އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ސައީދު އައްޔަންކުރަން ޖޭއެސްސީން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމާ އެކު އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ދެންމެ ނިންމައިފި އެވެ.
ކުރިން އިންތިގާލީ އުއްތަމަ ފަނޑިޔާރު ކަން ވެސް ކުރެއްވި އަބްދުﷲ ސައީދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސަށް ލަފާ އެރުވުމަށް ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމެއްގަ އެވެ. ޖޭއެސްސީން އެގޮތަށް ނިންމި ނަމަވެސް ގާނޫނު އަސާސީ އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރާނެ ފަރާތެއް ކަނޑައަޅާނީ ރައީސެވެ.
ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ގޮތުން ފާއިޒާއި އަހުމަދު މުއުތަސިމް އަދުނާން ވަކިކުރަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
ފާއިޒާއި މުއުތަސިމް ވަކި ކުރުމުން ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ފަނޑިޔާރު ސައީދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ