އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން މަސައްކަތް ކުރާތަނެއް ނުފެނޭ

އައްޑޫސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށް އެމްޑީޕީގެރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކަރަންޓު މައްސަލައާއި ގުޅޭގޮތުން ޝާހިދު މިއަދު ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.
އެގޮތުން ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގިނަގުނަ ގެއްލުންތަކެއް ލިބެމުންދާކަން ޝާހިދު ފާހަގަކިރެއްވި އެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެންނަ ކަމަށް ވިދާޅުވި އެވެ.
‏އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ، މިކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށެވެ.
‏މީގެއިތުރުން ޝާހިދު ވަނީ، ރަމަޟާން މަހު ކަރަންޓުގެ އަސާސީ ހައްޤުން އައްޑޫ ރައްޔިތުން މަހުރޫމްނުކޮށް، ދަތިހާލު ނުޖައްސައި، ރޯދައިގެ ކުރިން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ