ރައީސްގެ ރާގު ބަދަލުކޮށް، ޔުމްނު ވެއްޓުނު ހާދިސާ ސިޔާސީ ކުރި ކަމަށް އިންކާރު ކުރައްވައިފި ރައީސްގެ ރާގު ބަދަލުކޮށް، ޔުމްނު ވެއްޓުނު ހާދިސާ ސިޔާސީ ކުރި ކަމަށް އިންކާރު ކުރައްވައިފި

އެޕްރީލް 18 ވީ ހުކުރު ދުވަހުގެ ފަތިހު ހައްވާ ޔުމްނު ރަޝީދު 21، އުސް އިމާރާތެއްގެ މަތިން ވެއްޓުނު ހާދިސާ ވަރަށް ބޮޑަށް ސިޔާސީ ކުރައްވައި އެކަމުގެ ޒިންމާ އިދިކޮޅު ޕާޓީން ނަގަންޖެހޭ ފަދަ މޭރުމަކުން ވާހަކަ ދައްކާފައި ނުވާނެ ކަމަށް އާއިލާގެ ފަރާތުން އެކަމުގެ ކަންބޮޑުވުން ހިއްސާ ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައީސް މުއިއްޒު ވަނީ މިއަދު އެ ގައުމުގެ ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. ގްރޭންޑް ހަޔަޓް ހޮޓެލްގައި ބޭއްވި މި އިވެންޓަށް ޔުމްނުގެ އާއިލާގެ ފަރާތުން އޭނާގެ ޅިޔަނުގެ ދައްތަ ދިޔަ އެވެ. އޭނާ އެތަނަށް ދިޔައީ ހާދިސާގެ ހުރިހާ ފުޓޭޖެއް އާއިލާއަށް ދިނުމަށް ރައީސްގެ ކިބައިން އާއިލާގެ ފަރާތުން އެދުމަށެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާގައި މި ހާދިސާގެ ޒިންމާ ނަގަން ޖެހޭނީ "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓް ކުރި ސިޔާސީ ޕާޓީން ކަމަށް ރައީސް ވިދާޅުވެފައިވާތީ ކަންކަން އިސްލާހު ކުރުމަށް ވަޑައިގެންނެވުމަށް ފަހު އެފަދަ ގޮތަކަށް ވާހަކަ ދެއްކެވުމުގެ ކަންބޮޑުވުން ވެސް އާއިލާގެ ފަރާތުން ރައީސްއާ ހިއްސާކުރި އެވެ.
"ބުނީމާ ބުނީ ތިމަންނަ އެހެން މީން ކުރި އެއްޗެއް ނޫނޯ. ތިމަންނަ ރިފާއެއް ނުކުރަމޯ އެ އިންސިޑެންޓަށް. މަ ބުނިން މަ ބަލަންށޭ ހުރީ. މަ ބުނީ ހަމަ އެގްޒެކްޓްލީ އެހެންނޭ ބުނީ. ބުނީމާ ބުނަނީ ތިމަންނަ ކޮންމެހެން އެހެން މީންކޮށްފައެއް ނޫނޭ،" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ އަދަދު އަށް ކިޔައިދިނެވެ.
އެ ޖަލްސާގައި ރައީސް ސީދާ ވިދާޅުވީ "މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާ" މިހެންނެވެ. ނަމަވެސް، އެ ވާހަކައިގެ ރާގު ބަދަލުކޮށް އެ ހާދިސާއާ ގުޅޭގޮތުން ވާހަކަ ނުދައްކަވާ ކަމަށް އާއިލާ ކައިރީ ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ނޫސްވެރިންނާ ބައްދަލުކުރިއިރު މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވޭތީ ރައީސްއާ ސުވާލު ކުރުމުން އެއްވެސް މައުލޫމާތެއް އެ ވަގުތަށް ލިބިފައި ނުވާ ކަމަށް ރައީސް ވިދާޅުވި ކަމަށް އާއިލާއިން އަދަދު އަށް މައުލޫމާތު ދިނެވެ.
"މަ ބުނިން ތި މީހުން ވިކްޓިމް ޝޭމް ކުރަން ވެގެންނޭ އެ ފުޓޭޖު ދެއްކީ. އެހެން ނޫނިއްޔާ އެ ފުޓޭޖު ދެއްކުމުގެ އެއްވެސް މަގުސަދެއް ނެތޭ. ބުނީމާ ބުނީ ތިމަންނަ ގަބޫލުކުރަމޯ، ތިމަންނަ މިހާރު އެކަމާ ބެހޭ ގޮތުން، އެ ކަންކަން ބަލަންށޯ ތިމަންނަ މި އުޅެނީ،" އޭނާ ކިޔައިދިނެވެ.
އެ ބައްދަލުވުމުގައި ވީޑިއޯ ފުޓޭޖުތައް މުޅި ގައުމަށް ފެންނަ ގޮތަށް ދައްކައިލުމުން އެ ކަމާ ގުޅިގެން އާއިލާގެ އޮތް ހިތްހަމަނުޖެހުން ރައީސްއާ ހިއްސާކުރި ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ އަދަދު އަށް ބުންޏެވެ.
"ބުނީ ތިމަންނަ ގަބޫލު ކުރަމޯ އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް. އެއީ އެއްގޮތަކަށް ވެސް އެ ކަންތައް ދާންވީ ގޮތެއް ނޫނޯ. ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބުންޏެއް ނޫންހޯ އެއީ އުސޫލުގެ ބޭރުން ވެފައި އިން ކަމެކޭ،" ރައީސްގެ ޖަވާބު ކިޔައިދެމުން އެ މީހާ މައުލޫމާތު ދިނެވެ.
ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަންޖެހޭ ހުރިހާ ފަރުވާއަކަށްދާ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ބުނުމަށްފަހު ފަހު ވަގުތު، އެހީގެ ބޮޑު ބައި ކަނޑާލުމުގެ ހިތްހަމަނުޖެހުން ވެސް އާއިލާގެ ފަރާތުން ރައީސްއާ ހިއްސާކުރި އެވެ.
އެޕްރީލް 24، ގައި ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވި ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަކީ ރައީސް މުއިއްޒު ފުރަތަމަ ފަހަރަށް މި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ޖަލްސާ އެވެ. އެހެން ޖަލްސާތަކާ ހިލާފަށް އެރޭ ރައީސް ދެއްވީ ތަންކޮޅެއް ކުރު ސްޕީޗެކެވެ. އެ ސްޕީޗުގައި ވަރަށް ބޮޑަށް ފިތުނައިގެ ވާހަކަ އާއި ތެދާއި ދޮގުގެ ވާހަކަ ދައްކަވާފަ އެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރުގައި ވެސް، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރައްވާ ކޮންމެ މީހެއް ވެސް ގަބޫލުކުރައްވާނެ ގޮތުގައި، ބިރަކާ ނުލައި މަޖާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރި މީހުން މީގެ އަހަރުތަކެއް ކުރިން،" ރައީސް ވިދާޅުވި އެވެ.
"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން" އެއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި ސިޔާސަތެކެވެ. އެއީ އެ ޕާޓީން ހުށަހެޅި ކުޅިވަރާ މުނިފޫހިފިލުވުމުގެ ސިޔާސަތެވެ.
"އޭގެ ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ދިވެހި ލޮބުވެތި ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއަށް ވުރެ އަޅުގަނޑުމެން ލޯ ހުޅުވެން ޖެހޭނެ. އަޅުގަނޑުމެން ވާން ޖެހޭނެ ތެދާއި ދޮގު ވަކި ކުރަން އެނގޭ ބަޔަކަށް،" އެ ރޭ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ