މައްކާ ރޫޓް އިނިޝިއޭޓިވް: އިމިގްރޭޝަންގެ ބޮޑު ބައި ނިންމާނީ ރާއްޖޭގައި، ހައްޖެރިންނަށް ބޮޑުތަނުން ލުއިވާނެ މައްކާ ރޫޓް އިނިޝިއޭޓިވް: އިމިގްރޭޝަންގެ ބޮޑު ބައި ނިންމާނީ ރާއްޖޭގައި، ހައްޖެރިންނަށް ބޮޑުތަނުން ލުއިވާނެ

ދިވެހި ހައްޖުވެރިން މި އަހަރު ސައުދީ އަރަބިއްޔާއަށް ދަތުރު ކުރާއިރު، މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖޭ ބައިވެރިކޮށްފައިވާތީ ހައްޖުވެރިން ފުރާނީ އެ ޕްރޮގްރާމުގެ ދަށުން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ހައްޖުވެރިންނަށް އިމިގްރޭޝަންގެ ކަންކަން ލުއިކޮށްދިނުމަށް 2019 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. އޭގެ ދަށުން އިމިގްރޭޝަންގެ ބޮޑު ބައި ހައްޖުވެރިން ފުރިހަމަ ކުރާނީ ދިވެހިރާއްޖޭގެ އެއާޕޯޓުގަ އެވެ.
އެގޮތުން، ވިސާ ޖެހުން، ބަޔޯމެޓްރިކް ޑޭޓާ ނެގުން، ހެލްތު ޗެކަޕްސް އަދި ލަގެޖް ޓެގު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. މައްކާއަށް ގޮސް ހައްޖުވެރިން މަޑު ކުރަންޖެހޭނީ ވަރަށް ކުޑަ އިރުކޮޅެކެވެ.
އެ ޕްރޮގްރާމުގެ ދަށުން ލިބޭ އަނެއް ލުޔަކީ ލަގެޖުތައް ސީދާ ހޮޓަލަށް ފޮނުވުމެވެ. އެއިރުން، އިމިގްރޭޝަން ބައި ފުރިހަމަ ކުރުމަށްފަހު ހައްޖުވެރިން ސީދާ ހޮޓަލަށް ދާންވީ އެވެ.
މިއީ މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ބައިވެރި ކުރި ފުރަތަމަ ފަހަރެވެ. އެ ޕްރޮގްރާމް ތައާރަފު ކުރީ އެންމެ ގިނައިން މީހުން ހައްޖަށް ދާ ގައުމުތަކަށް އަމާޒުކޮށެވެ. އެ ޕްރޮގްރާމުގައި މިހާރު ބައިވެރިކޮށްފައި ވަނީ މޮރޮކޯ، އިންޑޮނީޝިއާ، މެލޭޝިޔާ، ޕާކިސްތާން، އައިވަރީ ކޯސްޓް އަދި ތުރުކީ އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެއިން އަލަށް ބައިވެރިވާތީ އެ ޕްރޮގްރާމް ހިންގާ ޓީމަކުން މިއަދު ވަނީ ރާއްޖެ އައިސް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އާ ބައްދަލު ކުރައްވައިފަ އެވެ. މައްކާ ރޫޓް އިނިޝިއޭޓިވްގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެ ބައްދަލުވުމުގައި ޝަހީމް ދެއްވި އެވެ.
ހައްޖު އިނިޝިއޭޓިވްގެ ވަފުދު މިއަދު ވަނީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އިސް ވެރިން އަދި މަސައްކަތު ޓީމަކާއެކު ވެސް ބައްދަލު ކުރެއްވުމެއް ބާއްވައިފަ އެވެ.
މި އަހަރު ވެސް ސައުދީ އަރަބިއްޔާއިން ވަނީ ރާއްޖެއަށް 1000 ހައްޖު ކޯޓާ ދީފަ އެވެ. ދިވެހި ހައްޖުވެރިން ފުރާނީ މެއި 26، މެއި 27، މެއި 29، މެއި 30، ގަ އެވެ. ހައްޖުވެރިން ފުރާނީ މޯލްޑިވިއަންގެ ދެ ބޯޓުގައި އަދި ސައުދީ އެއާގެ ދެ ބޯޓެއްގަ އެވެ.
ދިވެހި ހައްޖުވެރިން ހައްޖު ދަތުރުގައި އާންމުކޮށް 20 ނުވަތަ 25 ދުވަސް ހޭދަ ކުރެ އެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މުއްދަތު މިފަހަރު އެންމެ 15 ދުވަހަށް ކުޑަކޮށްފަ އެވެ. ހައްޖު ދަތުރުގެ މުއްދަތު މަދު ކުރި ނަމަވެސް ހައްޖުވެރިންނަށް ޑިސްކައުންޓެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ