އެމްއެންޑީއެފް އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި ހުޅުވައިފި
ދިވެހި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ އެންމެ ފުރަތަމަ އެއާ ސްޓޭޝަން އައްޑޫ ގަމުގައި މިއަދު ހުޅުވައިފިއެވެ. އެމްއެންޑީއެފް އެއާކޯގެ އެންމެ ފުރަތަމަ އެއާ ސްޓޭޝަން ގަމުގައި ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެމްއެންޑީއެފުން ބުނީ 400 މީޓަރުގެ ޓެކްސީވޭއަކާއި 100 މީޓަރުގެ އޭޕްރަންއެއް އޮންނަ މި އެއާ ސްޓޭޝަންގައި ސިފައިންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށެވެ. މި އެއާ ސްޓޭޝަން ގާއިމްކުރި ސަރަހައްދަކީ އިސްތިރާޖީގޮތުން މުހިންމު ސަރަހައްދެއް ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި އެއާ ސްޓޭޝަން ހުޅުވުމަށްފަހު ރައީސް ވިދާޅުވީ، ދެން އެންމެ އަވަހަށް އެއާ ސްޓޭޝަނެއް ހުޅުވައި އެތަނުގެ މަސައްކަތް ފަށާނީ މިއަހަރު ނިމުމުގެ ކުރިން، ށ. ފުނަދޫގައި ކަމަށެވެ. https://sun.mv/213451 ފާހަގަކުރެވޭ ގޮތުގައި އެމްއެންޑީއެފްގެ އެއާކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކުރަން ރައީސް ނިންމެވީ މިދިޔަ ހޯމަ ދުވަހު، އެމަނިކުފާނަށް ގާނޫނުއަސާސީންނާއި ގާނޫނުން ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ނެރުއްވި ގަރާރެއްގައެވެ. އެ ގަރާރުގައިވާ ގޮތުން އެއާ ސްޓޭޝަނެއް ގާއިމްކޮށް ޚިދުމަތް ފަށަން ނިންމެވީ ސިފައިންގެ ވައިގެ ބާރެއް ރާއްޖޭގައި ގާއިމްކޮށް ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ސިފައިންނަށް ހޯދައިދީ، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމުގައި އަމިއްލަ ގާބިލުކަން ހުރި ބަޔަކަށް ހެދުމުގެ މަގްސަދުގައެވެ. ރައީސްގެ ގަރާރުގައިވާ ގޮތުން އެއާ ކޯގެ މަގްސަދަކީ ރާއްޖޭގެ މިނިވަންކަމާއި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށް ޓަކައި ރާއްޖޭގެ ވައިގެ ސަރަހައްދާއި އެސްއީޒެޑު ބަލަހައްޓައި، ރާއްޖޭގެ ސަރަހައްދުގައި ވައިގެ މަގުން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި ރާއްޖެ ވައިގެ މަގުން ރައްކާތެރިކުރުމެވެ. "...ދިވެހި އަސްކަރިއްޔާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރެއާއި ދުވާލު 24 ގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާއުކޮށް ބެލެހެއްޓުމަށާއި، ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއާ ކޯގެ ފުރަތަމަ އެއާ ސްޓޭޝަން ގާއިމްކޮށް އެ އެއާ ސްޓޭޝަންގެ ޚިދުމަތް ފެށުމަށް ދިވެހި ސިފައުންގެ މައްޗަށް އަންގައި އަމުރުކޮށް މި ގަރާރު އެކަށައެޅީމެވެ." އެމަނިކުފާނުގެ ގަރާރުގައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީން ގެނައި ޑްރޯންތައް އިފްތިތާހުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 15ގައެވެ. ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި ޑްރޯންތަކުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ. އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ. ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރަނީ އެމްއެންޑީއެފްގެ އެއާ ކޯއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ