ރަޖްނީކާންތުގެ 'ޖެއިލާ 2'ގެ ޚާއްސަ ރޯލެއް ވިދްޔާއަށް؟

ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ލެޖެންޑު އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ޖެއިލާ 2"ގެ ރޯލަކަށް ބޮލީވުޑްގެ ބަތަލާ ވިދިޔާ ބާލަން ހަމަޖައްސަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިއީ ފިލްމު "ކަހާނީ"، "ޕާ" އަދި "ހެއި ބޭބީ" ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާ ތަމަޅަ ސިނަމާއިން ފެންނާނެ ފުރަތަމަ ފިލްމު ކަމަށާއި މިއީ ތަމަޅަ ފިލްމެއްގެ ލީޑް ރޯލްއިން ބަތަލާ ފެންނާނެ ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ރަޖްނީކާންތާ އެކު ކުރީގެ އެކްޓަރު މިތުން ޗަކްރަބަތީ މުހިއްމު ރޯލް ކުޅޭ ފިލްމުގައި ބަތަލާ ކުޅޭނީ މިތުންގެ ދޮށީ އަންހެން ދަރިފުޅުގެ ރޯލް ކަމަށް ފިލްމުފެއާގެ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. އަދި, ފިލްމުގައި މިތުން ފެންނާނީ ފިލްމުގެ މައި ވިލެންގެ ގޮތުގައި ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ފިލްމު "ޖެއިލާ"ގެ ލީޑް އެކްޓަރު ރަޖްނީކާންތު އަދި އެ ފިލްމުގެ ކާސްޓަށް އަލަށް ގެންދަން ނިންމާފައިވާ ބަތަލާ ވިދިޔާ ބާލަން--ފޮޓޯ/އެންޑީޓީވީ މި ފިލްމުގެ ޝޫޓިން އިންޑިއާގެ ޗެންނާއީގައި ފެށިގެން ކުރިއަށްދާއިރު މި މަހުގެ ފަހުކޮޅު އިންޑިއާގެ ގޯއާގައި ފިލްމުގެ ބައެއް ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ދެ މަސް ދުވަސް ވަންދެން ފިލްމުގެ ޝޫޓިން އިންޑިއާގެ އެކި ސްޓޭޓްތަކުގައި ކުރިއަށްގެންދަން ނިންމާފައިވާއިރު "ޖެއިލާ 2"ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ކުރީ ކޮޅަށެވެ. ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކޮށް ސަން ޕިކްޗާސް ބެނާގެ ދަށުން އުފައްދާ "ޖެއިލާ 2" އަކީ 2023ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ބްލޮކްބާސްޓަ ފިލްމުގެ ސީކުއަލްއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ