ވަގުތީ ގޮތުން މައްސަލަ ހައްލުކޮށް ފުވައްމުލަކަށް ކަރަންޓު ދީފި

ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ ޏ. ފުވައްމުލަކުގެ އިންޖީނުގެ ޓްރާންސްފޯމަރަކަށް އަޅާފައިވާ އެޗްވީ ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ރެއިން ފެށިގެން އެރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭ މައްސަލަ ވަގުތީ ގޮތުން ހައްލުކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ. ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކުގެ ދަޑިމަގާއި ދިގުވާޑުގެ އިތުރުން ހޯދަޑުގެ ބައެއް ސަރަހައްދުތަކުން ރެއިން ފެށިގެން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވާ ކަމަށެވެ. "އަދި މިހާރު ވާނީ އެ މައްސަލައަށް ވަގުތީ ހައްލެއް ގެނެވި، މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދެވިފަ އެވެ. ހަލާކުވި ސައިޒުގެ އެޗުވީ ކޭބަލަކީ ރާއްޖެއިން ގަންނަން ލިބޭ ސައިޒުގެ ކޭބަލަކަށް ނުވާތީވެ، މި ކޭބަލް ރާއްޖެއިން ބޭރުން ގަތުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ." ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ފެނަކައިން ބުނީ ފުވައްމުލަކުގެ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ ގޮތުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެއް މެގަވޯޓުގެ ދެ އިންޖީނާއި ހަތަރު ޖިންކުނޮއިޒުގެ ޕެނަލް ބޯޑަކާއި ހަތަރު ޓުރާންސްފޯމާ ފޮނުވާފައިވާ ކަމަށެވެ. އަދި ފުވައްމުލަކުގެ ނެޓުވޯކު އަޕްގުރޭޑު ކުރުމުގެ ގޮތުން އިތުރު ޓުރާންސްފޯމަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ