ބަޖެޓް 26: ހަގީގަތާ ދުރު ހުވަފެނެއް؛ ބޮޑު މުސާރަ، ބޮޑުވާ އަގުތައް

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އޮތީ، 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ބަހުސް އަދި މަޖިލީހުގައި އޮތީ ކުރިއަށެވެ. 
ބަޖެޓަކީ ކުރިއަށް އޮންނަ އަހަރު ރާއްޖޭގެ އިގްތިސާދު ބައްޓަންވާނޭ ގޮތުގެ މަގު ޗާޓެވެ. ސަރުކާރަށް އާމްދަނީ ހޯދާނޭ ގޮތާއި ސަރުކާރުގެ ހަރަދުތައް ތަފްސީލުކޮށް ލިޔެފައި އޮވެ އެވެ. އެހެން ނަމަވެސް. އާންމުން އެކަމާ ވިސްނާލެއް ކުޑަ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އޮތް ގޮތުން ބަޖެޓް ރާވާފައިވާ ގޮތަށް ހިންގުމަށް 26.3 ބިލިއަން ރުފިޔާ އާމްދަނީގެ ބޭރުން އަންނަ އަހަރު ސަރުކާރަށް ހޯދަން ޖެހޭނެ އެވެ. މިއީ މި އަހަރަށް ވުރެ 5.5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެގޮތުން އެ ފައިސާ ހޯދަން ރާވާފައިވާ ގޮތަކީ: 
ރާއްޖެއިން ބޭރުގެ ފަރާތްތަކުން: 16.8 ބިލިއަން ރުފިޔާ 
އެތެރޭގެ ފަރާތްތަކުން: 9.5 ބިލިއަން ރުފިޔާ 
ސުވާލު އުފެދެނީ ރާއްޖެއިން ބޭރުން ހޯދަން ބަޖެޓުގައި އެ ހުށަހަޅާފައިވާ ގޮތަށް އެ ފައިސާ ލިބިދާނެ ކަމާ މެދު އެވެ. ބަޖެޓަށް މިއަހަރު ވެސް 20.7 ބިލިއަން ރުފިޔާ ފައިނޭންސިންގެ ގޮތުގައި ހޯދަން ޖެހޭއިރު އޭގެ ތެރެއިން ރާއްޖެއިން ބޭރުން ހޯދަން އަމާޒުކުރި 12 ބިލިއަން ރުފިޔާ އަދިވެސް ހޯދިފައެއް ނުވެ އެވެ. ބަޖެޓް ސަޕޯޓް ލޯނެއް އަދި ބޭރަށް ބޮންޑެއް ވެސް އަދި ވިއްކިފައެއް ނުވެ އެވެ. 
މިއަހަރަށް ހުށަހެޅި ބަޖެޓުގައި ހިރާސް ނުވަތަ ރިސްކްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވެފައި ވާތީ ބޭރުން ފައިސާ ހޯދަން އުނދަގޫވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އަންނަ އަހަރަށް ވެސް އެ ހާލަތު ދެމިގެން ދާނޭ ކަމަށް ވެސް ބުނެފައިވެ އެވެ. 
އެހެންކަމަށްވާއިރު، އަންނަ އަހަރު ރާއްޖެއިން ބޭރުން ހޯދަން ލަފާކުރާ 16.8 ބިލިއަން ރުފިޔާ އަކީ ހަގީގަތުގައި ލިބިދާނޭ ނުވަތަ ހާސިލްކުރެވިދާނޭ އަދަދެއް ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. 
ރާއްޖެއިން ބޭރުން ފައިސާ ހޯދަން ރާވާފައިވާ ގޮތް: 
ބޭރު ލޯން: 2.8 ބިލިއަން ރުފިޔާ 
ބޭރަށް ވިއްކާ ބޮންޑް، ސްކޫކް: 6.9 ބިލިއަން ރުފިޔާ 
ބޭރުގެ ބަޖެޓް ސަޕޯޓް: 7 ބިލިއަން ރުފިޔާ 
ބަޖެޓުގައި ބުނެފައިވާ ގޮތުގައި ބަޖެޓުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ނުވަތަ ރިކަރަންޓް ހަރަދުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން ރިކަރަންޓް ހަރަދަށް ވަނީ މިއަހަރާ އަޅާބަލާއިރު 2.7 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން: 
އެންމެ ބޮޑަށް އިތުރުވީ މުސާރަ އާއި އިނާޔަތްތަކުގެ ހަރަދު؛ މިއަހަރަށް ވުރެ އަންނަ އަހަރު އިތުރަށް 2.2 ބިލިއަން ރުފިޔާ މުސާރަ، އިނާޔަތްތަކަށް ހަރަދުވާނެ 
އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އެލަވަންސްތައް ބޮޑުކުރާތީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދޭ އެހީގެ ފައިސާއަށް ވެސް މިއަހަރަށް ވުރެ އިތުރަށް، 154 މިލިއަން ރުފިޔާ ހަރަދުވާނޭ
ޑްރޯން އިންޝްއަރެންސްތަކާ ހެދި އިންޝްއަރެންސަށް ކުރާ ހަރަދަށް 43.8 މިލިއަން ރުފިޔާ އިތުރުވޭ 
ދައުލަތުން އިއްޒަތް އަރުވާ ފަރާތްތަކަށް އިންޝްއަރެންސް ދޭން ފެށުން
އެކި ފަރާތްތަކަށް ދޭ އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމާ އެކު މިއަހަރުގެ ބަޖެޓާ އެކު ބޭންކިން ނިޒާމުގެ ތެރޭގައި އިގްތިސާދުގައި ނުނިކުމެ ތާށިވެފައި ހުރި ރުފިޔާގެ ތެރޭން ދައުރުވާ ފައިސާގެ ތެރެއަށް 6 ބިލިއަނެއްހާ ރުފިޔާ އިތުރުވާނޭ ކަމަށް އަންދާޒާކުރެވެ އެވެ. 
ނަތީޖާ އަކީ، އަންނަ އަހަރުގެ ތެރޭގައި  އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް ބޮޑުވެގެން ދިޔުމެވެ. ބަޖެޓުގައި ލަފާކޮށްފައި ވަނީ އަންނަ އަހަރު އިންފްލޭޝަން އެވްރެޖްކޮށް %4.1ގައި ހިފެހެއްޓޭނެ ކަމަށެެވެ. އެކަމަކު، އެ އަދަދު ބޮޑުވެދާނޭ ކަމުގެ ބިރު އެބަ އޮތެވެ. 
އާމްދަނީ އިތުރުކުރަން މިއަހަރުގެ ބަޖެޓުގައި އިތުރު ކަންކަމެއް ހިމަނާފައެއް ނުވެ އެވެ. 
އަންނަ އަހަރު ހިލޭ އެހީ ނުހިމަނާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 40 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ. އެއީ މިއަހަރާ އަޅާބަލާއިރު %6.5ގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވަމުންދާ މިންވަރު ރަނގަޅެވެ. 
އެހެން ނަމަވެސް، މައްސަލައަކީ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން އަންނަ އައުމެވެ. މިއަހަރަށް ވުރެ އަންނަ އަހަރު ހަރަދުތައް %13.5 ބޮޑުވުމެއް އާދެ އެވެ. 
އަންނަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ނުވަތަ ޖީޑީޕީ ކުރިއަރާނޭ ކަމަށް އަންދާޒާކޮށްފައި ވަނީ %5.3ގަ އެވެ. އެހެން ވީމާ، ހަރަދުތައް މި އިތުރުވަނީ ޖީޑީޕީ ކުރިއަރާ މިންވަރާއި ދައުލަތުގެ އާމްދަނީ އިތުރުވާ މިންވަރާ ނުބައްދަލު ވަރެއްގަ އެވެ. 
ބަޖެޓުގައި ހުރި މައުލޫމާތާއި ނަމްބަރުތަކަށް ބަލާއިރު އަންނަ އަހަރު ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސްކޫކުގެ ތެރެއިން ސީދާ ރާއްޖެއިން ދައްކަނީ 150 މިލިއަނެއްހާ ޑޮލަރެވެ. އެކަން ކަށަވަރު ވަނީ، ދަރަނި ދެއްކުމަށް ސޮވަރިން ޑިވަލޮޕްމަންޓުން ނަގަން ރާވާފަައިވާ 270 މިލިއަން ޑޮލަރުގެ ބޮޑު ބަޔަކީ ސްކޫކު ރީފައިނޭންސް ކުރުމަށް ދައްކާބަ އެވެ. 
ސްކޫކް ރީފައިނޭންސްކޮށްގެން އަންނަ އަހަރު ބަޖެޓަށް 450 މިލިއަން ރުފިޔާ ހޯދަން ވަނީ ނިންމައިފަ އެވެ. އޭގެ މާނައަކީ 450 މިލިއަން ޑޮލަރު ދެއްކުން ރާއްޖެއިން އަހަރުތަކަކަށް އިންޓަރެސްޓަކާ އެކު ލަސްކުރަނީ އެވެ. މިހެން އަމަލުކުރުމުން ލޯނު ހިދުމަތަށް ކުރަން ޖެހޭ ހަރަދަށް ފާހަގަކުރެވޭ ވަރުގެ ބޮޑު އިތުރުވުމެއް އަންނާނެ އެވެ. 
އެ އިތުރުވުމަކީ ކިހާ ވަރެއްކަން އިނގޭނީ ސްކޫކް ރީފައިނޭންސް ކުރުމަށް އެއްބަސްވުމަކަށް އައިސް އެ މުއާމަލާތް ނިމުމުންނެވެ. މީގެ އިތުރަށް ސްކޫކް ރަނގަޅު ޓާމްސްގައި ރީފައިނޭންސް ކުރެވޭނެތޯ ވެސް އެއީ ކުރިމަތީ އޮތް ސުވާލެކެވެ. 
ބަޖެޓަށް ބަލާއިރު އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް އަހަރުތަކުގައި ލޯނު ހިދުމަތަށް ކުރަން ޖެހޭ ހަރަދަށް 696 މިލިއަން ރުފިޔާ ވަނީ މިއަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ.
ބަޖެޓުގައިވާ ގޮތުގައި އަންނަ އަހަރު އެކަނި ދަރަނި ދެއްކުމަށް ބޭރުގެ ފަރާތްތަކުން ވެސް 12.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ އެވެ. އެގޮތުން:
ދަރަނި ދައްކަން ކުރަން ޖެހޭ ހޭދަ ބޮޑުވެ ހާއްސަ ބަޖެޓު 21.3 ބިލިއަން ރުފިޔާއިން އަންނަ އަހަރު 27.9 ބިލިއަން ރުފިޔާއަށް އިތުރުވޭ 
ދަރަނި އަދާކުރުމުގެ ހަރަދު 11.7 ބިލިއަން ރުފިޔާއިން ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާއަށް އަރާ؛ ހާއްސަ ބަޖެޓުގެ ގާތްގަނޑަކަށް %80 އެއީ ލޯނު އަނބުރާ ދެއްކުމަށް ކުރަން ޖެހޭ ހަރަދު 
ބޭރުގެ ދަރަނި ދެއްކުމަށް ކުރަން ޖެހޭ ހަރަދު މިދިޔަ ދެ އަހަރުގެ ތެރޭ ފަސް ގުނަ އިތުރުވެ، އަންނަ އަހަރު 12.9 ބިލިއަން ރުފިޔާއަށް އަރާތީ، ދަރަނީގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހިންގައި އުމްރާނީ ތަރައްގީއަށް ހަރަދު ކުރަން ލިބޭ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައި އޮތް މަންޒަރު ބަޖެޓުން ފެނެ އެވެ. 
މިއަހަރާއި އަންނަ އަހަރު ޕީއެސްއައިޕީ ނުވަތަ މަޝްރޫއުތަކަށް ކުރާ ހަރަދު 2024 އަޅާބަލާއިރު ވަނީ %29 ކުޑަވެފަ އެވެ. މިއީ 3.4 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. އެކަމަކު، އާ އިނާޔަތްތަކާއި މުސާރަ ބޮޑުކުރުމާ އެކު ރިކަރަންޓް ހަރަދު އަންނަނީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ. މި ބަޖެޓުގައި އެ މަންޒަރު ފެންނަވަރު އަދި މާ ބޮޑެވެ. 
މިހާ ބޮޑު އަދަދެއް ބޭރުގެ ދަރަންޏަށް އަންނަ އަހަރު ދައްކަން ޖެހޭތީ އޭގެ ނޭދެވޭ އަސަރު ބޭރު ފައިސާގެ އަގަށްކޮށް ޑޮލަރެއް ގަންނަން ލިބޭ ވަރު ރުފިޔާއާ އަޅާބަލާއިރު އިތުރުވުމުގެ ފުރުސަތު އަންނަ އަހަރު ބޮޑެވެ.
އަންނަ އަހަރުގެ ބަޖެޓުން އާންމުން އެންމެ ބޮޑަށް އެދުނީ އިންފްލޭޝަން ތިރިވެ ދިރިއުޅުމުގެ އަގުތައް ތިރިވުމެވެ. އެކަމަކު ބަޖެޓުގައި ހުރި ސިޔާސަތުތަކަށް ބަލާއިރު އެ މަގުސަދު ހާސިލްވާނޭ ސިޔާސަތުތަކެއް ނުފެނެ އެވެ. 
ބޭރުގެ ދަރަނި ދައްކަން ޖެހޭވަރު މަތިވެ ބޭރު ފައިސާގެ އަގަށް އަންނަ އަހަރު އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ސަރުކާރުގެ ހޭދަތައް ވެސް އިތުރަށް ބޮޑުވާނެތީ އިންފްލޭޝަން ދަށަށް ދިޔުމުގެ ބަދަލުގައި ސިޔާސަތުތައް ހުރީ އިންފްލޭޝަން މައްޗަށް ދިޔުމާ ދިމާލަށެވެ. 
ދެން ގިނަ ބަޔަކު ބޭނުންވީ، ހައުސިންގެ މައްސަލައަށް ހައްލުތަކެއް ގެންނާށެވެ. އަންނަ އަހަރު ގެދޮރުވެރިކަމުގެ ސިޔާސަތަށް 1 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު، އެ ބަޖެޓް އެއީ ރާއްޖޭގެ އެންމެ ބޮޑު ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ލިބޭނޭ އަދަދެއްތޯ އެއީ ސުވާލެކެވެ. މިއަހަރުގެ ބަޖެޓަށް ވެސް އެވަރުގެ އަދަދެއް ޖެހި ނަމަވެސް އަހަރު ނިމުނު އިރު އެކަމަށް ހަރަދުވާނޭ ކަމަށް ބެލެވިފައި އޮތީ 392 މިލިއަން ރުފިޔާ އެވެ. 
އަންނަ އަހަރު ދަރަނި ދައްކަން ބޮޑު އަދަދެއް ހަރަދު ކުރަން ޖެހި ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހަރަދު ކުރުމަށް ބުރަކި ޖެހިފައިވީ ނަމަވެސް އަންނަ އަހަރު އެކި ނަންނަމުގައި ދޭ އިނާޔަތްތަކާއި އެހެނިހެން ވެސް ރިކަރަންޓް ހަރަދުތައް މި ބަޖެޓުގައި ވަނީ ބޮޑުވެފަ އެވެ. 
މައްސަލަތަކަށް ހައްލު ލިބޭނޭ އާ ސިޔާސަތެއް ނުވަތަ ހަރަދު ކުޑަކުރުން ފަދަ ހެޔޮ ބަދަލެއް ގެންނަން ހިތްވަރުގަދަ ފިޔަވަޅެއް އެޅުމަށް ބަޖެޓުގައި ހިމަނާފައެެއް ނެތެވެ. އެކަހަލަ ސިޔާސަތެއް ނުފެނެ އެވެ. އަދި ބައެއް ކޯޑްތަކުގައި ފައިސާ ހިމަނާފައިވާ ގޮތަށް ބަލާއިރު ބަޖެޓް ތަންފީޒު ކުރުމުގެ ހަރުދަނާ ރޭވުމެއް ނެތްކަން ފާހަގަވެ އެވެ.
މި ބަޖެޓް ތަންފީޒުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ހާއްސަކޮށް ބޭރުން ހޯދަން ޖެހޭ ބަޖެޓް ފައިނޭންސިންނާއި ސްކޫކް ރީފައިނޭންސިން އަކީ އެންމެ ބޮޑު ގޮންޖެހުމަށް ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ