5 މީހުންނާ އެކު ހުޅުމާލެއަށް ދަތުރުކުރި "ބްރިލިއަންޓް ކެރިއާ" ދޯނި ގެއްލިއްޖެ

ފަސް މީހުންނާއެކު ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯނި، "ބްރިލިއަންޓް ކެރިއާ" ގެއްލިއްޖެއެވެ. ފުލުހުން ބުނީ، ހުޅުމާލެ އައުމަށް އެ ދޯނި ގައްދޫއިން ފުރީ، ރޭ އަށެއްޖެހިކަންހާއިރު ކަމަށެވެ. ދޯނި ގެއްލުނުއިރު، އޭގައި ތިބީ ތިން ދިވެހީންނާއި ދެ ބިދޭސީންނެވެ. ފުލުހުން ބުނި ގޮތުގައި އެންމެ ފަހުން އެ ދޯންޏަށް ގުޅުނީ، ރޭ ދަންވަރު 02:40ގައެވެ. އޭރު ކެޕްޓަން ބުނެފައިވަނީ ދޯނި ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނައިރުތަކެއް ނުވާ ކަމަށް، ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އޭގެ ފަހުން ދޯނީގެ ޚަބަރެއް ނުވެއެވެ. މި މައްސަލަ މިއަދު ހަވީރު 18:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކޮށް، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ދޯނި ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ