ސައުދީގެ ވަލީއަހުދާ ރައީސް ބައްދަލުކުރައްވައިފި
ސައުދީ އަރަބިއްޔާގެ ވަލީއުލް އަހުދު އަދި އެގައުމުގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލް ސައުދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ. ރައީސް މިވަގުތު ހުންނެވީ ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް ހައްޖަށް ވަޑައިގެން އެ ގައުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މިއަދު ސައުދީ އަރަބިއްޔާގެ ވަލީއުލް އަހުދު ވަނީ އީދު ދުވަހުގެ އުފަލުގައި މިނާ ޕެލެސްގައި ހަފުލާއެއް ބާއްވައިފައެވެ. މި ހަފުލާގައި މިއަހަރު ހައްޖަށް ވަޑައިގެން އެކި ގައުމުތަކުގެ އިސްވެރިންނާއި ދީނީ ގޮތުން ފާހަގަކޮށްލެވޭ ބޭބޭފުޅުން އަދި ހައްޖު މިޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ. މި ހަފުލާގައި ވެސް ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގަތެވެ. https://x.com/presidencymv/status/1931365568072007864 މި ސަރުކާރުން ދާދި ފަހުން ވަނީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އައްޔަން ކުރައްވާފައެވެ. ރައީސް ވަނީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް ކުރީގެ ރައީސް ވަހީދުގެ އަރިހުން އެދިވަޑައިގެންނެފައެވެ. މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އިބްރާހީމް މުހައްމަދު ޞާލިހާ ވެސް ސައުދީގެ ވަލީއަހުދު ވަނީ ބައްދަލު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ