އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތައް ކުޅުމަކީ މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އޭގެތެރޭގައި މުސްލިމުންގެ ސަގާފަތާއި، ދިވެހީންގެ އާދަކާދައާއި ނުގުޅޭ، އަދި ދީނީގޮތުން ހުއްދަ ނޫން އެތައް ކުޅިވަރުތަކެއް ވެސް ހިމެނޭކަމީ އެންމެން ދަންނަ ހަގީގަތެކެވެ.
ނަމަވެސް އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތް ކަމުގައިވާ އިސްލާމް ދީނުގެ ހުކުމްތަކާއި، އުސޫލްތަކާއި ފުށުނާރާގޮތަށް އީދު ކުޅިވަރުތައް ބޭއްވުމަށް، މަދުން ނަމަވެސް ރާއްޖޭގެ ބައެއް ރަށްރަށުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ގޮންޖެހުން ބޮޑުކަމެއް ކަމަށް ވީނަމަވެސް މެއެވެ.
އޭގެތެރެއިން އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއެވެ. މަކުނުދޫގައި މިފަހަރު އީދު ކުޅިވަރުތައް ރާވާ ހިންގަނީ ކައުންސިލުން އިސްވެ އޮވެ ރައްޔިތުންނާއި ގުޅިގެންނެވެ. މި ނޫހަށް މައުލޫމާތު ހިއްސާ ކުރަމުން އިވެންޓްތައް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ އޮފިސަލަކު ބުނީ އިސްލާމީ އުސޫލުތަކާއި ފުށުނާރާ ގޮތަށް އީދު ފާހަގަ ކުރުމުގެ މަސައްކަތަކީ މީގެ އަހަރުތަކެއް ކުރީން ފެށިގެން އެ ރަށުގައި ކުރަމުން އަންނަ ކަމެއް ކަމަށާއި، މިއީ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ.
މިކަމުގައި ދިމާވާ ގޮންޖެހުމާއި ކޮމިއުނިޓީތެރޭ އޮންނަ ތަފާތު ވިސްނުންތައް ހިއްސާކުރަމުން އޭނާބުނީ މިރޭ ބޮޑުހުޅު ރޯކުރުމަށް ތައްޔާރު ކޮށްފައިވާ، ތަނުގައި ރޭ ބަޔަކު ރޯކޮށްލައި ގެއްލުންދީފައިވާ ކަމަށެވެ.
"އިވެންޓްތައް އޯގަނައިޒް ކުރުމުގައި މިބަލަނީ އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން އެކަންކަން ގެންދަން، ނަމަވެސް އަދިވެސް ބޭނުންވާ އެންމެ ފުރިހަމައަށް އެބަދަލު ނުގެނެވޭ، ހަރުލާފައި ހުންނަ ގޯސް އާދަތަކާއި ގަބޫލުކުރާ ގަބޫލުކުރުންތައް އެއްދުވަހުން ދެދުވަހުން ކުރެވޭ މަސައްކަތުން އެންމެ ފުރިހަމައަށް ބަދަލެއް ނުކުރެވޭ، ވުމާއިއެކު ވިސްނައިގެން މަޑުމަޑުން ކަންކަން ބަދަލު ކުރަމުން މިހާރު ވެސް މި ގެންދަނީ، އޭގެ ހެޔޮ ނަތީޖާ ވެސް ދަނީ ފެންނަމުން" އޮފިޝަލް ވިދާޅުވިއެވެ.
މަކުނުދޫގެ އީދު ހަރަކާތްތައް މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ފަށާފައެވެ. އެއީ އީދު ބޮނޑި އެޅުމުންނެވެ. އެއީ އީދު އައުމުގެ ކުރީން މަކުނުދޫގައި އަބަދުވެސް ކުރަމުން އަންނަ އެ ރަށުގެ ސަގާފީ ހަރަކާތެކެވެ. އީދަށް ރަށުގެ މަގުތައް ދިއްލާލުމުގެ މަސައްކަތް މިހާރު ވެސް ވަނީ ފަށާފައެވެ.
އީދު ވެދުމާއި ދިއުމާއި އީދު ހުޅުޖެހުމުގެ ހަރަކާތްތައް މިރޭ ކުރިއަށް ގެންދަން ރާވާފައިވާއިރު، މާދަމާ އީދު ނަމާދަށް ފަހު ހަދިޔާ ދިނުމާއި އުޟްހިޔާ ކަތިލުން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. އީދު ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެވެ. އެ ރޭ ސަގާފީ ޓެލްންޓް ޝޯއެވެ.
ހަތްވަނަ ދުވަހު ބޮޑުޖާފަތާއި މާލި ޕެރޭޑެވެ. އަށްވަނަ ދުވަހު ޓާސްކް ގޭމްސްއެވެ. ނުވަވަނަ ދުވަހު ވަގުކުޅުމެވެ. އީދު ހަރަކާތްތަކުގެ އެންމެ ފަހު ދުވަސް ކަމުގައިވާ ދިހަވަނަ ދުވަހު މަސްރޭހެވެ. ޓާސްކްގޭމާއި ވާދެމުން ފަދަ ކުޅިވަރުތައް ރާވާފައިވަނީ ދެ ޖިންސަށް ވަކީންނެވެ. ނުވަވަނަ ދުވަހު އީދު ކުޅިވަރުތައް ނިމިގެންދާނީ މަސްރޭހުންނެވެ.
އިތުރަށް މައުލޫމާތު ހިއްސާކުރަމުން އޮފިޝަލް ބުނީ މަކުނުދޫގައި އީދު ކުޅިވަރު ކުޅުމަށް މި އަހަރު ބާއްވާ އެއްވެސް ހަރަކާތެއްގައި މިއުޒިކް ނުހިމެނޭނެ ކަމަށެވެ. އަދި ދެޖިންސް މަސްހުނިވެ ހިންގޭ އެއްވެސް ހަރަކާތެއް ވެސް ނޯންނާނެ ކަމަށެވެ. އީދަކީ މިއުޒިކް ނުޖަހާ އަދި ޖެހިންސް މަސްހުނި ނުވެ ވެސް ފާހަގަ ކުރެވޭ އުފާފާޅު ކުރެވޭ މުނާސަބާއަކަށް ހަދަން އެންމެން ވެސް މަސައްކަތް ކުރަން ޖެހޭކަމަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
"އިމުގެ ތެރެއިން" އީދު ކުޅިވަރު ކުޅެ މަކުނުދޫއިން ނަމޫނާ ދައްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ