އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އޮޑި ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފި އެވެ.
މި މެޗަށް ނުކުތްއިރު އެއްވަރުކޮށްލައިގެން ވެސް ސެމީ އަށް ދެވެން އޮތް ނިއު ވަނީ ރަނގަޅު ކުޅުމެއް ދައްކައި މޮޅުވެފަ އެވެ.
މި ނަތީޖާއާ އެކު، ފަސް ޓީމު ވާދަކުރާ ލީގު ކަޕްގެ، ލީގު ބުރުގައި ބާކީ ދެ މެޗު އޮއްވައި ސެމީ ފައިނަލުގެ ޖާގަތައް ޔަގީންވީ އެވެ. އެ ގޮތުން، މި ވަގުތަށް ބަލާއިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އޮޑި އާއި ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ.
އޮޑި އަށް ބާކީ މެޗެއް އޮތް ނަމަވެސް، ޓީސީ އަށް ލީގު ބުރުގައި ދެން މެޗެއް ނެތެވެ.
ފުރަތަމަ ތިން މެޗުން ބަލިވި، މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ ބާކީ މެޗެއް އޮއްވައި މުބާރާތުން ކަޓައިފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން، 15 ވަނަ މިނިޓްގައި ނިއު އިން އެޓޭކެއް ކުރި އެވެ. އެ ގޮތުން، އެ ޓީމުގެ ކެޕްޓަން، ގާނާގެ ތޯރިގު ޖެބްރިން ދިން ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު އެ ޓީމުގެ ގާނާ ފޯވާޑް، ރަފީގު އަމީނޫ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އެކަމަކު، އޭގެ ދެ މިނިޓް ފަހުން، އޭރިއާބޭރުން ތޯރިގަށް ލިބުނު ބޯޅަ ވަނީ ގޯލުގެ މަތީ ކަނުގައި ތަތްކޮށްލައިފަ އެވެ. އޮޑިގެ ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އަށް ހަރަކާތްކުރެވުނުއިރު ވެސް ބޯޅަ އޮތީ ގޯލަށް ވަދެފަ އެވެ.
ނަތީޖާ ހަމަހަމަކުރަން އޮޑީގެ އިސްމާއިލް ވިފާގު (އިއްސެ) ފޮނުވާލި ބޯޅައެއް ގޯލާ ސީދާނުވެދިޔައިރު، އަހުމަދު އައިހަމް (އައިހު) ޖެހި ޝޮޓެއް ބްލޮކްވި އެވެ. އަދި، ނިއުގެ ކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) ކައިރިން ނައްޓާފައި، އޮޑީގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ދެ ވަނަ ހާފުގައި އޮޑީގެ އިއްސެ ފޮނުވާލި ބޯޅައެއް ކީޕަރު ޓޮޕްލަކް ވަނީ މަތަކޮށްފަ އެވެ.
ނިއު އަށް ދެ ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މިއީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އިބްރާހިމް ރިޒްހާން (ރިޒްކޯ) ޖެހި ގޯލެކެވެ. އޭރިއާ ރޮނގުކައިރިން ރިޒްކޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެެވެ.
މެޗުގެ ފަހު ވަގުތު އޮޑިން ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ. ނިއުގެ ގޯލު ބެލެހެއްޓި ކީޕަރު، ޓޮޕްލަކް ވަނީ މި މެޗުގައި ތަޖުރިބާގެ ބޭނުންކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގު ކަޕްގައި ދެން މެޗުތައް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހު ހަވީރު، ކުޅޭނީ އޮޑި އާއި މާޒިޔާ އެެވެ. އަދި، އެރޭ ކުޅޭ މެޗުގައި، ނިއު އިން މަހިބަދޫއާ ބައްދަލުކުރާނެ އެވެ. އެ މެޗުތަކަށް ފަހު, ސެމީ ފައިނަލްގައި ކުޅެން ޖެހޭ މެޗުތައް ޔަގީންވާނެ އެވެ. ލީގު ބުރުގެ އެއް ވަނަ ކުޅެން ޖެހޭނީ ހަތަރު ވަނައާ އެވެ. އަދި، ދެ ވަނަ ޓީމު ކުޅެން ޖެހޭނީ ތިން ވަނަ ޓީމާ އެވެ.
އެފްއޭއެމް ލީގު ކަޕް: އޮޑި ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ އަށް އެފްއޭއެމް ލީގު ކަޕް: އޮޑި ބަލިކޮށް ނިއު ރޭޑިއަންޓް ސެމީ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ