މެކްސިކޯ، ކެނެޑާ އަދި ޗައިނާ އިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ބޮޑެތި ޑިއުޓީތަކެއް ނަގަން އިއުލާންކޮށް، އެ ގައުމުތަކާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރީގެ ހަނގުރާމައެއް އިއުލާން ކުރައްވައިފި އެވެ.
އެކަމުގެ ސަބަބުން ދުނިޔޭގެ ކުރިއެރުމަށް ބުރޫއަރައި އިންފްލޭޝަން އަލުން އުފެދިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
އެމެރިކާގެ ވިޔަފާރީގެ އެންމެ އިސް ދެ ބައިވެރިން ކަމަށްވާ މެކްސިކޯ އާއި ކެނެޑާއިން ވަނީ ވަގުތުން ބަދަލު ހިފުމުގެ ޑިއުޓީއެއް ނަގާނެ ކަމަށް އިއުލާންކޮށްފަ އެވެ. އެއާ އެކު، ޗައިނާ އިން ބުނަނީ ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާގައި ޓްރަމްޕް އެޅުއްވި ފިޔަވަޅުގެ މައްސަލަ ޖައްސާނެ ކަމަށާއި އެއަށް ފަހު ބަދަލުގައި ކުރާނެ ކަންކަން ނިންމާނެ ކަމަށެވެެ.
ޓްރަމްޕް އިއުލާންކުރައްވާފައި ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މެކްސިކޯ އާއި ކެނެޑާ އިން އެ ގައުމަށް އިމްޕޯޓު ކުރާ ގިނަ މުދަލުން %25 އަދި ޗައިނާއިން އެތެރެކުރާ މުދަލުން %10ގެ ޑިއުޓީއެއް ނަގާނެ ކަމަށެވެ.
ނުރައްކާތެރި އޮޕިއޮއިޑް، ގަވައިދާ ހިލާފަށް ވައްދާ މައްސަލަ އާއި ގަވާއިދާ ހިލާފަށް އެމެރިކާއަށް އެ ގައުމުތަކުން މީހުން ހިޖުރަކުރުމުގެ މައްސަލާގައި ގައުމީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގޮތުގައި ސިފަކުރެއްވި ކަންކަން ނިމެންދެން އެ މަސްއޫލިއްޔަތުތައް ދެމެހެއްޓުމަށް ވައުދުވެވަޑައިގެންފަ އެވެ. ޓްރަމްޕްގެ ޑިމާންޑްތައް ފުއްދައިދޭނެ ގޮތެއް ކަނޑައެޅުމަށް ވައިޓް ހައުސްއިން އިތުރު މިންގަނޑެއް ދީފައެއް ނުވެ އެވެ.
ތެޔޮ ސާފުކުރާ ސްޓޭޓްތަކުގެ ކުންފުނިތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ޓްރަމްޕް ވަނީ ލުޔެއް ދެއްވައިފަ އެވެ. އެއާ އެކު، ކެނެޑާ އިން އެތެރެ ކުރާ ހަކަތައިގެ ބާވަތްތަކުން %10ގެ ޑިއުޓީއެއް ނަގަން ނިންމި އެވެ. ނަމަވެސް މެކްސިކޯގެ ހަކަތަ މުދަލުން ބަދަލެއް ނުގެނެެސް %25 ޑިއުޓީއެއް ނަގާ ގޮތަށް ވަނީ ދަމަހައްޓަވައިފަ އެވެ.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ އެމެރިކާ އިން ކެނެޑާއަށް އެތެރެ ކުރާ 155 ބިލިއަން ޑޮލަރުގެ މުދަލާ އިދިކޮޅަށް ކެނެޑާއިން %25ގެ ޑިއުޓީއެއް ރައްދުގައި ނަގާނެ ކަމަށެވެ. އޭގެ ތެރޭގައި ރަލާއި ލަކުޑި ފަދަ ސާމާނު ހިމެނެ އެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން 30 ބިލިއަން ޑޮލަރާއި އޭގެ 21 ދުވަސް ފަހުން 125 ބިލިއަން ޑޮލަރުގެ މުދަލަށް އެ ގޮތަށް އަމަލުކުރަން ފަށާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓްރޫޑޯ ވަނީ ޓްރަމްޕްގެ ޓެރިފްގެ ސަބަބުން އެމެރިކާ މީހުން ބޭނުންކުރާ ތަކެތި އަދި ޕެޓްރޯލްގެ އަގު ބޮޑުވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައްޔިތުންނަށް ދެއްވައިފަ އެވެ. އަދި އުޅަނދުފަހަރު އުފައްދާ ކާރުހާނާތައް ބަންދުކޮށް، ނިކެލް، ޕޮޓޭޝް، ޔުރޭނިއަމް، ސްޓީލް އަދި އެލުމިނިއަމް ފަދަ ތަކެތި ސަޕްލައި ކުރުން މަދުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ އެމެރިކާއަށް ދަތުރުކުރުން ހުއްޓާލުމަށާއި އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް އަމިއްލަ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަދަލުހިފުމުގެ ޓެރިފްތައް ތަންފީޒު ކުރުމަށް އޭނާގެ އިކޮނޮމިކް މިނިސްޓަރަށް އަންގަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
ކެނެޑާ އާއި މެކްސިކޯ އިން ބުނީ ޓްރަމްޕްގެ ޑިއުޓީ އަދަބާ ކުރިމަތިލުމަށް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން އެކަމާ ދެކޮޅަށް އަޅަން ރާވާފައިވާ ފިޔަވަޅުތައް އާންމުކޮށްފައެއް ނުވެ އެވެ. ޗައިނާ އިން ނެރުނު ބަޔާނުގައި ވަނީ ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ބުނެފަ އެވެ.
"ޗައިނާ އިން އުއްމީދު ކުރަނީ އެމެރިކާ އިން އެ ގައުމުގެ އަމިއްލަ ފެންޓަނިލް އާއި އެހެނިހެން މައްސަލަތައް ޒިންމާދާރުކޮށް އަދި ވިސްނުންތެރިކަމާ އެކު ބަލައި އެއަށް ފިޔަވަޅު އެޅުމަށް. އަދި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކައި އެއްބާރުލުން ވަރުގަދަކޮށް، ހިޔާލު ތަފާތުވުންތައް މެނޭޖްކުރުން،" ޗައިނާގެ ބަޔާނުގައި ބުންޏެވެ.
ވައިޓް ހައުސްގެ ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ ޓެރިފްތައް ދެމިއޮންނާނީ "ކާރިސާއަށް ލުޔެއް ލިބެންދެން" ކަމަށެވެ. ނަމަވެސް ލުއި ހޯދުމަށް ތިން ގައުމުން ކުރަން ޖެހޭ ކަންތައްތަކުގެ ތަފްސީލެއް ނުދެ އެވެ.
އެމެރިކާގެ ތަފާސްހިސާބު ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުން، 2023 ވަނަ އަހަރު އެމެރިކާއަށް އެތެރެ ކުރި 100 ބިލިއަން ޑޮލަރުގެ ސާފުނުކުރާ ތެލަކީ ކެނެޑާ އިން އެތެރެކުރި ތެލެވެ. އެއީ ކެނެޑާ އިން އެމެރިކާއަށް އެތެރެކުރި މުދަލުގެ ހަތަރު ބައިކުޅަ އެއް ބައެވެ.
އެމެރިކާގެ އެ ނިންމުމާ އެކު، ހާއްސަކޮށް ކާރު އުފައްދާ ކުންފުނިތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. ކެނެޑާ އާއި މެކްސިކޯގައި އުފައްދާ ސްޕެއާ ޕާޓްސް އިން ނަގާ އާ ބޮޑު ޑިއުޓީގެ ސަބަބުން ސަރަހައްދީ ސަޕްލައި ޗެއިންތަކަށް ބުރަވެ، އެންމެ ފަހުގެ އަމާޒަށް ވާސިލުވާ އިރު އެތައް ގުނައެއް އަގުބޮޑުވާނެ ކަމަށް ބެލެވެ އެވެ.
ޑިއުޓީ ޓެރިފަށް ބަދަލު ގެނައުމުގެ ވާހަކައަކީ ޓްރަމްޕް 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި ތަކުރާރުކޮށް ދެއްކެވި އިންޒާރެކެވެ. ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް އެ ވާހަކަ ގެންދަވަނީ ދައްކަވަމުންނެވެ. ޓްރަމްޕް އެ ވާހަކަ ދައްކަވަނީ، އެމެރިކާގެ ވިޔަފާރީގެ އެންމެ އިސް ބައިވެރިންނާ އެކު ވިޔަފާރީގެ އާ ހަނގުރާމައެއް ފެށުމުން އެމެރިކާ އާއި ދުނިޔޭގެ ކުރިއެރުން ހީނަރުވެ، ކަސްޓަމަރުންނާއި ކުންފުނިތަކުގެ އަގުތައް އުފުލިގެންދާނެ ކަމުގެ އިންޒާރު، އިގްތިސާދީ މާހިރުންގެ އިންޒާރުތަކަށް ބެލުމެއް ނެތި އެވެ.
ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީން ޓްރަމްޕްގެ އެ ނިންމުމަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ. ނަމަވެސް އިންޑަސްޓްރީ ގްރޫޕްތަކާއި އިދިކޮޅު ޑިމޮކްރަޓުން ވަނީ އަގުތަކަށް ކުރާނެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ވަރުގަދަ އިންޒާރުތަކެއް ދެމުންނެވެ.
އެމެރިކާގެ ނޭޝަނަލް ފޮރިން ޓްރޭޑް ކައުންސިލްގެ ރައީސް ޖޭކް ކޮލްވިން ވިދާޅުވީ ޓްރަމްޕްގެ މި ފިޔަވަޅުގެ ސަބަބުން "އެވޮކާޑޯ އިން ފެށިގެން ކާރުތަކާ ހަމައަށް ހުރިހާ އެއްޗެއްގެ އަގު ބޮޑުވާނެ" ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. އޭނާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯއަށް ގޮވާލެއްވީ އަގުތައް މަތިވިޔަ ނުދިނުމަށް އަވަސް ހައްލެއް ހޯދުމަށެވެ.
މެކްސިކޯ، ކެނެޑާ އަދި ޗައިނާގެ މުދަލުން ޑިއުޓީއާ އެކު ވިޔަފާރީގެ ހަނގުރާމައެއް ޓްރަމްޕް އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ