ޢަލީ އިޙްޞާން ފިރާޤް
ހެނދުނު ސަޔަށް ހަނޑުލު ގުޅައާއި މަސްރޮއްޓެވެ. ނުވަތަ ޑިސްކާ މަސްހުންޏެވެ. މެންދުރު ކެއުމަށް ކާށިކިރުގައި ކައްކާފައި ހުންނަ ކިރުގަރުދިޔައެވެ. ހަވީރު ސަޔަށް އަނެއްކާވެސް ހެދިކާ ކޮތަޅެކެވެ. ރޭގަނޑުގެ ކެއުމަށް ދިވެހި ހުނި ހަވާދުގައި ހަދާފައިވާ ކޮންމެވެސް ރިހައެކެވެ. މިއީ ގިނަ މީހުންގެ ކެއުން ހުންނަ ގޮތެވެ. ގިނަ ކާތަކެތީ ހެދުމަށް ކާށްޓަކީ ދިވެހިންނަށް މަޖުބޫރު މާއްދާއެކެވެ. ނަމަވެސް ކާއްޓަކީ އަހަރެމެންގެ ރަހަތަކާ ކިތަންމެ ރައްޓެހި އެއްޗަކަށްވިޔަސް އަހަރެމެންގެ ސިއްހަތާ އެހާ ރައްޓެހި އެއްޗެއް ނޫނެވެ.
ކާށްޓަކީ ސެޗުރޭޓެޑް ފެޓުން މުއްސަނދިވެފައިވާ އެއްޗެކެވެ. ސެޗުރޭޓެޑް ފެޓަކީ އާއްމުކޮށް އެއްގަމު މަހުގެ ބާވަތްތަކުގައި ހުންނަ ބާވަތެކެވެ. ގަހުގައި އަޅާ ކާނާގެ ބާވަތްތަކުގެ ތެރެއިން މިބާވަތުގެ ފެޓްސް އެންމެ ގިނައީ ކާށީގައެވެ. މީގެ އިތުރުން ކޭކު ބިސްކޯދު އަދި ހެދިކާފަދަ ތަކެތީގައިވެސް ސެޗުރޭޓެޑްފެޓްސް ގިނަ އަދަދަކަށް ހުރެއެވެ.
ސެޗުރޭޓެޑް ފެޓް ގިނައިން ކާނަމަ ލޭގައި ކޮލެސްޓްރޯލް ހާއްސަކޮށް ލޯޑެންސިޓީ ލިޕޯޕްރޮޓީން(އެލްޑީއެލް) ނުވަތަ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު އިތުރުވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމަށް މަގުފަހިކުރެއެވެ.
ދިވެހިރާއްޖޭގެ ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިންގައި ބުނާ ގޮތުން އެންމެ ރަނގަޅު ގޮތަކީ ކާށްޓާއި ކާށި ކިރު ބޭނުން ކުރުން މަދުކުރުމެވެ. ރިހަ ކެއްކުމަށް ކިރު ބޭނުން ކުރާނަމަ ވީހާވެސް މަދުން ކާށި ކިރު ބޭނުން ކުރުމެވެ. އަދި މަސްހުނި ހަދާއިރު ކާށިހުނި މަދުކޮށްފައި އެއަށް އަޅާ ތަރުކާރީގެ ބާވަތްތައް ގިނަ ކުރެވިދާނެއެވެ. އެގޮތުން ކޮޕީފަތް ބަށި ތޮރާ މުރަނގަތޮޅި ބަރަބޯ ފަދަ ތަކެތި މަސްހުނީގައި ގިނަކޮށްލާފައި ހުނި މަދުކޮށްލުމުން މާބޮޑަށްވެސް ފައިދާ ކުރާނެއެވެ. ހަމައެހެންމެ ބަތްކައްކާއިރާއި ރޮށިފިހާއިރު ތެލާއި ކާށިހުންޏާއި ކާށިކިރުގެ ބާވަތްތައް މަދުން ބޭނުން ކުރުން މުހިންމެވެ. މުގުރިހަ އާއި ކިރުގަރުދިޔަ ފަދަތެކެތި ކައްކާއިރު މަދުން ކިރު އަޅައިގެން ކެއްކުމުން އޭގެ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.
ކާށްޓަކީ އިހުދިވެހިންގެ މައިގަނޑު ކެއުމެވެ. ނަމަވެސް އޭރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ތަފާތެވެ. އޭރުގެ މީހުން އުޅުނީ މުރާލި ދިރިއުޅުމެކެވެ. އެހެންކަމުން އޭރާއި މިހާރު އަޅާ ކިޔުމަށް ވަރަށް ގިނަ ކަންތައްކަަށް ވިސްނަންޖެހޭނެއެވެ.
ވީހާވެސް މަދުން ކާށި ބޭނުން ކުރުން- ސިއްހަތަށް އެންމެ ފައިދާހުރި ގޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ