ރާއްޖޭގައި ފަރަށް އަރައިގެން ބޯޓު ފަހަރުތައް ބޮޑެތި އަދަދުތައް ޖޫރިމަނާކޮށްފައިވީ ނަމަވެސް، މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައްކާފައިވަނީ އެންމެ ދެ ފަހަރު ކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފަރަށް އަރާ ބޯޓު ފަހަރު ޖޫރިމަނާ ނުދައްކާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ދެ ފަހަރަށް ވަނީ ކަމާ ގުޅޭ އިދާރާތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ވެސް އެދެވޭ ޖަވާބެއް އެއްވެސް މުއައްސަސާއެއްގެ ފަރާތުން ނުލިބެ އެވެ.
ތަފްސީލް - އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފާހަގަކުރި ގޮތުގައި، މިދިޔަ މަދު އަހަރުތަކުގެ ތެރޭގައި:
ރާއްޖޭގެ ފަރަށް ބޯޓު އަރައިގެން 51 ފަހަރު ވަނީ ޖޫރިމަނާކޮށްފައި
21 މައްސަަލައެއް ދަނީ ތަހުގީގު ކުރަމުން
އޭގެ ތެރޭގައި އަށް އަހަރުވީ މައްސަލަތައް ވެސް އުޅޭ
މި ޖޫރިމަނާތައް ނުދައްކައި ގިނަ ދުވަސްތަކެއް ވަނީ ވެފައި
އީޕީއޭން ބުނި ގޮތުގައި، ޖޫރިމަނާގެ ގޮތުގައި ގިނައިން ދައްކާފައިވަނީ ކުދި އަދަދުތަކުން ކޮށްފައިވާ ޖޫރިމަނާގެ މައްސަލަތަކެވެ. އެއީ ގާތްގަނޑަކަށް ބައި މިލިއަން ރުފިޔާ އާއި 400،000ރ. ފަދަ ޖޫރިމަނާގެ އަދަދުތައް ކަމަށް އެ ތަނުން ބުންޏެވެ.
"ބޮޑު އަދަދުތަކުން ޖޫރިމަނާ ދައްކާފައިވަނީ މިހާތަނަށް އެންމެ ދެ ފަހަރު،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެއީ:
ށ. ނޫމަރާ ފަރަށް ބާޖަށް އަރައިގެން ކުރި ޖޫރިމަނާ - 2019 ވަނަ އަހަރު ކުރި އެ ޖޫރިމަނާ ދައްކާފައިވަނީ އޭގެ ތިން އަހަރު ފަހުން 2022 ވަނަ އަހަރު؛ އެއީ 61 މިލިއަން ރުފިޔާ
ކ. ރަސްފަރީ ފަރަށް ބޯޓެއް އަރައިގެން ކުރި ޖޫރިމަނާ - 2021 ވަނަ އަހަރު ކުރި އެ ޖޫރިމަނާ ވަނީ ހަތަރު މަސްދުވަހުގެ ތެރޭގައި ދައްކާފައި؛ ޖޫރިމަނާގެ ގޮތުގައި ދެއްކީ 154 މިލިޔަން ރުފިޔާ؛ އެއީ ޖޫރިމަނާގެ ގޮތުގައި އެންމެ ގިނައިން ލިބުނު ފައިސާ
ނައީމް ވިދާޅުވީ ޖޫރިމަނާގެ ގޮތުގައި ލިބުނު ފައިސާއިން، ހަލާކުވި އެއް ފަރު މިހާރު މަރާމާތު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮން ފަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނައީމް ވިދާޅުވި ގޮތުގައި:
ރާއްޖޭގެ ފަރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ބައެއް ފަހަރު އިންސާނުންގެ އެހީތެރިކަމާ ނުލައި ލިބޭ ގެއްލުން އިއާދައެއް ނުކުރެވޭ
ފަރުތައް އިއާދަކުރެވެނީ ޖޫރިމަނާގެ ގޮތުގައި ލިބޭ ފައިސާ ލިބުމުން
ނައީމް ދެން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރެއްވީ ފަރަށް އަރާ ބައެއް ބޯޓުތައް ފުންނުކޮށް، ހަލާކުވާން ދޫކޮށްލާތީ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ލިބިފައިވާ ގެއްލުން ބަލައި، ޖޫރިމަނާ ކުރެވެން އޮންނަނީ ވެސް ފަރުމަތިން އުޅަނދު ނެގުމުންނެވެ. އަދި އެ ނުނަގާހާ ހިނދަކު ޖޫރިމަނާ ކުރެވެން ނޯންނަ ކަމަށާއި އެހެންވެ، އެއީ ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން އޮވޭ ރާއްޖޭގެ ފަރުތަކަށް އަރާ ނޫނީ އުރޭ އުޅަނދުތައް ރެގިއުލޭޓް ކުރުމާ ގުޅޭ ގަވައިދެއް. އެކަމަކު މިހާރު އެއެއް ވެސް ނެތް،" އެ މައްސަލައިގައި ހައްލެއް ބޭނުންވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ފަރަށް އެރި ބޮޑު ޖޫރިމަނާއެއް މިހާތަނަށް ދައްކާފައިވަނީ އެންމެ 2 ފަހަރު: އީޕީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ