ސިޓީ ބަލިކޮށް، ކްރިސްޓަލް ޕެލަސްއިން ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށްޓެއް ކާމިޔާބުކޮށްފި

އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، ކްރިސްޓަލް ޕެލަސްއިން ތަށި އުފުލާލައިފިއެވެ. މި މުބާރާތް ޕެލަސްއިން ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިގޮތުން މިމެޗުގައި ސިޓީން ވަނީ މެޗުގެ 78.3 އިންސައްތަ ކޮންޓްރޯލްކޮށް 23 ހަމަލާ އުފައްދާފައެވެ. ނަމަވެސް މިއާއެކުވެސް ސިޓީއަށް ޕެލަސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މި މެޗުގައި ޕެލަސް އިން ކުޅެފައިވަނީ ވަރުގަދައަށް ޑިފެންޑްކޮށް، ލިބޭ ފުރުސަތުތަކުގައި ކައުންޓާ އެޓޭކް ކުރާގޮތަށެވެ. މިގޮތުން ސިޓީން ބޯޅަ ކޮންޓްރޯލްކޮށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރަމުންދަނިކޮށް ޕެލަސްއިން އުފެއްދި ފުރަތަމަ ކައުންޓާ އެޓޭކްގައިވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެބެރެޗީ އެޒޭއެވެ. މި ލަނޑާއެކު ޕެލަސްއިން އެޓީމުގެ ޑިފެންސް އިތުރަށް ވަރުގަދަ ކުރިތަން ފެނުނެވެ. އެ ލަނޑު ޖެހިތާ މާގިނަ އިރުތަކެއް ނުވެ ސިޓީން އުފެއްދި ހަމަލާއެއްގައި ޕެލަސްގެ ކީޕާ ޑީން ހެންޑަސަން ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ އެއީ ރަތް ކާޑު ދައްކަންޖެހޭ ހާދިސާއެއް ނޫންކަމަށް ނިންމައި ކުޅުން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. ވީއޭއާރުން ބުނީ އެ ބޯޅައަށް ހަރަކާތްތެރިކުރި ސިޓީގެ ފޯވަޑް އާލިން ހާލަންޑްގެ ހަރަކާތް ހުރީ ގޯލާ ދުރަށް ކަމަށާއި އެހެންކަމުން ހެންޑަސަންވަނީ ގޯލް ޖަހަން ލިބުނު ހުސް ފުރުސަތަކަށް ހުރަސް އަޅާފައިނޫން ކަމަށެވެ. ނަމަވެސް ހެންޑަސަން އެ ބޯޅައިގައި އަތްލާ ބޯޅަ ދުރަށް ފޮނުވާނުލިނަމަ އެ ބޯޅަ ކޮންޓްރޯލްކޮށް ލަނޑަކަށް ހެދުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ފަރާތްތަކަކުން ބުނެއެވެ. ޑެނިއެލް މުނޯޒް ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ބަލައިގެންފައެއް ނުވޭ -- ފޮޓޯ/ ދަ ގާޑިއަން އިންގްލަންޑްގެ ކުރީގެ ފޯވަޑް ވޭން ރޫނީ ވެސް ވަނީ އެއީ ކަނޑައަޅިގެން ރަތް ކާޑެއް ކަމަށް ބުނެފައެވެ. ނަމަވެސް ވީއޭއާރާއި މެޗުގެ ރެފްރީއަށް ހެންޑަސަންގެ ފައުލް ފާހަގަ ނުވުމުގެ ނަތީޖާއަކަށްވީ އޭނާ މެޗު ނިމެންދެން ކުޅުމެވެ. މިމެޗުގައި ޕެލަސް މޮޅުވުމުގައި ހެންޑަސަން ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. މިމެޗުގައި ސިޓީއަށް ލަނޑެއް ޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުގައި ވެސް ޕެލަސްގެ ހުރަހަކަށްވީ ހެންޑަސަންއެވެ. މެޗުގެ 36 ވަނަ މިނެޓުގައި ސިޓީއަށް ލިބުނު ޕެނަލްޓީ އޮމަރު މަރްމޫޝް ޖެހުމުން ހެންޑަސަންވަނީ ޕެނަލްޓީ ދިދާއުކޮށްފައެވެ. މިއީ އެފް އޭ ކަޕްގެ ތާރީޚުގައި ކުޅުމުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް ކީޕަރަކު މަތަކުރި ފުރަތަމަ ފަހަރެވެ. މިމެޗުގެ ދެވަނަ ހާފުގައިވެސް ސިޓީން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމަށް އެކަން ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އަދި ޕެލަސްއިން ކައުންޓާ އެޓޭކްގައި އަރާ އުފައްދަމުންދިޔަ މަދު ހަމަލާތަކުގައި އެޓީމުން ދެވަނަ ލަނޑެއްވެސް ޖެހުނު ކަމަށް ހީވިއެވެ. ނަމަވެސް މިލަނޑު ޖެހުމަށް ތަނަވަސްވި ބޯޅަ އޮފް ސައިޑްގައި ހުރި ކުޅުންތެރިއެއްގެ ގައިގައި ޖެހިފާ ލިބިފައިވުމުން ޑެނިއެލް މުނޯޒް ކާމިޔާބު ކުރި ލަނޑު ބަލައިގެންފައެއް ނުވެއެވެ. މިކާމިޔާބީ އާއެކު ޕެލަސްއިން މިވަނީ އެކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގެ ތަށްޓެއް ކާމިޔާބު ކޮށްފައެވެ. އަދި މިއާއެކު ސިޓީން މިވަނީ އެފް އޭ ކަޕްގެ ފައިނަލުން ޖެހިޖެހިގެން ދެވަނަ ފަހަރަށް ބަލިވެފައެވެ. ސިޓީ ވަނީ މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑް އަތުންވެސް ބަލިވެފައެވެ. އަދި މިއާއެކު މިސީޒަން ސީޓިން ތަށްޓަކާ ނުލައި ނިންމާލާނެކަން މިވަނީ ކަށަވަރުވެފައެވެ. މިއީ ސިޓީގެ ކޯޗު ކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފުރަތަމަ ސީޒަނަށް ފަހު ތަށްޓަކާ ނުލައި ސިޓީ ސީޒަން ނިންމާލާ ފުރަތަމަ ފަހަރެވެ. މިކާމިޔާބީ އާއެކު ޕެލަސްއަށް މިއަންނަ ސީޒަންގައި ޔުއޭފާ ޔޫރޮޕާ ލީގުގެ ޖާގައެއް ކަށަވަރު ވެފައިވާއިރު ސިޓީގެ މިސްރާބު މިހާރު މިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، މިއަންނަ އަންގާރަ ދުވަހުގެ ރޭ ބޯންމޯތާއި ދެކޮޅަށް ކުޅޭ މެޗަށް އަނބުރާލަން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ