރިނެ ހުރި ބޭންޑުތަކާއި އޭގެ ޓެރިފް ރޭޓުތައް 100 - 0 ޔުނިޓާ ދެމެދުގެ ބޭންޑް: ޓެރިފް ރޭޓަކީ 3.30 ރުފިޔާ 300 - 101 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.35 ރުފިޔާ 500 - 301 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 3.65 ރުފިޔާ 600 - 501 ޔުނިޓާ ދެމެދުގެ ބޭންޑު: ޓެރިފް ރޭޓަކީ 4.00 ރުފިޔާ 600 ޔުނިޓުން މަތީގެ ބޭންޑު: ޓެރިފް ރޭޓަކީ 4.35 ފުޅާދާއިރާއެއްގައި ވިޔަފާރި ކުރާ ފަރާތަކުން ބުނީ ކަރަންޓް ބިލަށް އެބަދަލުތައް ގެނައުމާ އެކު ތަކެތީގެ އަގުތައް ބޮޑުވުމުގެ އިތުރުން އެފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށް ދެވޭ އިނާޔަތްތައް ވެސް ކުޑަވެގެންދާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރީ ވިޔަފާރިތަކަށް ލިބޭ ނަފާ ކުޑަވެގެންދިއުމެވެ. ސިއްހީ ހިދުމަތްދޭ ތަނަކުން ބަޔަކު ހިދުމަތް ހޯދަނީ-- ސަން ފައިލް ފޮޓޯ ކާބޯތަކެއްޗާއި އިމްޕޯޓް މުދާ ވިއްކާ ފަރާތްތަކުގެ އިތުރުން ބައެއް ކޮންސްޓުރަކްޝަން ކުންފުނިތަކާއި ސިއްހީ ހިދުމަތްދޭ ކްލިނިކްތަކުގެ ވެރިންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނަނީ ކަރަންޓް ބިލަށް އައި ބަދަލާ އެކު ހިދުމަތުގެ އަގު ބޮޑުވެގެންދާނެ ކަމަށެވެ. ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނަނީ ތެލުގެ އަގު ހެޔޮއިރަކު ކަރަންޓް ބިލްތަކަށް އެބަދަލު ގެންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. "އަޅުގަނޑުމެން ފިހާރަތައް ހިންގަން ފެށިއިރު ތެޔޮ މިއުޅެނީ 18 ރުފިޔާއަށް 20 ރުފިޔާއަށް ލީޓަރެއް، މިހާރު މިއުޅެނީ 10 ރުފިޔާ އަށް ލީޓަރެއް ނާރާ، 8 ރުފިޔާގައި މިއުޅެނީ، އޭރުގައި ވެސް މިކަންކުރީ [އަގުބޮޑުނުކޮށް] ދެން ކީއްވެހޭ މިހާރު ނުވާން މިއުޅެނީ." އެވިޔަފާރިވެރިޔާ ބުންޏެވެ. ވިޔަފާރިވެރިން ތަމްސީލް ކުރައްވާ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ކަރަންޓު ބިލަށް އައި ބަދަލާއެކު ތަކެތީގެ އަގުތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ. ތަކެތީގެ އަގުހެޔޮ ކުރުމަށް ކަސްޓަމްސްއަށް ދައްކަންޖެހޭ ފީތަކާއި މުދާ އުފުލަން ކުރަންޖެހޭ ހަރަދު ކުޑަވާނެ ގޮތްތަކެއް ރާވަންޖެހޭ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ. އެވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މާލެއަށް ކަރަންޓް ފޯރުކޮށްދޭ ސްޓެލްކޯގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެނެވުނު ބަދަލުތަކާ އެކު އިގްތިސާދީ ގޮތަކަށް ބަލާ ނަމަ ތަކެއްޗާއި ހިދުމަތްތަކުގެ އަގުތަކަށް ކޮންމެވެސް ބަދަލެއް އައިސްދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިބަދަލާ އެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަދަލެއް ނާންނާނެ ކަމަށާއި ބަދަލު އަންނާނީ ބޮޑެތި ކުންފުނިތަކަށާއި ފެކްޓުރީ ފަދަ ތަންތަނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އިންތިހާއަށް ބޮޑު ކުލީގައި އެތައް މުވައްޒަފުންނަކަށް މުސާރަ ދީގެން ހިންގާ ވިޔަފާރިތަކަށް އަނެއްކާ ވެސް މިކުރިމަތިވީ އިތުރު ބުރައެކެވެ. ޔުނިޓަކުން ދެ ރުފިޔާވަރު އަގު ބޮޑުވުމާ އެކު އެވިޔަފާރިތަކުން ބުނަނީ ތަކެތީގެ އަގު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މީގެ ނޭދެވޭ އަސަރު ހަމަ ކުރާނީ ރައްޔިތުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ