ފިލްމުތަކުގެ ވިޔަފާރި ދަށް ވަނީ ޑިޖިޓަލް ޕްލެޓްފޯމަށް ފިލްމުތައް ދޫކޮށްލާތީ: އާމިރު ޚާން
ބޮކްސް އޮފީހުގައި ފިލްމުތައް ނުހިނގުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މާ އަވަހަށް އެ ފިލްމުތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ދޫކޮށްލާތީ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފިއެވެ. އިންޑިއާގެ މުމްބާއީގައި މިހާރު ކުރިއަށްދާ ވޭވްސް ސަމިޓްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ސިނަމާތަކުގައި ފިލްމު ރިލީޒް ކުރުމަށްފަހު އެ ފިލްމެއް ޑިޖިޓަލް ޕްލެޓްފޯމަކަށް ދޫކޮށްލަން މިހާރު ކަނޑައަޅާފައިވާ މުއްދަތު މާ ކުޑަ ކަމަށެވެ. ސިނަމާތަކުން ފިލްމު ނެގުމަށްފަހު ޑިޖިޓަލް ޕްލެޓްފޯމަކަށް އާއްމުކޮށް އެ ފިލްމު ދޫކޮށްލަނީ 45 ދުވަސް ފަހުންނެވެ. މި މުއްދަތު އަދިވެސް އިތުރުކުރަންޖެހޭ ކަމަށް ދެކޭ ކަމަށާއި އެހެންނޫނީ ފިލްމު ޕްރޮޑިއުސަރުންނަށް ނޭނގި ނަމަވެސް އަމިއްލަ ވިޔަފާރީގެ ކުރި މަރާލެވެނީ ކަމަށް އާމިރު ވަނީ ބުނެފައެވެ. ބޮލީވުޑް އެކްޓަރު އާމިރު ޚާން ވޭވްސް ސަމިޓްގައި ވާހަކަ ދައްކަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ މިފަހަކަށް އައިސް ބޮލީވުޑްގައި އުފައްދާ ފިލްމުތަކަށް ލިބޭ އާމްދަނީ ކުޑަވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އާމިރު ދެން ބުނެފައި ވަނީ އިންޑިއާގައި ފިލްމު ތިއޭޓަރުތައް މަދުވުން ކަމަށެވެ. މުޅި އިންޑިއާއަށް ނަޒަރު ހިންގާލިއަސް 10،000 ތިއޭޓަރު ވެސް އިންޑިއާގައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އިންޑިއާގެ އާބާދީއާ އަޅާ ބަލާއިރު އެއީ ވަރަށް މަދު އަދަދެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. ބޭރު ދުނިޔޭގެ ޤައުމުތަކަށް ނަޒަރު ހިންގާލާއިރު އެމެރިކާގައި އެކަނި ވެސް 40،000 ތިއޭޓަރު އެބަހުރި ކަމަށާއި ދާދިފަހުން އާމިރު ޒިޔާރަތްކުރި ޗައިނާގައި 90،000 ތިއޭޓަރު އެބަހުރި ކަމަށް ތަޖުރިބާކާރު އެކްޓަރު ވަނީ ބުނެފައެވެ. ދުނިޔޭގެ އެންމެ ގިނަ ފިލްމު އުފައްދާ ޤައުމަކީ އިންޑިއާއަށްވާއިރު ވިހާވެސް ގިނަ ސިނަމާ ހޯލްތައް ތައާރަފްކޮށް އެކަމަށް އިންވެސްޓު ކުރުމަކީ މުހިއްމު ކަމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ. އެހެންނޫނީ ކުރިމަގުގައި އިންޑިއާގައި އުފައްދާ ފިލްމުތައް ބަލަން ސިނަމާ ހޯލަށް ވަންނާނެ މީހުންގެ އަދަދު މިހާރަށްވުރެ ވެސް މަދުވުމުގެ ބިރު ފިލްމު އިންޑަސްޓްރީއަށް އެބައޮތް ކަމަށް އާމިރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ