ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮވެގެން އޮންނާތީ ކަންބޮޑުވާ ކަމަށާއި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމަނިކުފާނަށް ފުރުސަތު އޮންނަން ވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެންޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނައިރު ރިޔާސީ ރޭހަށް ނިކުންނެވުމަށް ނިންމަވާފައިވާ އަދި ޕާޓީއެއްގެ ލީޑަރަކު ޖަލުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށެވެ.
"ރައީސް ޔާމީން ޖަލުގައި އޮވެގެން ނުވާނެ. ރިޔާސީ އިންތިހާބުގައި ވާދަކުރެވެން ވާނެ އެބޭފުޅާ އަށް. އެއީ އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތަކީ." ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭނާ އަކީ ޖަލުގައި ވަރަށް ނިކަމެތިކަމާއެކު އޮންނަން ޖެހުނު މީހެއް ކަމަށާއި މީހަކު ޖަލަށްލާން އޭނާގެ އާއިލާ އިން ދުވަހަކު ވެސް ނޭދޭނެ ކަމަށެވެ. ވެރިކަން ކުރާ މީހުން ޖަލަށްލުމުގެ ސަގާފަތް ދުއްވާލަންޖެހޭ ކަމަށާއި މީހަކު ޖަލަށްލުމުން އެމީހެއްގެ އާއިލާ އަށް ކުރިމަތިވާ ހިތްދަތިކަން އިހުސާސްކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި ގިނަ ބަޔަކު ޝާމިލުވާ ކަމަށާއި ނަމަވެސް އެކަމުގައި އަދަބު ލިބެމުންދަނީ ހަމައެކަނި ޔާމީނަށް ކަމަށް ނާޒިމް ވިދާޅުވި އެވެ. އެއީ އެކަން ވެގެން ވާނެ ގޮތެއް ނޫން ކަމަށާއި ރާއްޖޭގައި އެންމެންގެ މައްޗަށް ވެސް ކަންކަން ކުރެވިގެންދާން ވާނީ ހަމަހަމަކަމާއި އިންސާފުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އައީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ.
މި ދައުވާތައް ސާބިތުވުމުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިހާރު ވަނީ ބަންދުވެފަ އެވެ.
ޔާމީން ޖަލުގައި އޮންނާތީ ކަންބޮޑުވޭ: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ