ތިން ޕޮއިންޓް ހޯދަން ނިއުގެ ސަޕޯޓަރުންގެ އެހީ ބޭނުންވޭ ތިން ޕޮއިންޓް ހޯދަން ނިއުގެ ސަޕޯޓަރުންގެ އެހީ ބޭނުންވޭ

އެފްއޭއެމް ލީގު ކަޕުގައި ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިއު ރޭޑިއަންޓުން މިއަދު ހަވީރު ނުކުންނަ މެޗުން ތިން ޕޮއިންޓް ހޯދަން ސަޕޯޓަރުންގެ އެހީ ބޭނުންވާކަމަށް ނިއުގެ ކޯޗު ސޮބާހް މުހައްމަދު ބުނެފި އެވެ.
މި މުބާރާތުގައި ނިއު އިން ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ނިއު ބަލިވީ 5-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗެ) އެވެ.
ކޯޗިން ކޯހެއް ފުރިހަމަ ކުރުމަށް ސްޕެއިނުގައި ހުރުމަށްފަހު، ސޮބާ އެނބުރި ނިއުގެ ފަރިތަކުރުންތަކާ ގުޅިފައިވާއިރު، މިއަދުގެ މެޗުގެ ކުރިން ނިއުގެ ސޯޝަލް މީޑިއާ އަށް ދިން ކުރު އިންޓަވިއުއެއްގައި ސޮބާ ވަނީ ނިއުގެ ސަޕޯޓަރުންގެ އެހީއަށް އެދިފަ އެވެ.
ސޮބާ ބުނީ ނިއުގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން އައީ ނިއުގެ ސަޕޯޓަރުން ކަމަށެވެ.
"މީގަ ކުރީގަ ވެސް ނިއުރޭޑިއަންޓުން ހޯދި ކާމިޔާބީތަކުގައި އެންމެ މުހިންމު ދައުރެއް މި އަދާ ކުރަނީ 12 ވަނަ ކުޅުންތެރިޔާ. ނިއުރޭޑިއަންޓުގެ ހުރިހާ ވެސް ހިތްވަރަކީ، ކުޅުންތެރިން އަދި ކުޅުންތެރިން ކުޅޭ ހިތުން ނޫނިއާ، އެބަޔަކަށްޓަކައި ފަހުަރުވެރިވާ ބައެއް ސަޕޯޓަރުންނަކީ ނިއުރޭޑިއަންޓުގެ. އެހެންމަ އަޅުގަނޑު ހަމަ ކޯޗެއްގެ ހައިސިއްޔަތުން އެދެނީ ނިއުރޭޑިއަންޓުގެ ހުރިހާ ސަޕޯޓަރުން ޓީމާމެދު އިތުބާރު ކުރާށޭ." ސޮބާ ފާހަގަކުރި އެވެ.
ސޮބާ ބުނީ ނިއު އިން މި މުބާރާތަށް ތައްޔާރުވާން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތައްޔާރުވެގެން އައިސް އުނދަގޫތަކެއް ހުރި ކަމަށެވެ. އެކަމަކު، ކުޅުންތެރިންނާ ގުޅިގެން، ނިއު އިން މަސައްކަތް ކުރަނީ މި ހާލަތުގައި ވެސް ކާމިޔާބު ހޯދަން ކަމަށާއި އެ ގޮތުން، ނިއު އިން ޓީސީއާ ދެކޮޅަށް ނުކުންނާނީ ވެސް އެ އަޒުމުގައި ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
މީގެ ކުރިން ވެސް ސޮބާ ވަނީ އެކި ފަހަރު މަތިން ނިއުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެންމެ ފަހުން ނިއުއާ އެކު ސޮަބާ ކުރި މަސައްކަތަކީ ދެ ވަނަ ޑިވިޝަނުގައި 2023 ވަނަ އަހަރު ކޯޗެއްގެ ގޮތުގައި ކުރި މަސައްކަތެވެ.
ޓީސީ އާއި ނިއު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ