ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ

ކުރިޔަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި މިރެއިން ފެށިގެން ކުރިޔަށް އޮތް ދެ ދުވަހަށް މޫސުން ގޯސްވާނެ ކަމަށެވެ. ޚާއްސަކޮށް އުތުރާއިި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި އެ ސަރަހައްދުގެ ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އާންމުކޮށް ވައި ޖެހޭނީ 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށާއި ނަމަވެސް ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
އެހެންވެ، މޫސުން ގޯސްވެ ވާރޭ ވެހުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށާއި ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ކަންކަން ރަނގަޅަށް ބެލުމަށް ވެސް އިލްތިމާސް ކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ