ޓެކްނޯ މޯބައިލްގެ އައު އައިނުގައި އޭއައި އެސިސްޓެންޓެއް

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ޓެކްނޯ މޯބައިލްގެ ޓެކްނޯ އޭއައި ގްލާސްއާއި ޓެކްނޯ އޭއައި ގްލާސް ޕްރޯ ދައްކާލައިފިއެވެ. ޓެކްނޯ މޮބައިލްއިން ތައާރަފު ކުރި އައިނަކީ އާދައިގެ އަވިއައިނެއްހާ ލުއި، އަދި މޮޅު އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަކެތި ދެނެގަތުމާއި ލިޔުންތައް ޚުލާސާކުރުން ފަދަ ކަންކަން ކުރެވޭނެ އައިނެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އޭއައި ގްލާސް އާއި، އޭއައި ގްލާސް ޕްރޯ، ދެ މޮޑެލެއް ނެރެފައިވާއިރު، ޕްރޯ މޮޑެލްގައި އޯގްމެންޓެޑް ރިއަލިޓީ (އޭއާރު) ޑިސްޕްލޭއެއް ހިމަނައިފައިވާ ކަމަށް ކުންފުނިން ބުނެފައިވެއެވެ. މި ޑިސްޕްލޭ މެދުވެރިކޮށް، އެ މީހަކު ތަނަކަށް ދާއިރު ވަގުތުން މަގު ދައްކުވައިދޭނެއެވެ. ޓެކްނޯ މޮބައިލްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އައިނުތައް ހުންނާނީ އޭވިއޭޓާ ސްޓައިލް އަދި އައިބްރޯ ފްރޭމް އޮޕްޝަންތަކުގައެވެ. އަދި މި އައިނުތަކުގައި ހަރުކޮށްފައިވާ ކެމެރާ މެދުވެރިކޮށް އެކި ބާވަތުގެ އޭއައި ފީޗާތައް ބޭނުންކުރެވޭނެއެވެ. ޓެކްނޯ މޮބައިލްއިން މި އައިނުތައް ދައްކާލައިފައިވަނީ، ދުނިޔޭގެ ޓެކްނޮލޮޖީގެ އެންމެ ބޮޑު ޝޯ އެމްޑަބްލިއުސީ 2025 ފެށެން ގާތްވެފައި ވަނިކޮށެވެ. އެ ޝޯ ފެށޭނީ މާދަމާއެވެ. އެމްޑަބްލިއުސީ 2025ގައި މި އައިނުތައް މަސައްކަތްކުރާ ގޮތް ދައްކާލުމަށް ޓެކްނޯއިން ރާވާފައިވެއެވެ. އަދި މި އައިނު ބޭނުންކުރާ މީހާ ސުވާލުކުރުމުން އެ މީހަކާ ވާހަކަ ދައްކާ އޭއައި އެސިސްޓެންޓެއް ހިމަނައިފައިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި އައު ޓެކްނޮލޮޖީ ތަޢާރަފުކުރުމާއެކު، ޓެކްނޯއިން އެމްޑަބްލިއުސީ 2025 ގައި އިތުރު އައު ސްމާޓްފޯނުތަކެއް ވެސް ތަޢާރަފުކުރާނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ