މަޖީދީ މަގަށް އެއްވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި މަޖީދީ މަގަށް އެއްވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ޒުވާނުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާގައި މަޖީދީ މަގަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ޔުމްނު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި މިދިޔަ ހަފުތާއިން ފެށިގެން މުޒާހަރާ ކުރަމުން އަންނަ ޒުވާނުން ކޮންމެ ރެއަކު ވެސް އެއްވަނީ މަޖީދީ މަގު ހެންވޭރު ޕޮލިސް ސްޓޭޝަން ކައިރިއަށެވެ. އެކަމަކު ފުލުހުން ބުނީ މިއަދު އެތަނަށް އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
ކުރިން އެންގުމަކައި ނުލައި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގެކެވެ. އެކަމަކު އެ ހައްގު ހަނި ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނެއް ހެދި އެވެ. އެ ގާނޫނުގެ ދަށުން މާލޭގައި އެއްވެވޭނީ ސަރުކާރުން ހުއްދަ ދޭ ތަނަކަށް އެކަންޏެވެ.
"ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށ،ް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަވެސް ދަންނަވަން،" ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ. ފުލުހުން އެހެން ބުނިއިރު، ގާނޫނުއަސާސީގައި ހުއްދަ ކޮށްފައި އޮތް މިންވަރަށް މުޒާހަރާ ކުރުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ