އަހުމަދު (އަސްލު ނަމެއް ނޫން)، 35 އަށް އެޕްރީލް 17، ވަނަ ދުވަހުގެ ރެޔަކީ އާދައިގެ ރެޔެކެވެ. ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ އަހުމަދު އެ ރޭ ފަތިހު ގެއަށް ދިޔައީ ބްރޭކް ގަޑިއަށެވެ. އޭނާ އެ ރޭ، އާދަޔާހިލާފު ކަންތައްގަނޑެއް ލައިގަތީ ބްރޭކް ނިންމާފައި އެނބުރި އޮފީހަށް ދިޔަ މަގުމަތީގަ އެވެ.
ކަލާފާނު ހިނގުމުން ދެކުނަށް ހިނގަމުން ދަނިކޮށް އަހުމަދު ހުއްޓުނީ ބުރުޒު މަގާ އަރާ ހަމަވިތަނުން ފިރިހެނަކު ގޮވަން ފެށުމުންނެވެ.
ކަޅު ސޯޓުބުރިއެއް ލައިގެން ހުސްގަޔާ ހުރި ޒުވާން ފިރިހެން މީހާގެ މޫނު މަތީގައި މާބޮޑު ހާސްކަމެއް ނެތެވެ. އަހުމަދު އެ ތަނަށް ހުއްޓުމުން ދުވެފަ ކަހަލަ ގޮތަކަށް އޭނާ ކައިރިއަށް އެ ޒުވާނާ އައެވެ.
އެ ރޭ އޭނާއާ ވާހަކަ ދެއްކީ އޭގެ ކުޑަވަގުތުކޮޅެއް ކުރިން ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އާ އެއެކު ފެންޓެނޯއީ ގޭތެރޭގައި އުޅުނު، އަދި ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ހައްޔަރުކުރި ރައުދު އަަހުމަދު ޒިލާލް 21، ކަން ވަނީ އެނގުނީ މި ވާހަކަ ރަށުތެރޭ ފެތުރުމުންނެވެ.
ރައްޔިތުންގެ ބޮޑު ސަމާލުކަމެއް ލިބިފައިވާ މި ހާދިސާއާ ގުޅޭގޮތުން ފެތުރެމުންދާ ދޮގާއި ތެދު މައުލޫމާތުތައް ވަކިކޮށް، މި މައްސަލާގެ އަޑިއަށް ފީނުމަށް މި ނޫހުގެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.
އަހުމަދާ ދިމާވީ މި މަސައްކަތުގެ ތެރެއިންނެވެ. އެ ރޭ ކަންހިނގާ ދިޔަގޮތް އޭނާ މި ނޫހަށް ކިޔައިދިނެވެ.
"އޭނަ [ރައުދު] ހަމަ މަ މަޑުކޮށްލުވާފަ ބުނީ ވެއްޓިގެނޭ ދޯ ބުނީ. ދެން ފޯނު ކޯލެއް ކޮށްލަން [ފޯނު] ދީބަލާށޭ ބުނީ. [ވެއްޓުނީ] ސީދާ ކޮން ތާކަށް ކަމެއް ނުބުނޭ، ފުރާޅަކަށޭ ބުނީ،" އޭނާ ބުންޏެވެ.
ވެއްޓުނީ ކާކު ކަމެއް ވެސް ރައުދު، އަހުމަދު ގާތު ނުބުނެ އެވެ. އަހުމަދުގެ ފޯނުން ރައުދު މީހަކަށް ގުޅި އެވެ. ނަމަވެސް ގުޅި ނަމްބަރުން ޖަވާބެއް ނުދިނެވެ. ފޯނު ނުނެގުމުން ރައުދު ވަރަށް ބޮޑަށް ހާސްވި ކަމަށް ވެސް އަހުމަދު ބުންޏެވެ.
"100 ރުފިޔާ ވެސް ދިއްކުރި. މަށެއް ނުހިފަން އެޔަކު. ދެން ދަމުން ބުނީ ތާސްޑޭ ނައިޓު ވީމަ ވީގޮތް ކަންނޭނގެއޭ.. ކިޔާފަ ނައްޓާލީ،" އަހުމަދު ބުންޏެވެ.
އަހުމަދު ހުއްޓުވަން ރައުދު، ކަލާފާނު ހިނގުމާއި ބުރުޒު މަގު ހަތަރު އަނގޮޅިއާ ދިމާލަށް ދާތަން މި ނޫހުން ބަލައި ދިރާސާކުރި ސެކިއުރިޓީ ފުޓޭޖަށް ވެސް އަރާފައި އެބަހުއްޓެވެ.
އޭނާގެ ފޯނު އަތުލައިގެން ގުޅި ނަންބަރު މި ނޫހުން ހޯދީމެވެ. އެ ނަންބަރުން ގުޅެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކަށެވެ. އުމުރުން 37 އަހަރުގެ އެ މީހާ މަސައްކަތް ކުރަނީ މާފަންނުގައި ހުންނަ ފަހާ ތަނެއްގަ އެވެ.
މި ނޫހުގެ ޓީމުން އެ ބިދޭސީ މީހާ ހޯދާ އޭނާއާ ވެސް ސުވާލުކުރީމެވެ. ރާއްޖެ އައިތާ އަހަރެއް ނުވާ ކަމަށާއި ރައުދުއާ ދުވަހަކު ވެސް ދިމާ ނުވާ ކަމަށް އޭނާ ބުންޏެވެ. ފޮޓޯ ދެއްކުމުން ވެސް ބުނީ ނޭނގޭ ކަމަށެވެ. ދިވެހި ބަހުން ފަރިތަކަމާއެކު އޭނާއަށް ވާހަކަ ވެސް ނުދެއްކެ އެވެ.
އަހުމަދުގެ ފޯނުން ގުޅި ކަމަށް ބިދޭސީ މީހާގެ ފޯނުގެ ކޯލު ލޮގުން ވެސް ހެކިދެ އެވެ. އެ ވަގުތު އޭނާ އޮތީ ނިދާފައި ކަމަށާއި ފަހުން ނުގުޅީ ފޯނުގައި ލާރި ނެތުމުން ކަމަށް ބިދޭސީ މީހާ ބުންޏެވެ. ބެލެވޭ ގޮތުގައި ރައުދު މި މީހާއަށް ގުޅީ މަސްތުގެ ހާލަތުގައި ހުރެ އެހެން މީހަކަށް ގުޅަން މަސައްކަތް ކުރަނިކޮށެވެ.
ފުލުހުން އަހުމަދު އާ ސުވާލު ކުރި ނަމަވެސް ބިދޭސީ މީހާއާ ސުވާލުކޮށްފައި ނުވެ އެވެ.
ފުލުހުން އާންމުކުރި ވީޑިއޯގެ ތަންތަންކޮޅުން ފެންނަ ގޮތުން ރައުދު އަދި ޔުމްނު ފެންޓެނޯއީ ކައިރިއަށް އައީ އެކަންޏެއް ނޫނެވެ. އެ މީހުންނާއެކު، އެ ރޭގެ ޕާޓީގައި ބައިވެރިވި ތިންވަނަ މީހަކު ވެސް އެ ގެ ކައިރިއަށް ދިޔަ އެވެ.
ޖީއެން ސައިކަލެއްގައި އޭނާ އިނީ ހުދު ގަމީހެއް ލައިގެންނެވެ. މިއީ އެ ރޭގެ ޕާޓީއަށް ދިޔަ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް އޭނާ އެނބުރި އެ މަގަށް އަންނަ ވާހަކަ ފުލުހުން ނުބުނެ އެވެ.
މި ނޫހުން ބެލި ދެތިން ގަޑިއިރުގެ ވީޑިއޯ ފުޓޭޖުން އެނގޭ ގޮތުގައި ރައުދު އަދި ޔުމްނު ފެންޓެނޯއީ އަށް ވަންފަހުން އެ މީހާ ދެ ބުރެއްގެ މަތިން އެ ގޭ ކުރިމަތިން ދުއްވި އެވެ. އެއީ އެ މީހުން އެ އިމާރާތަށް ވަނުމުގެ ދެ މިނެޓު އަދި ހަތަރު މިނެޓު ފަހުންނެވެ.
މިއީ ކާކު ކަމެއް، އަދި އޭނާ އެނބުރި އެ ތަނަށް ދިޔަ ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް ފުލުހުން ދިން މައުލޫމާތުން މިއީ މި މައްސަލާގައި ހިމެނޭ މީހެއްކަން ޔަގީންވެ އެވެ.
ވޭތުވެދިޔަ ދެތިން ދުވަހު ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އާންމުވީ، ރައުދުގެ ފަހަތުން މީހަކު ދުވެފައި ދާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. މި ނޫހުގެ ޓީމުން ވާނީ އެއީ ކާކުކަން ހޯދުމަށް އެ ސަރަހައްދުގެ ހަތަރު ކެމެރާއެއްގެ ފުޓޭޖުތައް ދިރާސާކޮށްފަ އެވެ.
މިގޮތަށް ކުރި މަސައްކަތުން އެ މީހާ ވަނީ ހޯދިފަ އެވެ. އުމުރުން 21 އަހަރުގެ މުހައްމަދު (އަސްލު ނަމެއް ނޫން) މި ނޫހަށް މައުލޫމާތު ދިނީ ނަން ނުޖެހުމަށް ޝަރުތުކުރުމަށް ފަހު އެވެ.
އެޕްރީލް 17، ވީ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން އެ ރޭ މެންދަމާ ހަމައަށް މުހައްމަދު އުޅުނީ މާލެއިން ބޭރުގަ އެވެ. ރަހުމަތްތެރިންނާއެކު މަސް ދަތުރެއްގަ އެވެ. އެކަން އޭނާގެ ރަށްޓެހިންގެ ވާހަކަ އާއި އެ މީހުންގެ ފޯނުގައި ހުރި ފޮޓޯ އަދި ވީޑިއޯތަކުން އެނގެ އެވެ.
މަސް ދަތުރަށްފަހު މާލެ އައިސް ފެންޓެނޯއީ ގެ ސަރަހައްދަށް މުހައްމަދު ދިޔައީ އެ ރޭ 3:00 ހާއިރު އެވެ. އެއީ އޭނާގެ ރަހުމަތްތެރިއެއްގެ ގެއަށެވެ. ފުލުހުން ދޭ މައުލޫމާތުން އެނގޭ ގޮތުގައި އޭރު ޔުމްނު، ރައުދު އަދި ޕާޓީގެ އެހެން ބައިވެރިން ތިބޭނީ، ފުރަތަމަ ޕާޓީ ބޭއްވި ގެ ކަމަށްވާ މއ. މާންދޫގެ ދެކުނުގޭގަ އެވެ.
ހާދިސާ ހިނގުމަށް ފަހު ރައުދުގެ ހަރަކާތްތައް މަގުމަތީގައި ހުރި ގޮތްތައް ރަތް ރޮނގުން މެޕުގައި ފާހަގަކޮށްފައި
އެ ގެ ހުންނަނީ، ފެންޓެނޯއީ ގެ ހުންނަ މަގަކުވެސް ނޫނެވެ. ބޮޑަށް ކައިރީ ރައުދު މެން ދެވަނައަށް ދިޔަ ކަށިވެލި ގެއާ އެވެ. އެ ގެ ހުންނަނީ އަމީނީ މަގާއި ބުރުޒު މަގާ ދެމެދު، ކަށިމާ ހިނގުމުން ވަދެވޭ ގޮތަށް އޮންނަ ހަނި ގޯޅިއެއް ތެރޭގަ އެވެ. މުހައްމަދު އާއި ރައުދު ދިމާވީ އެ ގޯޅި ތެރެއިންނެވެ.
"ރަށްޓެއްސެއްގެ ގެއިން ފައިބާ ތިރީގަ އިނީ. އޭނާ ސައިކު އަނެއް ދުވަހު ބޭނުން ކޮށްލަން ނަގަންވެގެން، ސައިކު ތަޅުދަނޑި ވައްޓާލަންދެން. އެހެން އިންދާ އެ ދިމާލުން މީހަކު ގޮވީ. ބްރޯ، ބްރޯ އޭ ކިޔާފަ. ހުސް ގަޔާ ހުރީ،" މުހައްމަދު ކިޔައިދިނެވެ.
ރައުދު، މުހައްމަދު ގާތަށް އައިސް އެދުނީ އައިފޯން ޗާޖަރަކަށެވެ. އެ ވަގުތު މުހައްމަދުގެ އަތުގައި ޗާޖަރެއް ނެތް ކަމަށް ބުނުމުން ވެސް ރައުދު ގޮތް ދުލެއް ނުކުރި އެވެ.
"އެ ހިސާބުން ބުނީ މިއުޅެނީ ރައްޓެއްސަކު އިމާރާތަކުން ވެއްޓިގެންނޭ. ރައުދު ބުނީ ރައްޓެހި މީހާ ވެއްޓޭތަން ތިމަންނައަށް ފެނުނޭ. ޔަގީންހޭ އެހީމަ ވެސް ބުނީ އާނއެކޭ. ފެނުނޭ. އެކަމު ވެއްޓުނީ ކޮންތަނަކުން، ކޮންތާކަށް ކަމެއް ނުބުނޭ،" މުހައްމަދު ބުންޏެވެ.
ފުލުހުންނަށް، އާއިލާއަށް، ނުވަތަ އެމްބިއުލާންސަކަށް ގުޅައިފިންހޭ އެހުމުން ރައުދު ބުނީ ފޯނު ނިވިފައިވާ ކަމަށެވެ. ފޯނު ޗާޖުކޮށްދޭން ފައިސާ ވެސް ހުށަހެޅި އެވެ. މުހައްމަދު ބުނަނީ އެ ފައިސާގައި ނުހިފާ ކަމަށެވެ.
"ރަނގަޅު ކަމެއް ކޮށްދޭން ވެގެން ފޯނު ޗާޖު ކޮށްދިނީ. އޭނަ ކައިރި އެހިން އޯކޭހޭ ރައްޓެހި މީހާގެ ގެއަށް އަރާފައި ޗާޖުކޮށްގެން އަޔަސް އޯކޭހޭ. އޭނާ އޯކޭއޭ ބުނީމަ އެރީ. އެކަމު ޗާޖުކޮށްގެން ފޭބިއިރު އޭނާ ނެތް،" މުހައްމަދު ބުންޏެވެ.
ތިރިއަށް ފޭބިއިރު، ރައުދު ނެތުމުން މުހައްމަދު ނުކުތީ ކަށިމާ ހިނގުމަށެވެ. އެ ތަނުން ވެސް އޭނާ ނުފެނެމުން، ބުރުޒުމަގާ ދިމާލަށް ގޮސް، އެ ތަނުން ވެސް ރައުދު ނުފެނުމުން މުހައްމަދު ހިނގީ ސްޓެލްކޯއާ ދިމާލަށެވެ. މި ހުރިހާ މަންޒަރެއް ކެމެރާތަކަށް އަރާފައިވެ އެވެ.
"ސްޓެލްކޯއާ ދިމާލަށް ގޮސް އެނބުރުނު ތަނުން ފެނުނީ ރައުދު ބުރުޒު މަގުން އެ ގެއާ (ފެންޓެނޯއީ) ދިމާލަށް ދަނިކޮށް. އެހެންވެ ދުއްވައިގަތީ. ދުވެފަ ދިޔައިރު ރައުދު ހުރީ ބުރުޒުމަގުގަ ހުރި ގޯޅި ގަނޑެއްތެރޭ. އޭރު އެ މަގުގައި ދެ މީހަކު ތިބި ސައިކަލެއްގަ މަޑުކޮށްގެން. ރައުދު ހުރީ އެ މީހުންނާ ވާހަކަ ދައްކަން،" މުހައްމަދު ބުންޏެވެ.
ރައުދު އާ އެ ދެ މީހުން ވާހަކަ ދައްކާތަން ކެމެރާ ފުޓޭޖުން ފެނެ އެވެ. ނަމަވެސް އެއީ ރައުދު ގުޅައިގެން އައި ބައެއް ކަމެއް ނޭނގެ އެވެ. އެ މީހުން މިހާތަނަށް ދެނެގަނެވިފައި ނުވެ އެވެ.
މި ވާހަކަތައް މުހައްމަދު ފުލުހުންނާ ހިއްސާކުރީ އަމިއްލައަށް އިސް ނަގައިގެންނެވެ.
މި މައްސަލާގައި ފުލުހުން އާންމުކުރި، އަދި މި ނޫހުން ހޯދި ފުޓޭޖުތަކުން ފާހަގަވި އެއް ކަމަކީ ކެމެރާތަކުގެ ޓައިމް ސްޓޭމްޕު ދިމާނުވުމެވެ. ދެ ކެމެރާއެއްގެ ޓައިމް ސްޓޭމްޕު އެއްވަރެއް ނޫނެވެ. ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ކަން ހިނގާދިޔަ ގޮތުގެ ޓައިމްލައިނެއް ހަދަން ދަތިވަނީ މިހެންވެ.
ޓައިމް ސްޓޭމްޕްތަކުގައި މައްސަލަ އުޅޭކަން ފާހަގަވީ، އެ ފުޓޭޖުތަކުގެ ބޭރުން ލިބުނު ހެކިތަކުންނެވެ. އެގޮތުން، އަހުމަދުގެ ފޯނު އަތުލައި ރައުދު ބިދޭސީ މީހާއަށް ގުޅީ އެ ރޭ ފަތިހު 5:03 ގަ އެވެ. ބިދޭސީ މީހާގެ ފޯނުންވެސް މި ގަޑި ކަށަވަރުވެ އެވެ.
ފެންޓެނޯއީއަށް ވަނީންސުރެއް އަލިވިލެންދެން އެ ގޭގެ ދޮރު ފެންނަ ކެމެރާ ފުޓޭޖު މި ނޫހުގެ ޓީމުން ވަނީ ބަލާފަ އެވެ. އެ ފުޓޭޖުގެ ޓައިމް ސްޓޭމްޕުން ދައްކާ ގޮތުން ރައުދު ކަލާފާނު ހިނގުމާ ދިމާލަށް ދަނީ 5:13 ގަ އެވެ. އެއީ 10 މިނެޓުގެ ތަފާތެކެވެ. ފުލުހުން މައުލޫމާތު ދިންއިރު މި ވާހަކައެއް ނުބުނެ އެވެ.
އެހެން ފުޓޭޖުތަކުން ބަލާއިރު ވެސް، އަސްލު ވަގުތާ ކެމެރާތަކުގެ ޓައިމް ސްޓޭމްޕުތަކާ ދިމާނުވާ ކަން އެނގެ އެވެ. އެހެންކަމުން ފުލުހުން ގަޑި ގުނަނީ ކިހިނެއްކަން ސާފެއް ނުވެ އެވެ. ނޫސްވެރިންނަށް ފުލުހުން ކިޔައިދީފައިވަނީ ކެމެރާތަކުގައިވާ ގަޑިތަކެވެ.
ޓައިމް ސްޓޭމްޕުތައް ތަފާތުވާތީ، މި ހަރަކާތްތަކުގައި ގަޑިތައް ގެނެސްދޭން ދައްޗެވެ.
ނަމަވެސް، ފޯނުން ގުޅި ގަޑިއާ އަޅާކިޔުމުން، ޔުމުން ވެއްޓޭ ކަމަށް ފުލުހުން ބުނާ ވަގުތަށް ފަހު ރައުދު އެންމެ ފުރަތަަމަ ފެންޓެނޯއީ އިން ނުކުތީ 4:58 ގަ އެވެ.
އޭގެ ކުރިން އެ ގެއިން މީހަކު ނުކުމެ އެވެ. މި ނޫހުން އެކި މީހުންނާ ސުވާލު ކުރުމުން ބުނީ އެއީ އެ ގޭގައި ކުއްޔަށް އުޅޭ މީހެއް ކަމަށެވެ. އޭނާ ގެއިން ނުކުންނަނީ ރައުދަށް ވުރެ ސިކުންތުތަކެއް ކުރިންނެވެ. އެ ދެ މީހުން ސިޑި މަތިން ނުވަތަ ލިފްޓުން ދިމާވި ކަމެއް ވެސް ޔަގީނެއް ނޫނެވެ. އޭނާއާ ސުވާލު ކުރެވޭ ގޮތެއް ވަނީ ނުވެފަ އެވެ.
ފެންޓެނޯއީ ގެއިން ނުކުތް ގޮތަށް ރައުދު ބަލަނީ މައްޗަށެވެ. ފެންޓެނޯއީ އަދި، ޔުމްނު އޮތް ހ. މިޓާޒްގޭގެ ފުރާޅާ ދިމާލަށެވެ. އަދި އަނގަޔާ ދިމާލަށް އަތް ގެނެސް ގޮވާ މަންޒަރު ވެސް ފެނެ އެވެ. އޭނާ ދެން ގޮސް އިށީންނަނީ އެ އިމާރާތުގެ ކުރިމަތީ ހުރި ސައިކަލެއްގަ އެވެ. އޭރު ރައުދު އަތުގައި އޭނާގެ ފޯނު އޮތެވެ.
ފެންޓެނޯއީ އިމާރާތުގެ ތިރީގައި ހުންނަ ބުރުޒު ކޭޓަރިންގައި މަސައްކަތް ކުރާ މީހުންގެ ހަރަކާތްތައް ވެސް ކެމެރާއަށް އަރާފައިވެ އެވެ. އެގޮތުން ރައުދު، ޔުމްނުއަށް ގޮވާ އަޑަށް އެ ތަނުން އެކަކު ފެންޓެނޯއީގެ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ބޯދިއްކޮށްލަ އެވެ. އޭރު މަގުމަތީ ހުރި ބުރުޒުގެ މުވައްޒަފަކާ ރައުދު ވާހަކަ ދައްކަ އެވެ.
ނިވިފައި އޮތް ފޯނު ދެއްކުމަށް ފަހު ރައުދު އިޝާރާތް ކުރަނީ ފުރާޅާ ދިމާލަށެވެ. ބޮޑަށް ހީވަނީ ފޯނު ކޯލެއް ކުރަން އެދެނީ ކަމަށެވެ. ބުރުޒުގެ މުވައްޒަފު އެކަމަށް ދެކޮޅު ހަދައި އެ ތަނުން ދުރަށްދެ އެވެ. އެއަށްފަހު ވެސް ރައުދު މައްޗަށް ބަލަން ހުއްޓެވެ. ދޮޅު މިނެޓެއް ހާއިރު މަގުމަތީ އުޅުމަށް ފަހު ރައުދު އަނެއްކާ ވެސް ވަންނަނީ ފެންޓެނޯއީ އަށެވެ.
ޔުމްނުގެ ހައްގުގައި ޒުވާނުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން: ވިދިވިދިގެން މި އެއްވުން ބާއްވާ ހަތަރު ވަނަ ދުވަސް --- ފޮޓޯ: އަދަދު
ދެވަނަ ފަހަރަށް ރައުދު އެ ގެއިން ނުކުންނަނީ އޭގެ ތިން ވަރަކަށް މިނެޓު ފަހުންނެވެ. އެ ފަހަރު ވެސް އޭނާ ނުކުމެ ބަލަނީ މައްޗަށެވެ. އިންނަނީ ޕާކުކޮށްފައި ހުންނަ ސައިކަލެއް މަތީގަ އެވެ. އޭގެ 30 ސިކުންތު ފަހުން ގޭގެ ދޮރުމައްޗަށް ދިޔުމަށް ފަހު ދަނީ ކަލާފާނު ސްކޫލާ ދިމާލަށެވެ. މިއީ އޭނާ އާއި އަހުމަދު ދިމާވި ވަގުތެވެ.
އަހުމަދުގެ ފޯނު ބޭނުންކޮށް އޭނާއާ ވާހަކަ ދައްކަން ރައުދު ދެ މިނެޓެއްހާއިރު ނަގަ އެވެ. ދެން އެނބުރި އައިސް އޭނާ ފުރަތަމަ ދަނީ ފެންޓެނޯއީގޭގެ ދޮރު ހުރަސްކޮށް ހުޅަނގަށެވެ. ގޮސް މަޑުކުރަނީ ފެންޓެނޯއީ ގެއާ ޖެހިގެން އޮންނަ ގޯޅިން އޭރު ނެރެފައި އޮތް ބުރުޒު ކޭޓަރިންގެ ވޭން ކައިރި އެވެ. އާންމުކުރި ވީޑިއޯގައި ފެންނަ މީހާ އަކީ އެ ތަނުގެ މުވައްޒަފެކެވެ.
އެ ވެހިކަލް ކައިރި ހުރުމަށް ފަހު ދުވެފަ ކަހަލަ ގޮތަކަށް ރައުދު އަނެއްކާ ވެސް އައިސް ފެންޓެނޯއީ އަށް ވަދެ އެވެ. މިފަހަރު ރައުދު އެ ގޭގައި ހަތަރު ވަރަކަށް މިނެޓު ހޭދަކުރި އެވެ. މިފަހަރު ނުކުމެ ވެސް ރައުދު މައްޗަށް ބަލާ ކޮންމެވެސް އެއްޗެއް ގޮވަ އެވެ.
ރައުދުގެ މިސްރާބު ދެން ހުރީ ބުރުޒު މަގުން ހުޅަނގަށެވެ. މިއީ ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ އެންމެ ފަހު މަންޒަރެވެ. އޭގެ ފަހުން ރައުދު ފެންޓެނޯއީ ކައިރިއަށް ދިޔަ ކަމެއް ނުވަތަ އޭނާ ފެންނަ އެއްވެސް ފުޓޭޖެއް ހުރިކަމަށް ފުލުހުން މިހައިތަނަށް ބުނެފައެއް ނުވެ އެވެ.
ނަމަވެސް މި ނޫހުން ބެލި ބެލުމުން އޭގެ ފަހުން ވެސް ފެންޓެނޯއީ ކައިރީގައި ރައުދު ހަރަކާތްތެރިވިކަން އެނގެ އެވެ.
އެކި ސީސީޓީވީތަކުގެ ފުޓޭޖުތައް ބަލައި ދިރާސާ ކުރިއިރު، ފުލުހުން ދެއްކި ސީސީޓީވީ ފުޓޭޖު ނިމޭ ހިސާބުން ބުރުޒު މަގުން ހުޅަނގަށް ގޮސް ރައުދު އަޅަނީ ކަށިމާ ހިނގުމަށެވެ. އެ ތަނުން ގޮސް، އެ މަގުގައި ހުންނަ ގޯޅިގަނޑަށް ވަދެ، އޭނާގެ ފޯނު މުހައްމަދާ ހަވާލުކުރެ އެވެ. އެ ވާހަކަ ކުރިން ގެނެސްދީފައި ވާނެ އެވެ.
މުހައްމަދު އޭނާގެ ރަހުމަތްތެރިޔާގެ ގެއަށް އެރުމުން، ރައުދު އަނެއްކާ ވެސް ބުރުޒު މަގަށް އާދެ އެވެ. ކަށިމާ ހިނގުން ކަންމަތީ ހުރުމަށް ފަހު އޭނާ އެ މަގުން އުތުރަށް ދެ އެވެ. ސިކުންތުކޮޅެއް ފަހުން އަނެއްކާ ވެސް ބުރުޒު މަގަށް އާދެ އެވެ. އޭނާ ދެން ވަންނަނީ ފެންޓެނޯއީ އިމަރާތުގެ ހުޅަނގުން އޮންނަ ގޯޅިއަށެވެ.
ގޯޅި ތެރޭ ދެ މިނެޓު ހޭދަކުރުމަށް ފަހު ރައުދު އަނެއްކާ ވެސް ދަނީ ބުރުޒު މަގުން ހުޅަނގަށެެވެ. މިފަހަރު އޭނާ ކަށިމާ ހިނގުން ހުރަސްކޮށް ދެ އެވެ. ބެލެވޭ ގޮތުގައި އޭނާ މަޑުކުރަނީ ބުރުޒުމަގާއި ދޮންއަދަރާދަ ހިނގުން ގުޅޭ ކަންމަތީގަ އެވެ.
އެ ވަގުތު އެހެންދާ ސައިކަލެއް އައިސް ރައުދު ކައިރިއަށް ހުއްޓަ އެވެ. ސައިކަލުން މީހަކު ފައިބާތަން ވެސް ފެނެ އެވެ. ނަމަވެސް އެއީ ކޮންކަހަލަ ސައިކަލެއްކަން ދެނެގަނެވޭ ވަރަށްވުރެ ވީޑިއޯ ނުސާފެވެ. އެ ތަނުގައި ހަތަރު ވަރަކަށް މިނެޓު ހޭދަ ކުރުމަށް ފަހު ރައުދު އެނބުރި އަންނަނީ ފެންޓެނޯއީ އާ ދިމާލަށެވެ.
ސައިކަލުގައި އަންނަ ދެ މީހަކު ރައުދު ކައިރި ހުއްޓިގެން : އެ ދެ މީހުންނާ އޭނާ ވާހަކަ ދައްކާ ---
މުހައްމަދަށް އޭނާ ފެނި، ފަހަތުން ދުވެފަ އައިސް ފޯނު ދޭން ގޯޅިގަނޑަށް ވަންނަ މަންޒަރު އާންމުވެފައިވާ ވީޑިއޯތަކުން އެ ފެންނަނީ އެ ވަގުތު އެވެ. އޭރު މުހައްމަދު ބުނިހެން ސައިލެއްގައި އައި ދެ މީހަކު ގޯޅިގަނޑާ ދިމާލުގައި ތިބެ އެވެ. މުހައްމަދު ދިޔުމުން ރައުދު ނުކުމެ އެ ދެ މީހުންނާ ވާހަކަ ދައްކަން ހުރެ އެވެ.
އެ މީހުންނާ ވާހަކަ ދައްކަމުން ރައުދު މީހަކަށް ގުޅާ މަންޒަރު ވެސް ފެނެ އެވެ. ގުޅައިގެން ހުރެ އޭނާ ދަނީ ކަށިމާ ހިނގުމަށެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ ދަނީ އެ މަގުން އުތުރަށެވެ. ދެން އޭނާ ގޮސް އިންނަނީ ކަށިމާ ހިނގުމާއި ބުރުޒު މަގާ ގުޅުނު ކަންމަތީ ހުރި ސައިކަލެއްގެ މަތީގައި ފޯނާ ކުޅޭށެވެ.
އެހެން ދެތިން މިނެޓު ހޭދަކުރުމަށް ފަހު އޭނާ އަނެއްކާ ވެސް ފެންޓެނޯއީއާ ދިމާލަށް އާދެ އެވެ. އޭރު އޭނާ ހުރީ ފޯނުން މީހަކަށް ގުޅައިގެންނެވެ. ފޯނުން ވާހަކަ ދައްކާތަން ވެސް ސީސީޓީވީ ފުޓޭޖުން ފެނެ އެވެ. އޭރު އަސްލު ގަޑިން 5:27 ވަނީ އެވެ. މިއީ މި ނޫހަށް ލިބިފައިވާ ކެމެރާތަކުގެ ފުޓޭޖަށް ރައުދު އަރާ ފަހު ފަހަރެވެ.
ފުލުހުން ނުދައްކާ މަންޒަރާއި ރައުދުގެ ހަރަކާތްތައް، ޔުމްނު ވެއްޓުނު މަންޒަރު ފެނުނު ކަމަށް އޭނާ ބުނި ފުލުހުން ނުދައްކާ މަންޒަރާއި ރައުދުގެ ހަރަކާތްތައް، ޔުމްނު ވެއްޓުނު މަންޒަރު ފެނުނު ކަމަށް އޭނާ ބުނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ