ކްރިމިނަލް ކޯޓަށް ރަނގަޅު ޖާގައެއް އޮތް ދާއިމީ އިމާރާތެއް ލިބެން ދެން ސަރުކާރުން ހަމަޖައްސައިދޭ ކޮންމެ ތަނެއްގައި ވެސް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްދޭނެ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޝަރީއަތްތައް ދިގުލައިގެން ގޮސް ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ އަހަރުތަކެއް ވަންދެން ތިބޭ މީހުންގެ އަދަދު މައްޗަށް އަރަމުންދާ މައްސަލާގައި ކްރިމިނަލް ކޯޓު ފިޔަވައި އެހެން މުއައްސަސާތައް ބައިވެރިކޮށްގެން އިއްޔެ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން 'ބަންދު ފޯރަމް' ނަމުގައި ފޯރަމެއް ކުރިއަށް ގެންދިޔަ އެވެ.
ތަފްސީލް - އެ ފޯރަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މައްސަލަތައް ލަސްވަނީ ހަމައެކަނި ޖާގައިގެ ދަތިކަން އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ސްކޫލްތަކުގައި ވެސް ޝަރީއަތް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށްރަށުގައި އެބަ ހުރި ޖުމްލަ 15 މައްސަލަ ހުށަހެޅުނުއިރު އެ 15 މައްސަލައަކީ ވަގަށް އަނބު ބިނުން ކަހަލަ މައްސަލަތައް. އެ ކޯޓުގައި ނޯންނާނެ އެ ނޫން މައްސަލައެއް. ކީއްތޯ ވާނީ ކްރިމިނަލް ކޯޓުގައި ޖާގަ އިތުރުކުރެވެން ދެން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް މި ތަންތަން ކުރިއަށް ގެންދަން، ސްކޫލްތަކުގައި ވެސް ކިޔަވާ ނުދެވޭ ގަޑިތަކުގައި ޝަރީއަތް ބޭއްވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް އެ ތަންތަން ކްރިމިނަލް ކޯޓަށް ދިނުމަކީ ސަރުކާރަށް ކުރެވޭނެ ކަންކަމެވެ. ކޯޓުތަކުގެ އިހުތިސޯސްގެ މައްސަލައެއް ދިމާވާނަމަ ގާނޫނުން އެ ކަން ހައްލު ކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހަށް ކުރެވެން އޮތް ކަމެކެވެ.
ކްރިމިނަލް ކޯޓާ ސުވާލުކުރުމުން އެ ކޯޓުން ދިން ޖަވާބުގައި ވެސް ބުނެފައި ވަނީ "ކަމާ ގުޅުން ހުރި އިދާރާތަކުން ކަނޑައަޅާ ކޮންމެ ތަނެއްގައި ވެސް ކްރިމިނަލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ،" ކަމަށެވެ.
ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނީ މި ވަގުތު އެ މައްސަލާގައި ތަންފީޒީ ބައެއް މުއައްސަސާތަކާއެކު މަޝްވަރާ ކުރި ނަމަވެސް މަޝްވަރާކޮށްގެން ކަނޑައަޅާ ބައެއް ކަންކަން ކްރިމިނަލް ކޯޓާއި ޖުޑީޝަރީއާ ވެސް ހިއްސާ ކުރާނެ ކަމަށެވެ. އަދި ޖުޑީޝަރީއާއެކު ވަކިން އެފަދަ ބައްދަލުވުމެއް ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ފާހަގަކޮށްލެވޭ - ކްރިމިނަލް ކޯޓު މި ވަގުތު ހިންގަމުން ދަނީ ބައެއް ސެކްޝަންތައް މާލޭގެ އެސްޓީއޯ ކުރީގެ ބިލްޑިންގަ އެވެ. ބޭނުން ނުކުރެވޭ ފެންވަރަށް ގޮސްފައިވާ އެ އިމާރާތުން ބޮޑު ބައެއް ބަންދުކޮށް މިހާރު މަސައްކަތް ކުރަނީ އެންމެ ފަންގިފިލާއެއްގަ އެވެ. ދެން ހުޅުމާލޭގައި ސިވިލް ކޯޓު ކުރިން ހިންގި އިމާރާތުން ބައެއްގައި ބައެއް ސެކްޝަންތައް ހިންގަ އެވެ.
ހުޅުމާލޭގެ ހުންނަ ކޮވިޑް ފެސިލިޓީ ކްރިމިނަލް ކޯޓު ހިންގުމަށް ސަރުކާރުން ނިންމި ފަހުން ވެސް އަހަރުތަކެއް ވީ ނަމަވެސް އަދި އެ ތަނަށް ކޯޓުގެ އިމާރާތް ބަދަލުކުރެވިފައެއް ވެސް ނުވެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ސަރުކާރުން ދޭ ކޮންމެ ތަނެއްގައި ޝަރީއަތްތައް ގެންގޮސްދޭނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ