ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއް - ރައީސް

ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސީޓީގައި ފެށި ކޮމަންވެލްތު ޤައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް ޗެމްޕިއަންޝިޕާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި މި މުބާރާތް ބޭއްވޭ ކަމީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަމަށެވެ. އަދި ރައީސް ވަނީ މި މުބާރާތުގައި ބައިވެރިވި ޓީމުތަކާއި މުބާރާތް ބައްލަވަން ރާއްޖެއަށް ޒިޔާރަތްކުރެއްވި މެހުމާނުންނަށް މަރްޙަބާ ވެސް ދަންނަވާފައި އެވެ.
ރައީސް ވިދާޅުވީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ކުޅިވަރުގެ ބައިނަލްއަޤްވާމީ ދަނޑުތަކުގައި ދިވެހީން ޙާޞިލްކުރި ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ، ކުޅިވަރަށް ދިވެހީން ކުރާ ލޯބި ދުނިޔެއަށް ހާމަވެ، އަދި މި ޤައުމުގެ ރީތިކަން އެތައް ބަޔަކަށް އިތުރަށް އިޝްތިހާރުވާނެ ރަނުގެ ފުރުޞަތެއްކަމަށާއި، އަމާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ މުބާރާތަކަށް މި މުބާރާތް ވެގެންދާނެކަމަށް ރައީށް ވިދާޅުވިއެވެ.ރައީސްގެ ޕޯސްޓުގައި ވަނީ މި މުބާރާތުގައި ބައިވެރިވި ހުރިހާ ޤައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ފެންނާނެކަމަށް އިންތިޒާރުކުރައްވާކަން ހާމަކުރައްވައި ޚާއްސަކޮށް ދިވެހި ޤައުމީ ޓީމަށް ވަރަށް ފަޚުރުވެރި ކާމިޔާބީއަކަށް އެދިވަޑައިގަންނަވާފައި އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީގައި ފެށުނު މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ކޮމަންވެލްތުގެ 6 ގައުމަކުން ބައިވެރިވެއެވެ. މިއީ ކޮމަންވެލްތުގެ ގައުމުތަކުގެ މެދުގައި ބީޗް ހޭންޑްބޯޅަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ