ޠާލިބާނުންގެ ބާރު ހިނގަނީ އަފްޣާނިސްތާނުގެ 39 އެމްބަސީއަކަށް އެކަނި

ބޭރު ޤައުމުތަކުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީތަކުގެ ތެރެެއިން ޠާލިބާނުންގެ ބާރު ހިނގަނީ 39 އެމްބަސީއަކަށް ކަމުގައި ޠާލިބާނުން ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަނެފައި ވަނީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭގެ ފަހުން ތިން އަހަރު ފާއިތުވެފައިވާއިރު, ޠާލިބާނުންގެ ބާރުގެ ދަށުގައި އޮތީ ބޭރު ޤައުމުތަކުގައި ހުރި އެ ޤައުމުގެ އެމްބަސީތަކުގެ ތެރެއިން 39 އެމްބަސީއެވެ.
އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތުމަށް ފަހު ޠާލިބާނުން ޤާއިމު ކޮށްފައިވާ ސަރުކާރު އެއްވެސް ޤައުމަކުން ބަލައިގަނެފައެއް ނެތެވެ. ނަމަވެސް, ޗައިނާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ން ވަނީ, އެ ޤައުމުތަކަށް ޠާލިބާނުން ފޮނުވާފައިވާ ސަފީރުންގެ ބަލައިގަނެފައެވެ. ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ގިނަ ޤައުމުތަކުން ދެކޮޅު ހަދަމުންދާ ސަބަބުތަކުގެ ތެރޭގައި, އެ ޤައުމުގެ ޢާންމު ރައްޔިތުންގެ އަސާސީ އަދި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ހިމެނެއެވެ.
ވެރިކަން ފޭރުގަތުމަށް ފަހު ޠާލިބާނުންގެ ފުރަތަމަ ނިންމުމަކަށްވީ, އެ ޤައުމުގެ އަންހެނުން އެ މީހުންގެ އަސާސީ އަދި އިންސާނީ ޙައްޤުތަކުން މަހުރޫމު ކުރުވުމެވެ. އެ ގޮތުން, އަންހެނުންނަށް ވަޒީފާ އަދާ ކުރުން ވަނީ މަނާ ކޮށްފައެވެ. އަދި, މަދަރުސާތަކާއި, ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު, އަންހެނުންނާއި އަންހެން ކުދިންނަށް މަނާ ކުރިއެވެ.
ހުޅަނގުގެ ބާރުތަކުން ބުނީ, ޠާލިބާނުންގެ ވެރިކަން ބަލަގަތުމުގެ ކުރިން އެ ޖަމާޢަތުން ހަނިކޮށްފައިވާ އަންހެނުންގެ ޙައްޤުތައް ރުޖޫއަ ކޮށްދޭން ޖެހޭނެ ކަމުގައެވެ. އަދި, ބަންދު ކޮށްފައިވާ މަދަރުސާތަކާއި ޔުނިވަރސިޓީތައް ހުޅުވައި, އެ ތަންތަނުގައި ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު އަންހެނުންނަށް ހުޅުވައިދޭން ޖެހޭނެ ކަމުގައެވެ. ނަމަވެސް, ޠާލިބާނުން ބުނީ އެ ޖަމާޢަތުން އަންހެނުންގެ ޙައްޤުތަކަށް އިޙުތިރާމު ކުރާ ކަމުގައެވެ. އަންހެނުންގެ ޙައްޤުތަކަށް އަރައިގަތުމާ ގުޅިގެން އަފްޣާނިސްތާނުގެ ބޭންކިންގ ނިޒާމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެ ޤައުމުގެ އިޤުތިޞާދަށް ހީނަރުކަން ކުރިމަތިވެފައިވާ ކަމުގައި ވެސް ޠާލިބާނުން ބުންޏެވެ.
ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތުމާ ގުޅިގެން, ބައެއް ޤައުމުތަކުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީތަކުން ވަނީ ޠާލިބާނުންގެ ސަރުކާރު ބަލައިގަންނަން އިންކާރު ކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ ހުޅަނގުގެ ޤައުމުތަކުގައި ހުންނަ އެ ޤައުމުގެ އެމްބަސީތަކެވެ. އެ ކަމާ ދެކޮޅު ހެދުމުގެ ގޮތުން ޠާލިބާނުންގެ ސަރުކާރުން ވަނީ, އެ އެމްބަސީތަކުން ދޫކުރާ ވިސާއާއި ޕާސްޕޯޓު ފަދަ ލިޔެކިޔުންތައް ބަލައިނުގަތުމަށް ނިންމާފައެވެ. ނަމަވެސް, ބަޣާވާތުގެ ކުރިން ބައެއް އެމްބަސީތަކަށް ޢައްޔަން ކޮށްފައިވާ މުވައްޒަފުން, ޠާލިބާނުން ޢައްޔަން ކޮށްފައިވާ މުވައްޒަފުންނަށް އެއްބާރުލުންދީ, ގުޅިގެން މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ.
"39 އެމްބަސީއަކާއި ޚާރިޖީ މިޝަންތަކުން މައި ސަރުކާރުގެ ކަމާ ގުޅޭ އިދާރާ ކަމުގައިވާ ޚާރިޖީ ވުޒާރާގެ އަމުރުތަކަށް ތަބާވޭ،" ޠާލިބާނުންގެ ޚާރިޖީ ވަޒީރު ޢާމިރު ޚާން މުއްތަޤީ ބުންޏެވެ. އަދި, ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޠާލިބާން ސަރުކާރުން 11 ޤައުމަކަށް ގިނަ ޢަދަދެއްގެ ޚާރިޖީ މުވައްޒަފުން ފޮނުވާފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. އޭގެ ތެރޭގައި ތުރުކީވިލާތް, ރަޝިޔާ, އީރާން އަދި ޕާކިސްތާން ހިމެނެއެވެ.
ކުރިއަށް އޮތް ހަފުތާގައި ޠާލިބާން ސަރުކާރުން އުޒްބަކިސްތާނަށް ސަފީރަކު ކަނޑައަަޅައި, އެ ޤައުމަށް ފޮނުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި, ރަޝިޔާއިން އެކުލަވައިލާފައިވާ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާން ޖަމާޢަތް ވަރަށް އަވަހަށް އުނިކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ޠާލިބާންގެ ސަރުކާރުގެ އަމުރުތަކަށް ތަބާނުވާ 14 އެމްބަސީއަކާ ގުޅުން ކަނޑައިލާފައިވާ ކަން ޖުލައި މަހު އެ ޖަމާޢަތުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ