އަންދުގެ 85 ދަރިވަރުންގެ ހުނަރު، 501 އާޓްވޯކް

ކުޅަދާނަ އާޓިސްޓް އަހްމަދު ނިމާދު (އަންދު) ކިޔަވައިދޭ ދަރިވަރުންގެ ފަންނުވެރިކަމުގެ ހުނަރު ދައްކުވައިދޭ އާޓް އެގްޒިބިޝަނެއް ފަށައިގެން ކުރިއަށް އެބަދެއެވެ. ހުޅުމާލޭގައި ހުންނަ ހައި އެޗީވާސް އެކެޑަމީއާއި އަންދުގެ އާޓް ކްލާހުގައި ކިޔަވާ މި ކުދިންގެ ކުރެހުން ހިމަނައިގެން ކުރިއަށްގެންދާ އެގްޒިބިޝަނާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން އަންދު ވިދާޅުވީ، އޭނާގެ އާޓް ކްލާހުގައި ކިޔަވާ 85 ކުދިންގެ އާޓްވޯކް މި އެގްޒިބިޝަނުން ފެންނާނެ ކަމަށެވެ. އަންދުގެ އާޓް އެގްޒިބިޝަންގަގެ ބައެއް ކުރެހުންތައް --- ފޮޓޯ/ އަންދު މި އެގްޒިބިޝަނުން ފަސް އަހަރާއި 17 އަހަރާ ދެމެދުގެ އެ ކުދިންގެ 501 އާޓްވޯކް ފެންނާނެ ކަމަށް އަންދު ވިދާޅުވިއެވެ. އެއީ، މާލެ ސަރަހައްދުގައި ހުންނަ 18 ސްކޫލެއްގައި ކިޔަވަމުން އަންނަ ކުދިންނެވެ. އާންމުންނަށް ވެސް ވަދެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ މި އެގްޒިބިޝަން ކުރިއަށްގެންދަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް، އަދި އެ ނޫން ދުވަސްދުވަހު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް، މާލޭގައި ހުންނަ ނޭޝަނަލް އާޓް ގެލެރީގައެވެ. އެންމެ ފުރަތަމަ މި އެގްޒިބިޝަން މިއަދު ނިމޭ ގޮތަށް އޮތް ނަމަވެސް، ހުކުރު ދުވަހުގެ ނިޔަލަށް މި އެގްޒިބިޝަން ކުރިއަށް ދާނެ ކަމަށް އަންދު މައުލޫމާތުދެއްވައެވެ. އަންދުގެ އާޓް އެގްޒިބިޝަންގައި ބައިވެރިވި ބައެއް ދަރިވަރުން: މި އެގްޒިބިޝަނަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް އަންދު ވިދާޅުވި --- ފޮޓޯ/ އަންދު އަންދު ވިދާޅުވީ، އާންމުންގެ ތަރުހީބު ރަނގަޅު ކަމަށާއި މި އެގްޒިބިޝަންގައި ހުރި އާޓްވޯކްގެ 50 ޕަސެންޓު މިހާރު ވިކިފައިވާ ކަމަށެވެ. މި އެގްޒިބިޝަންގައި ދައްކާލި ކޮންމެ ކުރެހުމަކީ ވެސް ރީތި ކުރެހުންތަކެއް ކަމަށާއި އަހަރަކު އެއްފަހަރު އޭނާ ކިޔަވައިދޭ ކުދިންގެ އެގްޒިބިޝަނެއް ބާއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަންދުގެ އާޓް އެގްޒިބިޝަން ބަލާލަން ދަރިވަރުންގެ އިތުރުން އާންމުން ވެސް އާޓް ގެލެރީއަށް ޒިޔާރަތްކޮށްފައިވޭ --- ފޮޓޯ/ އަންދު މި އެގްޒިބިޝަންގައި ދައްކާލި ކުރެހުންތަކުގެ ތެރޭގައި، ފަންސޫރުން ތައްޔާރުކުރި ކުރެހުންތަކާއި، ކުލަ ފަންސޫރާއި، ފެންކުލައާއި މިކްސް މީޑިއާއާއި އެކްރިލިކް ޕެއިންޓިން ބޭނުންކޮށްގެން ތައްޔާރުކުރި ކުރެހުންތައް ހިމެނޭކަމަށް އަންދު މައުލޫމާތު ދެއްވައެވެ. މި ކުރެހުންތަކުގެ މައުޟޫއުތަކަށް ބަލާލާއިރު އެކި ގޮތްގޮތަށް ދިވެހިރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކުރެހުންތަކާއި ތިމާވެއްޓާ ބެހޭ ކުރެހުންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ