މޯލްޑިވްސް 2.0ގެ ބޭނުމަކީ އީވޯޓިންއަށް ދިއުމެއް ނޫން: އިހުސާން

ރާއްޖެ ޑިޖިޓަލް ކުރުމަށް މިހާރު ފަށާފައިވާ 'ދިވެހިރާއްޖެ 2.0'ގެ ބޭނުމަކީ ރާއްޖޭގައި އީވޯޓިންގެ ނިޒާމެއް ތައާރަފުކުރުން ކަމަށް އިދިކޮޅުން ކުރި ތުހުމަތުތައް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ދޮގުކުުރައްވައިފި އެވެ. 
ވީ ކިހިނެއް؟ - ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ދޭން ރޭ ވަނީ 'ދިވެހިރާއްޖެ 2.0'ގެ ނަމުގައި މަޝްރޫއުއެއް ފަށައިފަ އެވެ. މި މަޝްރޫއުގެ ދަށުން މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. މި މަސައްކަތް ފެށީ އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާ އެކުގަ އެވެ. އެކަމަކު އިދިކޮޅު ބައެއް ފަރާތްތަކުން ތުހުމަތުކުރަނީ އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އީވޯޓަކުން އޮޅުވާލަން ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް އަރިހުގައި އެސްޓޯނިއާއަށް ވެސް ވަޑައިގެންނެވި އަދި 2.0 ތަންފީޒުކުރުމުގެ ޒިންމާ ވެސް އުފުއްލަވާ މިނިސްޓަރެއްގެ ހައިސިއްޔަތުން އުފުއްލަވާ އިހުސާން އެ ތުހުމަތުތަކަށް ރައްދުދެއްވި އެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ އީ ވޯޓިން ފިޔަވައި އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދޭ ހުރިހާ ހިދުމަތެއް ރާއްޖޭގައި ދޭންވާނެ ކަމަށެވެ.
"މިކަމުގެ ފަހަތުގައި އޮތީ ކޮރަޕްޝަން ނައްތާލުމެވެ. ހަރަދު ކުޑަކުރުމެވެ. ހިދުމަތްތައް އަވަސްކުރުމެވެ. ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ. އީވޯޓިންއެއް ނޫނެވެ،" އިހުސާންގެ ޕޯސްޓުގައި އޮތެވެ.
އޭނާ ވިދާޅުވީ ބައެއް ކަންކަމުގައި ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަމަށެވެ. އެހެންވެ މި މަޝްރޫއުއާ ބެހޭ ގޮތުން ވެސް ސިޔާސީ ދެބަސްވުން ނުގެންގުޅެން އެދިވަޑައިގެންނެވި އެވެ.
ގުޅުން ހުރި - 2.0ގެ މަޝްރޫއުއަކީ އީވޯޓިން ނިޒާމަކުން ރިޔާސީ އިންތިހާބު އޮޅުވާލަން ފެށި ކަމެއްކަމަށް ތުހުމަތުކުރައްވައި ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ސޯޝަލް މީޑިއާގައި ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ 'ދިވެހިރާއްޖެ 2.0' ކެމްޕޭނުގެ ފަހަތުގައި ވަނީ އިލެކްޓްރޯނިކް ވޯޓިން ކަމަށެވެ. 
ރިޔާސީ އިންތިހާބުގެ ނަތީޖާ މިހާރު ވެސް ދެ ގަަޑިއިރު ތެރޭ ސާފުވުމާއި ބޭނުން މީހަކަށް ވޯޓުދީ އަދި ވޯޓު އޮޅުވާ ނުލެވޭނެކަން ޔަގީންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އީވޯޓިންގެ ނިޒާމުން ވޯޓުލާ ގައުމުތަކުން ވެސް، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކާ އެކު، ގެންދަނީ އެ ނިޒާމު ބަދަލުކުރަމުން ކަން ވެސް ފާހަގަކުރެއްވި އެވެ.
"ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި މިރޭ 'މޯލްޑިވްސް 2.0' ނަމުގައި ރަސްމީކޮށް އިފްތިތާހުކުރެވިގެން އެދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެކެވެ. ހަމަގައިމުވެސް އަޅުގަނޑު އެކަމާ ސީދާ ދެކޮޅު ހަދަމެވެ،" މަހުލޫފްގެ ޕޯސްޓްގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ