ބިގް ބޭންގް އެއީ ބާރުގަދަ ގޮވުމެއް!

ބިގް ބޭންގް، މިއީ މިއަދުގެ ޖީލަށް އައު މުޞްޠަލަހެއް (Terminology)އެއް ނޫނެވެ. ދުނިޔެ ފެށުނު ގޮތް ކަމަށް އެންމެންނަށް ޤަބޫލުކުރުވައިފައި އޮތް ނަޒަރިއްޔާ (Theory)އެވެ. މި ނަޒަރިއްޔާގެ ނިވަލުގައި ފޮރުވަނީ ޚާލިޤުވަންތަ އިލާހެއް ދުނިޔެ އުފެއްދިކަމަށް ބުނާ ބުނުމެވެ. މުސްލިމުންގެ އެންމެ އަސާސީ ޢަޤީދާ އެމައްޗަށް ބިނާކުރާ ރުބޫބިއްޔަތުގެ ތައުޙީދެވެ. ދީން ޤަބޫލު ނުކުރާ މުލިޙިދުން (atheist) މި ނަޒަރިއްޔާތު ފަތުރައި ސަމާވީ އެހެން ދީންތަކަށް ވެސް ގޮންޖަހާ އެކިއެކި ވާހަކަތައް ފަތުރައެވެ. އިލްހާދު (Atheism) ނުވަތަ މުލްޙިދުން (atheist)ނަކީ ޚާލިޤުވަންތަ އިލާހެއްގެ ވުޖޫދިއްޔަތަށް އިންކާރުކުރާ ބަޔެކެވެ. ޢިލްމީ ދިރާސާތަކުގެ މައްޗަށް ބަރޯސާވުމުގެ ދައުވާ އުފުލާ ބައެކެވެ. ސައިންސްގެ ހޯދުންތަކާއި، އޭގެ ނަތީޖާއިން ކަންކަން ޤަބޫލުކުރުމަށް ގޮވައިލާ ބައެކެވެ. އެ މީހުންގެ އެންމެ ބޮޑު އެއް ދައުވާއަކީ ދުނިޔެ އުފެދުން އެއީ ބާރުގަދަ ގޮވުމެއް ކަމަށް ބުނާ ދައުވާއެވެ. ސައިންސްގެ ބަހުރުވައިންނަމަ "ބިގް ބޭންގް ތިއަރީ" (Big Bang Theory)އެވެ. "ބިގް ބޭންގް ތިއަރީ"(Big Bang Theory) އާ ބެހޭގޮތުން ސައިންސްވެރިން ބުނަނީ އެއީ ބާރުގަދަ ގޮވުމެއް ކަމަށެވެ. އެ މީހުން މި ކަމުގެ ތާރީޚު ހުސްކޮށްލަނީ އަންދާޒީ ހިސާބަކަށެވެ. ގާތްގަނޑަކަށް މީގެ 3.8 ބިލިއަން އަހަރު ކުރިޔަށެވެ. އެ މީހުން ބުނާ ގޮތުން އޭރު ހުރިހާ ޒައްރާތުތަކެއް (Atoms) ކުޑަކަމުގެ އިންތިހާއަށް ކުޑަ ޖާގައަކަށް ޖަމާވެ ހުސްވުމެއްނެތް ހުރިހާ ހަކަތައަކާއި، އިންތިހާއީ ހޫނަކަމުން، "ސިންގުލައިރިޓީ" (Singularity)އެވެ ކިޔުނު ބޯޅައެއްފަދަ އެއްޗެއް އުފެދުނެވެ. ދެން ދުޅަވާހެން، ކުއްލިއަކަށް އެ ބޯޅަ ފުފެންފަށައި ބާރުގަދަ ގޮވުމަކުން ގޮވިއެވެ. އަދި އެ ގޮވިގޮވުމުގައި، އޭގެ ތެރެއަށް ޖަމާވި ހުރިހާ ހަކަތައަކާއި ހޫނެއް ބުރަބުރައިގެން ވިއްސިވިހާލި ވެގެން ދިޔައީއެވެ. "ސިންގުލައިރިޓީ" (Singularity)ގެ ތެރޭގައި ޖަމާވެފައި ހުރި ހަކަތައާއި ހޫނުގެ ގިނަކަމާއި ބާރުގަދަ ކަމުން ބުރަބުރައިގެން ދިޔަ ކޮންމެ އެއްޗަކަށް އޭގެ ޙަރަކާތައް ބޭނުންވާ ހަކަތަ ލިބުނު ކަމަށް އެވެރިން ބުނެއެވެ. ބުރައިންގެން ދިޔަ ކޮންމެ އެތިކޮޅަކީ ވަކި ގުރަހައެއް، ނޫނީ ތަރިއެއް ކަމަށް މި ތިއަރީގެ އަހުލުވެރިން ކިޔައިދެއެވެ. އެ ގޮތުން އަޅުގަނޑުމެން ދިރިއުޅޭ ދުނިޔެއާއި، އެ ދުނިޔެއަށް އަލި ލިއްބައިދޭ އިރާއި، އޭގެ ވަށައިގެން ދައުރުވާ ހަނދުގެ އިތުރަށް ވެސް ގިނަ ޢަދަދެއްގެ ކައުކަބުތަކާއި، ގުރަހަތައް ފަލަކެއްގައި ދަތުރުކުރާ ވާހަކަ އެއީ މި ތިއަރީގެ ކުރިއެރުމުގައި އެ ވެރިން ހޯދާފައިވާ ހޯދުން ތަކެވެ. ސައިންސްގެ ތަރައްޤީއަކީ އިންސާނުންނަށް އޭގެ ފައިދާކުރާ އެއްޗެކެވެ. މިއަދު މި ފެންނަ ޢުމްރާނީ ތަރައްޤީއަކީ ތާރީޙުގެ ސަފުހާތަކުން ޖާގަހޯދި އެކިއެކި ފިލޯސަފަރުންނާއި، ސައިންޓިސްޓުންގެ ހޯދުންތަކުގެ އެދެވޭ ނަތީޖާއެވެ. އެހެނަސް ސައިންސްގެ އެއްވެސް ހޯދުމަކީ ޤުދުރަތުގެ ނިޒާމުގައި ކަންކަން ހިނގާ ފުރަތަމަ ސަބަބު ބަޔާންކޮށްދެވޭ އެއްޗެއް ކަމުގައި ޙުދު ސައިންސްވެރިން ވެސް ޤަބޫލެއް ނުކުރެއެވެ. ހިނގާ ކޮންމެ ކަމެއް، ހިނގާ ގޮތަކީ މިއީ ކަމާއި، އެ ކަން ހިނގުމަށް މެދުވެރިވަނީ މިވެނިއެވެނި ސަބަބެއް ކަމަށް ބުނާއިރު، އެ ބުނި ސަބަބުގެ ސަބަބު ބުނެދިނުމަށް ސައިންސްވަނީ މިއަދާހަމައަށް ވެސް ނުކުޅެދިފައެވެ. އަޅުގަނޑުމެން ވާހަކަ ދައްކަމުން މި އަންނަ ބާރުގަދަ ގޮވުމަށް ބަލައިލަމާހެއްޔެވެ؟ "ބިގް ބޭންގް" (Big Bang)ގެ ނަމުގައި އެ ގޮވިގޮވުމުގެ އަސްލަކީ "ސިންގުލައިރިޓީ" (Singularity) ކަމުގައި ބުނާއިނު ސިންގިއުލައިރިޓީގެ ސަބަބަކީ އޭގެ 3.8 ބިލިއަން ކުރީގެ ހުރިހާ ޒައްރާތުތަކެއް ޖަމާވުމެވެ. އެހެން ކަމަށް ވާނަމަ އެ ޒައްރާތުތައް ޖަމާވުމުގެ ސަބަބު ކޮބައިތޯއެވެ؟ އަދި އެ ޒައްރާތުތައް ހުރުމުގެ ސަބަބު ވެސް ކޮބައިބާއެވެ؟ އެ ޒައްރާތުތަކުގެ ސަބަބު ކިޔައިދޭނެ މީހަކު ހުރި ނަމަ، އެ ކިޔައިދޭ ސަބަބުގެ ސަބަބު އެއީ ކޮން އެއްޗެއްކަން ވެސް ކިޔައިދޭނެ ސަބަބެއް ބޭނުންވާނެއެވެ. މި ހަމައިން ކަމުގެ ފަސްފަހަތް ބަލަމުން ކިތަންމެ ދުރަށް ދިޔަކަމުގައި ވިޔަސް، ސުވާލުގެ ސިލްސިލާ ހުސްނުވާނެއެވެ. ސައިންސަށް ބުނެނުދެވޭ ފުރަތަމަ ސަބަބު ހަމަ އެ ގޮތުގައި އިންސާނީ ބުއްދިއަށް ވަންހަނާވެފައި އޮންނާނެއެވެ. ސައިންސްގެ ޢިލްމުގައި ކުރިއަރާ ދިޔަ ބަޔަކު ކުރިއަރާދިޔައީ، އޭގެ ކުރީގެ މުފައްކިރުންނާއި، މުޚްތަރިޢުންގެ ޢިލްމީ މަސައްކަތްތަކުގެ ހިޔަނީގައެވެ. އެފަދަ މީހުންގެ ތެރޭގައި އިސްލާމީ ޢިލްމުވެރިން ވަރަށް ގިނަކަން ސައިންސްގެ ތާރީޚު ހެކިދެއެވެ. އަޅުގަނޑުމެން މިއަދު ބޭނުންކުރާ ކޮމްޕިއުޓަރގެ ފެށުން ވެސް ގޮސް ނިމެނީ މުސްލިމް ޢާލިމެއްގެ ހޯދުންތަކާ ހަމައަށެވެ. މިއީ އަދި އެހެން މައުޟޫޢެއްގައި ބަލައިލުން ރަނގަޅު ވާހަކަ ތަކެކެވެ. އިސްލާމީ ހުރިހާ ސައިންސްވެރިންނެއް ދުނިޔޭގެ އުފެދުމާ ބެހޭގޮތުން ޤަބޫލު ކުރައްވާ ކުރެއްވުމަކީ، އެއީ ހުރިހާ ޢިލްމެއް ލިބިވޮޑިގެންވާ، ކުޅަދުންވަންތަ، ފަރާތަކުން އުފެއްދެވި އުފެއްދެވުމެއް ކަމެވެ. އެއީ އުފައްދަވާ ފަރާތެވެ. އެޢީ އަލްޚާލިޤެވެ. އެއިލާހު އެދިވޮޑިގެންނެވި ކޮންމެ އެއްޗެއް އެދިވޮޑިގެންނެވި ކޮންމެ ގޮތަކަށް، އިސްވެ ދިޔަ މިސާލަކައިނުލާ އުފައްދަވަތެވެ. އަދި އެ އިލާހުގެ އުފެއްދެވުމުގައި އެއްވެސް އުނިކަމެއް ވާތީ އެއްވެސް މަޚުލޫޤަކަށް ނުފެންނާނެއެވެ. ދުނިޔެ އުފެއްދެވުމާ ބެހޭގޮތުން، ނުވަތަ އެތަން ވުޖޫދު ކުރެއްވެވި ގޮތް الله سبحانه وتعالى ވަނީ ވަރަށް ޞަރީޙަ ޢިބާރާތުން ކީރިތި ޤުރުއާނުގައި ބަޔާން ކުރަށްވައިފައެވެ. ވަޙީކުރަށްވަނީ ﴿ أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ﴾ ‎(سورة الأنبياء: ٣٠) މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ތިމަންމެން ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟" މި އާޔަތުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވައިފައި މި ވަނީ "ބިގް ބޭންގް ތިއަރީ"(Big Bang Theory)އެވެ. މި ތިއަރީއަށް އޭގެ ފަހު ސަބަބު ނޭގުނަސް، ބަޔާންވެ ދިޔަ އާޔަތުން މި ތިއަރީގައި އެ ބުނާ ދައުވާގެ ހުރިހާ ކަމެއް ސާބިތު ކޮށްދެއެވެ. އޭގެ އެންމެ ފަހު ސަބަބު ވެސް ބަޔާންވެ އެނގެއެވެ. އުޑުތަކާއި ބިން، އެކަތިގަނޑަކަށް ވެފައި ވަނިކޮށް، އެ ދޭތި ތިމަންމެން ވަކިކޮށްލެއްވި ކަމަށް ވަޙީ އެކުރައްވާކުރެއްވުން އެއީ "ބިގް ބޭންގް ތިއަރީ"(Big Bang Theory އިން ކިޔައިދޭ ބާރުގަދަ ގޮވުމެވެ. "ސިންގުލައިރިޓީ" (Singularity)އަކީ އުޑުތަކާއި، ބިން، އެކަތިގަނޑަކަށް ވެފައި އޮތްއޮތުމެވެ. އޭގެ "ސަބަބަކީ" ނެތުމުގެ ތެރެއިން ތަކެތި ވުޖޫދު ކުރަށްވައި ހުރިހާ ކަމަކަށް ކުޅަދުންވަންތަ الله تعالىއެވެ. އެ އިލާހު ކައުނު އުފައްދަވަން އިރާދަކުރެއްވި އިރާދަކުރެއްވުމެވެ. އެ ކަމަށް އިރާދަކުރެއްވި ގޮތެވެ. ސައިންސްގެ މި ތިއަރީއާއި އާޔަތާ ދިމާވެއެވެ. ތިއަރީން އުފެދޭ "ޖަވަބު ނުލިބޭ ސުވާލާއި" މީސްތަކުންގެ ސިކުނޑިއަށް ތަޞައްވުރު ނުކުރެވޭ ކަންތައްތަކަށް މި އާޔަތުން ޙައްލު ލިބެއެވެ. "އެދޭތި ތިމަންމެން ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟" އޮތްއޮތުމެވެ. އެއިން އެނގެނީ ދުނިޔެ އުފެއްދެވީ الله تعالىކަމެވެ. އެ އިލާހުގެ ކުޅަދުންވަންތަކަމުން ކަމެވެ. އާޔަތުގައި ދެން ސުވާލުކުރަށްވަނީ "ކީފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟" އޭގެ މުޚާޠަބު އެ ދަނީ ﷲގެ ރުބޫއްބިއްޔަވަންތަކަމަށް އީމަންނުވާ ސައިންސްވެރިންނަށެވެ. އެ މީހުން އެކި ހޯދުންތައް ހޯދައި ކަމުގެ އަސްލު ސަބަބު އޭގެ އަސްލު ޚާލިޤަށް ނިސްބަތް ނުކޮށް، އެކިއެކި ނަންނަމުގައި އެ ކަންކަމުގެ ވާހަކަ ދައްކައި މީސްތަކުން މަގުފުރައްދަނީއެވެ. އެފަދަ އެއްވެސް ފުލެއްބިތެއް ނެތް ވާހަކައަކުން އީމާންތެރިންގެ އީމާނަށް ގުޑުމެއް ނާރާނެއެވެ. ﷲގެ ކުޅަދުންވަންތަކަމާއި، އެއިލާހުގެ ރުބޫބިއްޔަވަންތަ ސިފައާމެދު ޝައްކެއް ނުކުރާނެއެވެ. ސައިންސްގެ ބޭނުން އެދެވޭ ގޮތުގައި ހިފާނެއެވެ. ކަންކަން ހިނގާ ގޮތް ދަސްކުރާނެއެވެ. އެ ކަންކަމުގެ "ސަބަބު" ލެއްވި ކަށަކުޅަދުންވަންތަ އިލާހުގެ ފުރިހަމަކަން ދެނެގަންނާނެއެވެ. އެ އިލާހަށް އޮންނަ އިމާނާއި ލޯބި އިތުރު ކުރުމަށެވެ. ކަށަކުޅަދުންވަންތަ އިލާހެއް ވޮޑިގެން ވާކަމަށް އިންސާނާ އިންކާރުކުރަނީ އޭނާއަށް ލިބިފައި ވާ ޢިލްމުގެ މަދުކަމާއި ޖާހިލުކަމުގެ ބޮޑުކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ