ދުންފަތުން ދުރުކުރުމަށް ކަނޑައަޅާ ޖެނެރޭޝަން ބޭންއާ މެދު ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ ދުންފަތުން ދުރުކުރުމަށް ކަނޑައަޅާ ޖެނެރޭޝަން ބޭންއާ މެދު ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ

ޒުވާން ޖީލު ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރު ކުރުވަން ގާނޫނަށް ބަދަލު ގެނެސްގެން މިހާރު 25 އަހަރު ވެފައި ތިބި މީހުންނަށް "ޖެނެރޭޝަން ބޭން" އާ މެދު ވަޒީރުންގެ މަޖިލީހުން މިއަދު ގޮތެއް ނިންމާނެ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ވަދެވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުގެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއް މެދުވެރިކޮށް ރައީސް ވިދާޅުވީ، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އަދި، މިކަމުން ޒުވާނުން ދުރުކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދުގެ ކެބިނެޓު ބައްދަލުވުމުގަ އިރާދަކުރެއްވިއްޔާ މި ހުރިހާ ކަމެއްގެ އަލީގަ މަޝްވަރާކޮށް އިރާދަކުރެއްވިޔާ ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ޖީލު ސަލާމަތްކުރުމަށްޓަކައި، އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައަކީ ދުންފަތުގެ އިސްތިއުމާލުކޮށްގެން ޖެހޭ ބަލިތައް ޖެހޭ މުޖުތަމައަކަށް ނެހެދުމަށްޓަކައި ގޮތެއް އިރާދަކުރެއްވިޔާ ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
މި ވީޑިއޯގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިވަގުތު ރާއްޖޭގެ އާބާދީއަކީ 411،741 ދިވެހިން ކަަން ފާހަގަކުރައްވާފަ އެވެ. އާބާދީގެ 30 އިންސައްތަ އަކީ ޖެނުއަރީ 1، 2007 ގެ ފަހުން އުފަންވެފައިވާ މީހުންނެވެ. މިއީ ޖެނެރޭޝަން ބޭން އަށް ރައީސް ހުށަހެޅުއްވި އެއް ތާރީހެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މުޅި އާބާދީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މި ޖެހޭ ގައިންގަޔަށް ނާރާ ބަލިތައް. އޭގެތެރޭގަ ކެންސަރު ބައްޔާއި ހިތުގެ ބައްޔާ، މިހެންގޮސް އެކި ކަހަލަ ބަލިތައް. މި ބަލިތަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން ސަރުކާރުން އެންމެންނާ ގުޅިގެން އެބަޖެހޭ މަސައްކަތްތަކެއް ކުރަން،" ރައީސް ވިދާޅުވި އެވެ.
ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ކަމަށް ބުނެ ރައީސް ވަނީ ސޯޝަލް މީޑިއާ ޕޯލެއްވެސް ނަގާފަ އެވެ. މި ޕޯލުގައި އޮތީ ރައީސް ހުށަހެޅުއްވި ތިން ގޮތެކެވެ.
އެއީ 2000 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެންނަށް، ނޫނީ 2004 ވަނަ އަހަރުގެ ފަހުން ވިހެއި އެންމެނަށް ނޫނީ 2007 ވަނަ އަހަރުން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ ހުރިހާ އުފެއްދުމެއް މަނާކުރުމެވެ.
ރައީސްގެ ޕޯލަށް ލިބުނު ޖުމްލަ ވޯޓުގެ 61 ޕަސެންޓު ވޯޓު ލިބުނީ 2000 އިން ފެށިގެން ވިހެއި އެންމެނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ. މިގޮތަށް ގާނޫނު ބަދަލުކޮށްފިނަމަ މި އަހަރު އުމުރުން 25 އަހަރު ފުރޭ މީހުންނަށް ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ އެވެ.
މިފަދަ ގާނޫނެއް ވުޖޫދުވެއްޖެ ނަމަ ރާއްޖެ ވެގެންދާނީ އާބާދީގެ ބަޔަކަށް ދުންފަތް މަނާކުރާ ފުރަތަމަ ގައުމަށެވެ. ރައީސްގެ ޖެނެރޭޝަން ބޭންއާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން މިދިޔަ ހަފުތާ ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާވެސް ބައްދަލުކޮށްފަ އެވެ.
މީގެއިތުރުން، ދުންފަތުގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް ރައީސް ވަނީ މިފަހުން ވާހަކަދައްކަވާފަ އެވެ. އެގޮތުން، އެމަނިކުފާނުގެ ޕޮޑްކާޓުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ސިނގިރޭޓު އެތެރެކޮށް އެ ވިޔަފާރިކުރަނީ އެމަނިކުފާނާ ސިޔާސީ ގޮތުން ދެކޮޅު މީހުން ކަމަށް ވިދާޅުވެ، ސިނގިރޭޓު ވިއްކުން ހުއްޓާލައި "އެހެން ކަމަކާ އުޅުމަށް" ގޮވާލައްވާފަ އެވެ.
ދުންފަތުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރަން ހަތަރު އަހަރުގެ ޕްލޭނެއް ހަދަން ސަރުކާރުން މިދިޔަ އަހަރު ނިންމި އެވެ. އެ ޕްލޭން އަދި އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ސަރުކާރުން ހުށަހަޅައިގެން, ގާނޫނުތައް ބަދަލުކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕް އެތެރެ ކުރުން މަނާކޮށް، ޖެހިގެން އައި ޑިސެމްބަރު 15 އިން ފެށިގެން ވޭޕް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނު ބަދަލުކޮށް ކޮންމެ ސިނގިރޭޓަކުން ނަގާ އިމްޕޯޓު ޑިއުޓީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 8ރ. އަށް މަތިކޮށްފަ އެވެ. އަދި، ދުންފަތުގެ އެހެން ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓު ވަނީ ބޮޑުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ