ފައިނު ސްކޫލްގެ އާ އިމާރާތާ އެކު ސްކޫލް އާއިލާއަށް ހާއްސަ އުފަލެއް

ކްލާސްތަކުގައި ޕާޓިޝަން ޖަހައިގެން، އެއް ކްލާހެއްގެ ތެރޭގައި އެކި ގްރޭޑްތަކަށް ކިޔަވައިދޭން ޖެހުމުގެ ސަބަބުން، ދަރިވަރުންނަށް ފުރިހަމައަށް އަޑު އެހުމަށް ދަތިތަކާ ކުރިމަތިވިއެވެ. އެއް ކްލާހުގައި ކިޔަވައިދޭ އަޑު އަނެއް ކްލާހަށް އިވި، ދަރިވަރުންގެ ސަމާލުކަން ގެއްލި، އުނގެނުމުގެ މާހައުލު އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުން ވެސް އޮތީ ދަތިކަމަކަށް ވެފައެވެ.އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 2022 ވަނަ އަހަރު ސަރުކާރުން އިމާރާތް ކުރަން ފެށި އާ އިމާރާތަކީ މިޒަމާނުގެ ތަޢުލީމަށް ބޭނުންވާނެ ވަސީލަތްތަކާ އެކު ނިންމާލެވިފައިވާ ޖާގަ ތަނަވަސް ސްކޫލެކެވެ.
މިކަމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރުމަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.“މިއީ ކުރިން ހީވެސް ނުކުރާވަރުގެ ކަމެއް. މިފަދަ ބޮޑު އިމާރާތެއް މިފަދަ ސްކޫލަކަށް ލިބޭނެކަމަށް ކުރިން ހީވެސް ނުކުރާނެ އަސްލު. މިހާރު ދެން ވަރަށް ފަސޭހަ ވާނެ” ބެލެނިވެރިއަކު ބުންޏެވެ.ފައިނު ސްކޫލްގެ އާ އިމާރާތުގައި ކިޔެވުން ފެށުން ފާހަގަ ކުރުމަށް މިއަދުވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. އަދި ސްކޫލް އަންހެން ބެލެނިވެރިންގެ ފަރާތުން ހާއްސަ ސައެއް ވެސް ވަނީ ދީފައެވެ.ފައިނު ސްކޫލަށް ލިބިގެންދިޔަ މި ބޮޑު ކުރިއެރުމާ އެކު ސްކޫލްގެ ވެރިންނާއި މުވައްޒަފުން، ދަރިވަރުން އަދި ބެލެނިވެރިން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވެފައެވެ. އެހެންކަމުން ފައިނު ސްކޫލްގެ ފަރާތުންވަނީ މިކަން ފަހިކޮށްދިންކަމަށްޓަކައި މިކަމުގައި ޝާމިލުވާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.މިއަދު ބޭނުންކުރަން ފެށި އިމާރާތަކީ   15،268،826.02ރ (ފަނަރަމިލިއަން ދެލައްކަ ފަސްދޮޅަސް އަށްހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ދެ ލާރި) ގެ ޕްރޮޖެކްޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ