ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ގާނޫނެއް ހަދަން އޭސީސީން ލަފާދީފި
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގާ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އުފައްދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ލަފާދީފިއެވެ. ދައުލަތުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލާ އޭސީސީން މިކަން ހާމަކުރީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭގޮތުން ހެދި ދިރާސާއަކަށް ފަހުއެވެ. މި ދިރާސާއިން ފާހަގަކުރެވުނު ކަންކަމަށް ބަލައި އޭސީސީން ފާހަގަކުރި ގޮތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ނެގޭނެ ގާނޫނީ ނިޒާމެއް އޮތް ނަމަވެސް މި ނިޒާމު ވަށާޖައްސަން އެކަމަށް ހާއްސަ ގާނޫނެއް ބޭނުންވެއެވެ. އޭސީސީގެ ދިރާސާ ރިޕޯޓުގެ ނިންމުމުގައި ފާހަގަކުރި ގޮތުގައި، ބައެއް ކުށްތަކާ ގުޅިގެން ދައުލަތަށް ނެގޭ މުދާލާއި ފައިސާއާ ގުޅޭ ގޮތުން އަމަލުކުރާނެ ގޮތް ވަރަށް ފުރިހަމައަށް ބަޔާންކޮށްދީފައިވީ ނަމަވެސް އަނެއް ބައި ކުށްތަކާ ގުޅިގެން ނެގޭ ފައިސާ މެނޭޖުކުރާނެ ގޮތެއް ނޭނގުމަކީ ގޮންޖެހުމެކެވެ. ހަމައެހެންމެ، ކޮރަޕްޝަނުގެ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ފުރިހަމަ ނިޒާމެއް ގާއިމުނުކުރެވި ވާކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އޭގެ އިތުރުން މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުނު ނަމަވެސް، ކުށް ކުރަން ބޭނުންކުރި މުދަލާއި ފައިސާ ނެގޭނެ ގޮތެއް ބަޔާންކޮށްފައި ނުވާ މައްސަލަ ވެސް އޭސީސީން ފާހަގަކުރިއެވެ. މިކަންކަން ހައްލުކުރުމުގެ ގޮތުން ދިން ލަފާތަކުގެ ތެރޭގައި އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ހެދުމުގެ އިތުރުން އެހެނިހެން ކަންކަން ވެސް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވެނީ: ކުށް ކޮށްގެން ހޯދާފައިވާ ފައިސާއާއި މުދާކަމަށް އެކަށީގެންވާ ހެކި ތަހުގީގީ އިދާރާތަކަށް ލިބިފައިވާނަމަ، އެ ފައިސާއާއި މުދާ ސިވިލް ފޯފިޗާ ނުވަތަ ނޮން-ކޮންވިކްޝަން ބޭސްޑް ފޯފިޗާގެ ތެރެއިން، ދައުލަތަށް ނެގޭނެ ބާރު ދިނުން އެސެޓް ޑެކްލެރޭޝަން ނިޒާމް ގާއިމުވެގެން އަންނަ އިރު އެ ނިޒާމުގެ ތެރެއިން ކޮންމެހެން ހާމަކުރަންޖެހޭ މަޢުލޫމާތު އާންމުނަށް ފެންނާނެ ފަދަ ދެފުށްފެންނަ ނިޒާމެއް ގާއިމްކުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގައި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރާނޭ ގޮތް ލިޔުމުން އެކުލަވާލުމާއި، މި ލިޔުމުގައި އިދާރާތަކުގެ މެދުގައި މަޢުލޫމާތު ހިއްސާ ކުރާނެ ގޮތް ބަޔާންކުރުން ވިޔަފާރީގެ މުއާމަލާތްތަކަށް ދަތި ނުވާނެހެން ނަގުދު ފައިސާއިން ކުރާ މުއާމަލާތްތަކުގައި އެންމެ ގިނަ އަދަދަކަށް ބޭނުންކުރެވޭނެ ފައިސާގެ މިންވަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައެޅުން ޑެޒިގްނޭޓެޑް ނޮން-ފައިނޭންޝަލް ބިޒްނަސް އެންޑް ޕްރޮފެޝަންސް (ޑީއެންއެފްބީޕީ) ރެގިއުލޭޓްކުރުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުލަވާލުން އޭސީސީން ބުނާ ގޮތުގައި އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް އައިސް، ކުށް ކޮށްގެންނާއި ކުށް ކުރުމަށް ބޭނުން ކުރާ މުދަލާއި ފައިސާ ހޯދޭނެ ގޮތެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެން ދިޔުމަކީ ކުށްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އިދާރާތަކަށް ލިބޭ އިތުރު ބާރަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ