މެރީނޯގެ ހެޓްރިކާ އެކު ސްޕެއިނަށް ބޮޑު މޮޅެއް، ޖަރުމަނުން ހާސްކަން ފިލުވާލައިފި މެރީނޯގެ ހެޓްރިކާ އެކު ސްޕެއިނަށް ބޮޑު މޮޅެއް، ޖަރުމަނުން ހާސްކަން ފިލުވާލައިފި

ކޮންޏާ، ތުރުކީ (ސެޕްޓެމްބަރު 8) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ މިކޭލް މެރީނޯގެ ހެޓްރިކާ އެކު، ސްޕެއިނުން 6-0 އިން ތުރުކީ އަތުން ބޮޑު މޮޅެއް ހޯދިއިރު، ނޮދަން އަޔަލެންޑް އަތުން 3-1 އިން މޮޅުވެ ޖަރުމަނުން ހަމަޖެހުމެއް ހޯދައިފި އެވެ.
ރޭގެ މެޗުގައި މެރީނޯ ވަނީ 57 މިނިޓް ތެރޭ ތިން ގޯލު ޖަހައި، އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. އުމުރުން 29 އަހަރުގެ މެރީނޯ، ސްޕެއިނަށް ކުޅުނު ފުރަތަމަ 31 މެޗުން ޖެހުނީ އެންމެ ދެ ގޯލެވެ. އޭގެ ފަހުން، 2025 ވަނަ އަހަރު ސްޕެއިނަށް ކުޅެދިން ހަ މެޗުން މި ވަނީ ހަ ގޯލު ޖަހައިފަ އެވެ.
ސްޕެއިނަށް އަނެއް ލަނޑުތައް ޖަހައިދިނީ، ޕެޑްރީ ގޮންޒާލޭޒް ދެ ގޯލާއި ފެރާން ޓޮރޭޒް ގޯލެކެވެ.
ކޮލިފައިން ގްރޫޕް އީގައި ސްޕެއިން ކުޅުނު ދެ މެޗުން މޮޅުވެ، އޮތީ ހަ ޕޮއިންޓާ އެކު، އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޖޯޖިއާ އާއި ތިން ވަނައިގައި އޮތް ތުރުކީ އަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ބަލްގޭރިއާ އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވެ އެވެ.
ކޮލިފައިން ގްރޫޕް އޭގައި ކުޅުނު ފުރަތަމަ މެޗުން ސްލޮވާކިއާ އަތުން ބަލިވެ، ފާޑުކިޔުންތައް އަމާޒުވި ޖަރުމަނުން ވަނީ، އަޔަލެންޑް އަތުން މޮޅުވެ، ހަމަޖެހިލައިފަ އެވެ. އެ ގޮތުން، ޖަރުމަނުގެ ލަނޑުތައް ޖެހީ ސާޖް ގްނަބްރީ އާއި ނަދިއެމް އަމީރީ އަދި ހިލޭ ޖެހުމަކުން ފްލޯރިއަން ވާޓްޒް އެވެ.
މި މެޗުގައި ނޮދަން އަޔަލެންޑްގެ ހަމައެކަނި ލަނޑު ޖެހީ، އިސާކް ޖޫޑް ޕްރައިސް އެވެ. އޭނާ ފުރަތަމަ ހާފުގައި ގޯލެއް ޖަހައި، އަޔަލެންޑަށް އެއްވަރުކޮށްދިން ނަމަވެސް، ޖަރުމަނުން ދެ ވަނަ ހާފުގައި އިތުރު ގޯލުތަކެއް ޖަހައި މޮޅުވީ އެވެ.
ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ދެ މެޗުން މޮޅުވެ، ސްލޮވާކިއާ އޮތްއިރު، ދެ ވަަނައިގައި އޮތް ނޮދަން އަޔަލެންޑާއި ތިން ވަނައިގައި އޮތް ޖަރުމަނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އަދި، ފުލުގައި އޮތް ލަގްޒެމްބާގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ