ރާއްޖޭގެ މެޗުތައް ބަލާނީ ކޯޗު ސޮބާހުގެ ބަސް ގަބޫލުކޮށްގެން

ސްރީ ލަންކާގައި އިއްޔެ ފެށި ސާފް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 6-0 އިންނެވެ. އެކަމަކު ފުޓްބޯޅައަށް ލޯބިކުރާ ދިވެހިން އެ ނަތީޖާއާ މެދު ހިތްބަރުކުރާނެ ކަމެއް ނެތެވެ.
ރާއްޖޭގެ ކޯޗު އަދި ކުރީގެ ގައުމީ ޓީމުގެ ދިފާއީ ކުޅުންތެރިޔާ ސޮބާހު މުހައްމަދު ވަނީ މެޗުގެ ކުރިން ދިވެހިންނަށް މެސެޖެއް ދީފަ އެވެ.
"އަހަރެމެންގެ ކުޅުންތެރިންނަށް މި ވަގުތު ބޭނުންވަނީ އެހީތެރިކަމެވެ. ފާޑުކިއުމެއް ނޫނެވެ،" ފޭސްބުކްގައި ލިއަމުން ސޮބާހު ބުންޏެވެ.
އުމުރު ފުރައިގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ފާޑުކިޔުމަކީ ރާއްޖޭގައި ކުރާ ކަމެއް ނޫނެވެ. ދިވެހިން އަބަދުވެސް ދެކެނީ އުމުރު ފުރައިގެ މުބާރާތްތަކުގައި ރާއްޖެއަށް މި ސަރަހައްދުގައި ވެސް މާ ބޮޑު ވާދައެއް ނުކުރެވޭނެ ކަމަށެވެ.
އެކަމަކު އެގޮތަށް އަބަދު ވިސްނައިގެން ހަމަ ތިބެންވީތޯ ސުވާލުކުރާ މީހުން އުޅެ އެވެ. މިދިއަ އަހަރު ބޫޓާންގައި އޮތް 17 އަހަރުން ދަށުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި ޗެމްޕިއަން އިންޑިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 3-0 އިންެނެވެ. އެ ގްރޫޕްގައި ރާއްޖޭގެ ޓީމުން ވަނީ ބަންގްލަދޭޝްއާ 1-1 އިން އެއްވަރުކޮށްފަ އެވެ. ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ނުކުތީ ވެސް ބަންގްލަދޭޝް އެވެ.
މިހާރު ކުރިއަށްދާ މުބާރާތުގެ ދެވަނަ މެޗުގައި އަންނަ ހުކުރުދުވަހު ރާއްޖެ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ޕާކިސްތާނުން އިއްޔެ ވަނީ ގްރޫޕްގެ އަނެއް ޓީމު ބޫޓާން 4-0 އިން ބަލިކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ޕާކިސްތާން ވެސް ވާނީ އުނދަގޫ މެޗަކަށެވެ.
"އާއެނކެވެ. އަހަރެމެންގެ ތަޖުރިބާ ކުޑަ އެވެ. އާއެނކެވެ. އެ ކުޅުންތެރިން އަދިވެސް ދަސްކުރަނީ އެވެ،" އިއްޔެގެ ޕޯސްޓްގައި ސޮބާހު ލިއުނެވެ.
ކުރިން ވެސް އުމުރު ފުރައިގެ ގައުމީ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ސޮބާހު ބުނީ ތައްޔާރުވާން ވަގުތު ބޭނުންވާނެ ކަމަށެވެ. މިއީ ހުއްޓިފައި އޮތް އެފްއޭއެމް، މިދިއަ ޖުލައި މަހުގެ އިންތިހާބަށް ފަހު އަލުން ހިނގައިގަންނަން ފެށި ފަހުން އެކުލަވާލި އުމުރު ފުރައިގެ ފުރަތަމަ ޓީމު ވެސް މެ އެވެ.
"ކޯޗެއްގެ ގޮތުން އަހަރެން ބޭނުންވަނީ އެއް ކަމެއް ސާފުކޮށް ބުނާށެވެ: ނަތީޖާއެއް ނެރެން މި ކުޅުންތެރިންނަށް އަހަރެން ޕްރެޝަރެއް ނުދޭނަމެވެ. އެކަމަކު އޭގެ މާނައަކީ ނަތީޖާއެއް ނެރެން ނުކުޅޭނެ ވާހަކައެއް ނޫނެވެ،" ސޮބާހު ބުންޏެވެ.
"އެންމެ މުހިންމީ ހިތްވަރާއި އިތުބާރު އަދި ފަހުރުވެރިކަމާ އެކު ކުޅުމެވެ. އެގޮތަށް ކުޅެފި ނަމަ ނަތީޖާ އޭގެ ޒާތުގައި ފެންނާނެ އެވެ."
އެކަމަކު އަދި ނަތީޖާ ފެންނަނީ ދަށްކޮށެވެ. އުއްމީދުކުރަންވީ ދެން އޮތް މެޗުގައި ދިވެހި ޓީމުގެ ކުޅުން ރަނގަޅުކުރާނެ ކަމަށެވެ. 
މި ޓީމުގެ މެޗުތައް ބަލާއިރު ސޮބާހުގެ ނަސޭހަތް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. ފާޑުނުކިޔާށެވެ. ސަޕޯޓްކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ