ސްރީލަންކާއިން ކަރަންޓުގެ އަގު %66 އަށް ބޮޑުކޮށްފިއެވެ.
ސްރީލަންކާއިން ކަރަންޓުގެ އަގު ބޮޑުކުރީ އިގްތިސާދީ ކާރިސާ ކުރިމަތިވެފައިވާ އެގައުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ އެހީ ލިބުން އަވަސް ކުރުމުގެ ގޮތުންނެވެ. ކަރަންޓުގެ އަގު ބޮޑުވިކަން ސިލޯން އިލެކްޓްރިސިޓީ ބޯޑުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.
ކަރަންޓުގެ އަގު ބޮޑުކުރުމުގެ ސަބަބުން މިހާރުވެސް %54.2 ގައި އިންފްލޭޝަން އޮތް ސްރީލަންކާގެ ރައްޔިތުންނަށް އިތުރު ތަކުލީފަކާއި ކުރިމަތިލާންޖެހޭނެއެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިއީ އާންމުންނަށް ޚާއްސަކޮށް ފަގީރުންނަށް އުނދަގޫ ކަމެއްކަން އެކަމަކު ލަންކާ އޮތީ މާލީ ދަތިކަމެއްގެ ތެރޭގައި. ކޮސްޓް ރިފްލެކްޓިވް ޕްރައިސިން އަށް ދިއުން ނޫން ގޮތެއް ނެތް، އަޅުގަނޑުމެން އުންމީދު ކުރަނީ މި ފިޔަވަޅާއެކު ލަންކާއަށް އައިއެމްއެފްގެ ޕްރޮގްރާމް ހޯދުމާއި ގާތަށް ދެވޭނެ ކަމަށް." ލަންކާގެ ހަކަތައާއި ބެހޭ ވަޒީރު ކަންޗަނާ ވިޖެސެކެރާ ނޫސްވެރިންނަށް ވިދާޅުވިއެވެ.
ކަރަންޓުގެ އަގު މައްޗަށް ދާނީ ކިހާވަރަކަށް ކަމެއް ވިޖެސެކެރާ ހާމަކޮށްފައި ނުވި ނަމަވެސް، ޖުލައި މަހުގެ ނިޔަލަށް ޓެރިފް ކުޑަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިޖެސެކެރާ ވިދާޅުވި ގޮތުގައި ކަރަންޓުގެ އަގު ބޮޑުކުރުމުގެ ސަބަބުން ސަރުކާރުގެ ސަބްސިޑީތައް ހުއްޓާލުމުން އުފެދޭ ފަރަގު ފޫބެއްދުމަށް ހަކަތައާއިބެހޭ ވުޒާރާއިން އެހީތެރިވެދޭނެއެވެ. އަދި ދިގު މުއްދަތުގެ ތެލުގެ ކޮންޓްރެކްޓްތައް ރަނގަޅަށް ބެލެހެއްޓުމަށް ވެސް އެހީތެރިވެދޭނެ ކަމަށް ވިޖެސެކެރާ ވިދާޅުވިއެވެ.
ވޭތުވެ ދިޔަ 7 ގަރުނުގެ ތެރޭގައިވެސް ކުރިމަތިވާ ނުވާހާ ބޮޑު އިގްތިސާދީ ކާރިސާއަކާއި ލަންކާއިން ކުރިމަތިލާން ޖެހިފައިވާއިރު، އައިއެމްއެފް އިން ދޭނެ ކަމަށް ސެޕްޓެމްބަރު މަހު އެއްބަސްވި 2.9 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ލަންކާގެ މާލީ ސިޔާސަތުތައް ވަރުގަދަ ކުރަން ވަނީ ޖެހިފައެވެ.
އިގްތިސާދީ ހަމަނުޖެހުންތަކާއި ދެކޮޅަށް ގިނަ ބަޔަކު ކުރި މުޒާހަރާތަކުން ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ވަނީ މިދިޔަ އަހަރު ވެރިކަމުން ދުރުކޮށްފައެވެ.
ޖުލައި މަހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އަންނަނީ ބައިނަލްއަގްވާމީ ކްރެޑިޓަރުންގެ ފަރާތުން ޚާއްސަކޮށް އައިއެމްއެފްގެ ތާއީދު ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ.
ސްރީލަންކާއިން ކަރަންޓުގެ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ