ޕޭމެންޓް މޯލްޑިވްސްގެ ނަމުގައި އެމްއެމްއޭއިން ކުންފުންޏެއް އުފައްދަނީ ޕޭމެންޓް މޯލްޑިވްސްގެ ނަމުގައި އެމްއެމްއޭއިން ކުންފުންޏެއް އުފައްދަނީ

ރާއްޖޭގެ ޕޭމެންޓް ނިޒާމު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި "ޕޭމެންޓް މޯލްޑިވްސް" ގެ ނަމުގައި ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށް އޮންލައިން ޕޭމެންޓް ސިސްޓަމްތައް ބޭނުން ކުރެވޭގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ކޮމިޓީން ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެމްއެމްއޭއިން ބުނީ ރާއްޖޭގެ ޕޭމެންޓް ނިޒާމު މެދުވެރިކޮށް ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ އޮތޯރިޓީން އިސްނަގައިގެން 2023 ވަނަ އަހަރު ތައާރަފުކުރި "ފަވަރަ" ޕޭމެންޓް ސިސްޓަމް ފަދަ ރީޓެއިލް ޕޭމެންޓް ސިސްޓަމްގެ ހިންގުން ހަރުދަނާ ކުރުމާއި އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ޕޭމެންޓް މޯލްޑިވްސްގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްްއޭއިން ބުނީ އެ ކުންފުނި ހިންގާނީ އެމްއެމްއޭގެ މަސްއޫލިއައްޔަތުތަކާއި މުޅީން ވަކީން ވަކި މެނޭޖުމެންޓެއްގެ ތެރެއިން ކަމަށެވެ.
އޭގެއިތުރުން ފަވަރަ އާއި އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް ގުޅައިލުމުގެ ރަސްމީ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
"މި ހިދުމަތް ގާއިމު ކުރެވުމުން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމަށް ފަސޭހަވެ، އޮންލައިން ނިޒާމުތައް މެދުވެރިކޮށް އަވަސްކަމާއި ރައްކާތެރިކަމާއެކު ކްރޮސް ބޯޑާ މުއާމަލާތްތައް ކުރުމުގެ މަގުތަކެއް ހުޅުވިގެންދާނެ އެވެ، މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެހެނިހެން ގައުމުތަކުގައި ގާއިމު ކުރެވިފައިވާ މިފަދަ ސިސްޓަމްތަކާއި ފަވަރަ އާއި ގުޅުވައިލުމަކީ މި އޮތޯރިޓީގެ ދުރު ރާސްތާ އަމާޒެކެވެ،" އެމްއެމްއޭގެ ސިޓީގައި ބުންޏެވެ.
ފައިނޭންޝަލް ޓެކްނޮލޮޖީ ކުރިއަރުވައި ފަހި މާހައުލެއް ގާއިމު ކުރުމުގެ މަގުސަދުގައި ފިންޓެކް ރެގިއުލޭޓަރީ ސޭންޑްބޮކްސްއަކާއި އިނޮވޭޝަން ހަބެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ