އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ، މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމުގައި ހުންނެވިއިރު ވެސް، ރައްޔިތުންނާ ގާތް ގުޅުމެއް ބޭއްވެވި ހާދިމެކެވެ. ގަވައިދުން މާލެ ސަރަހައްދުގެ ގޭގެއަށް ޒިޔާރަތް ކުރައްވަވައި، ރައްޔިތުންގެ ހާލު ބެއްލެވިއެވެ.
އަދި މާލޭގެ އަވަށްތަކާ ވެސް، ވަކިން ބައްދަލުކުރައްވައި، އެ އަވަށެއްގެ ރައްޔިތުންގެ ޝަކުވާތައް އަޑު އިއްވުމަށް ޖާގަ ދެއްވެވި ތަން ފެނިގެންދިޔައެވެ.
މިއަދު އެމަނިކުފާނަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގަތުމުން ވެސް، ފެނިގެންދަނީ ރައްޔިތުންނާ އެ ގާތްކަން ބާއްވަވާ މަންޒަރެވެ. މަގާމުގެ ހައިބަތު ބޮޑުވުމަކުން ރައީސް މުއިއްޒު ރައްޔިތުންނާ ފެއަށްޖެހިވަޑައެއް ނުގެންނެވިއެވެ.
ގައުމުގެ ވަލިއްޔުލްއަމްރުގެ މަގާމު ލިބިވަޑައިގަތުމާއެކު، މުޅި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުފުޅު ފެއްޓެވިއެވެ. އާބާދީ މަދު، ކުޑަ ރަށެއް ވެސް ބާކީ ނުކުރެއްވެވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި ރަށްރަށުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ސާފު ކުރެއްވިއެވެ. އިންތިހާބެއް ބޯމަތިވެފައި ނެތަސް، އެމަނިކުފާނުގެ މި ދަތުރުފުޅުތައް ކުރިއަށް ގެންދަވައެވެ.
ރައީސް މުއިއްޒު ރޭ މާލޭގެ މާފަންނުގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމުގެ ބައިވެރިންގެ ޝުއޫރުތަކުން ވެސް ހާމަކޮށްދެނީ، އެމަނިކުފާނު މި ދައްކަވާ ”ތަފާތު“ ރައްޔިތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެވެ.
ރޭގެ ބައްދަލުވުމުގައި ބައިވެރިވި މާފަންނުގެ ރައްޔިތަކު ބުނީ، އޭނާގެ އުމުރުން 60 އަހަރުވާން ކައިރިވީއިރު ވެސް، ގައުމެއްގެ ވެރިއެއްގެ ފަރާތްޕުޅުން މިފަދަ ފުރުސަތެއް ނުލިބޭ ކަމަށެވެ.
”އެކަމަކު މިހާރު ފުރުސަތު ލިބުނީމަ، އަޅުގަނޑު ވަރަށް އުފާވޭ.“ އޭނާ ބުންޏެވެ.
ރައީސްގެ މާފަންނު ބައްދަލުވުމުގެ ބައިވެރިއެއް
ރައީސްއާ ބައްދަލު ކުރި ޒުވާނަކު ބުނީ، މިއީ ކުރިން ނުލިބޭ ”ޗާންސް“އެއް ކަމަށާއި، ދާއިރާގެ ރައްޔިތުންނާއެކު ރައީސްއާ ބައްދަލުވުމުން އުފާ ކުރާ ކަމަށެވެ.
އިތުރު މީހަކު ބުނެފައިވަނީ، އޭނާ ރައީސްއާ ބައްދަލު ކުރަން އައީ ފްލެޓު ލިބިފައި ވެސް، އެ ފުރުސަތު ގެއްލުނު އޭނާގެ ދަރިއަކު ދިން ނޯޓެއް އެމަނިކުފާނާ ހަވާލު ކުރަން ކަމަށެވެ. އަދި އެކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިކަން އޭނާ އުފަލާއެކު ފާހަގަކުރިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މާފަންނު ބައްދަލުވުމުގެ ތެރެއިން
ހަގީގަތުގައި ވެސް، ރައީސް މުއިއްޒު މިވަނީ ވެރިންނަކީ ހަމައެކަނި ފިނިކޮޓަރީގައި ތިއްބަވާ ބައެއްގެ ގޮތުގައި ލޭބަލްވެފައި އޮތްއޮތުން ބަދަލު ކުރައްވައިފައެވެ.
ކޮންމެ ރައްޔިތަކަށް ވެސް މިއަދު އެމަނިކުފާނާ ހަމައަށް ވާސިލުވެވޭނެ މަގު ވަނީ ފަހިވެފައެވެ.
ރައީސް މުއިއްޒަށް ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހެޅޭ ގޮތަށް، ރައީސް އޮފީހުން ”ރައްޔިތުންގެ އަޑު“ގެ ނަމުގައި ޕޯޓަލްއެއް ވެސް މީގެ ކުރިން ގާއިމު ކުރިއެވެ. އަދި މި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ”ރައީސްގެ ޖަވާބު“ ސިލްސިލާގެ ތެރެއިން، އެމަނިކުފާނު އެތައް ބައެއްގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން-
މީގެ އިތުރުން، ސަރުކާރުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް، ވަޒީރުންނާ ސީދާ ސުވާލު ކުރެވޭ ގޮތަށް ”އަހާ“ ފޯރަމް ވެސް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.
މިފަދަ ކަންކަން ދަލީލު ކޮށްދެނީ، ރައީސް މުއިއްޒު އަކީ ރައްޔިތުން ދެކެ ލޯބިވާ، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި، ހައްލު ހޯއްދެއްވުމަށް ބޭނުންފުޅުވެލައްވާ ވެރިއެއް ކަމަށެވެ.
ސީދާ ރައީސްއާ ސުވާލު ކުރަން ފުރުސަތު ލިބުން، ގިނަ ރައްޔިތުން އުފަލާއެކު ބަލައިގަންނަ ކަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ