މީޑިއާ ކައުންސިލުގެ މެމްބަރު އަފްޒަލް އިސްތިއުފާ ހުށަހަޅައިފި

މީޑިއާ ކައުންސިލުގެ މެމްބަރު ކަމަށް މީޑިއާތަކުން އިންތިހާބުކޮށްފައިވާ މެމްބަރު މުހައްމަދު އަފްޒަލް އާމިރު (އަޕޯ) މެމްބަރުކަމުން އިސްތިއުފާ ދިނުމަށް ސިޓީ ހުށަހަޅައިފި އެވެ. އަފްޒަލް މީޑިއާ ކައުންސިލުގެ މެމްބަރުކަމަށް އިންތިހާބުކޮށްފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އަފްޒަލް މިމަހުގެ އަށް ވަނަ ދުވަހު އިސްތިއުފާ ހުށަހަޅާފައިވާކަން މީޑިއާކައުންސިލުގެ ސެކެޓްރީ ޖެނެރަލް ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ. ަައަޕޯ މިއަދު ސަން އަށް ވިދާޅުވީ އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިހާރު މީޑިއާގެ ދާއިރާގައި ހަރަކާތްތެރިކޮށް ނޫޅުއްވާތީ ކަމަށެވެ. އޭނާ މީޑިއާ ކައުންސިލަށް އިންތިހާބުވީ އަވަސް އޮންލައިންގެ މެމްބަރެއްގެ ގޮތުގަ އެވެ. މީޑިއާ ކައުންސިލުގެ ގާނޫނުގައި ބުނެފައި ވަނީ އިސްތިއުފާ ގަބޫލުކުރިކަން އަންގަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އިސްތިއުފާ ގަބޫލުކުރިކަން 15 ދުވަހުގެ ތެރޭގައި ނާންގައިފި ނަމަ އިސްތިއުފާ ގަބޫލުކުރީކަމަށް ބެލެވޭނެ ކަމަށް ވެސް ގާނޫނުގައި ބުނެފައިވެ އެވެ. މީޑިއާކައުންސިލުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ މިހާރު ދައުރު ހަމަވެ ކައުންސިލްގެ ކޯރަމް ހަމަ ނުވާތީ ކައުންސިލުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށެވެ. އެހެންކަމުން އިސްތިއުފާ ހުށަހެޅިޔަސް އެކަމާ މެދު އަދި ގޮތެއް ނިންމިފައި ނުވާ ކަމަށް އެސްޖީ ވިދާޅުވި އެވެ. "ނަމަވެސް އިސްތިއުފާ ހުށަހަޅާފައި އޮތްކަން އަޅުގަނޑުމެންވާނީ ހޯމް މިނިސްޓްރީއަށް ވެސް އަންގާފައި" މީޑިއާކައުންސިލުގެ ސެކެޓްރީ ޖެނެރަލް ވިދާޅުވި އެވެ. މީޑިއާ ކައުންސިލުގެ ދައުރު ހަމަވެފައިވީ ނަމަވެސް އަފްޒަލްގެ އިތުރުން އަމިއްލަ ގޮތުން އައްޔަންކުރި މެމްބަރަކު ދެ އަހަރު ދުވަހުގެ މުއްދަތު ހަމަވާންދެން މެމްބަރުންގެ ގޮތުގައި ދެމިތިބޭނެ އެވެ. އެއީ ހުސްވި މަގާމުތަކަށް އައްޔަންކުރި މެމްބަރުންނަށް ވާތީ އެވެ. މީޑިއާ ކައުންސިލުގެ އާ ދައުރަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓުލުން މިއަދު 4:30 ގައި ފަށާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ