ކިންގްސް ކަޕް: ފައިނަލުގައި ސީސީން ތަޖުރިބާގެ ބޭނުންކުރާނެ ކިންގްސް ކަޕް: ފައިނަލުގައި ސީސީން ތަޖުރިބާގެ ބޭނުންކުރާނެ

ކްލަބް މޯލްޑިވްސް އިން ބާއްވާ ކިންގްސް ކަޕްގެ ފައިނަލުގައި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އާ ދެކޮޅަށް ފައިނަލުގައި ކުޅޭއިރު، ބ. އޭދަފުށީ ސީސީ ސްޕޯޓްސް ކްލަބަށް ޓީމެއްގެ ގޮތުގައި މާ ގިނަ ޕްރެކްޓިސްތަކެއް ނުކުރެވުނަސް، ޓީމުގައި ތިބި ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުންކޮށްގެން ފައިނަލް ކާމިޔާބުކުރެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ސީސީން ކިންގްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން 4-1 އިން ޓީމު ނައިވާދޫ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން ކ. ކާށިދޫ އަތުން 5-0 އިން އަދި ގްރޫޕް ސްޓޭޖު ފަހު މެޗުން ވަނީ 2-0 އިން އައްޑޫ ސިޓީގެ މައިލޯ ސިޓީ އަތުން މޮޅުވެފަ އެވެ.
ސެމީ ފައިނަލުގައި، ރިސޯޓް ފުޓްސަލްގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސް އަތުން 2-0 އިން މޮޅުވި މެޗަށް ފަހު ސީސީގެ ކޯޗު ފައުޒާން ހަބީބު (ފައު) ބުނީ، ޖޯލިގެ ފުލް ޓީމާ ދެކޮޅަށް ސީސީގެ ހުރިހާ ކުޅުންތެރިން ހަމަނުވެ ވެސް ކުޅެ، މޮޅެއް ހޯދުމަކީ ރޭވުންތެރިކަމާ އެކު ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.
"އަހަރެމެންނަށް އެކި ސަބަބުތަކާ ހެދި ވަރަށް ބައިވަރު ޕްލޭޔަރުން ހަމަ އަންއެވެއިލަބަލްކޮށް މި އުޅެނީ، އަސްލު އަހަރެމެންނަށް އޮތް ހަމައެކަނި ގޮތަކީ، ޓެކްޓިކަލް ކަންތައްތަކެއް ހަމަ، ރާވައިލައިގެން މި ކަން ކުރިއަށްގެންދިއުން. ދެން، އެހެންވީމަ، އަހަރެމެން މި ތިބި ޕްލޭޔަރުން އެވެއިލަބަލް ހަތް ޕްލޭޔަރުން އަށް ޕްލޭޔަރުން މި ތިބީ، ދެން، އެ އަށް ޕްލޭޔަރުންނަކީ، ހަމަ، ވާހަކަ އަކީ ވެސް ނެޝަނަލް ލެވަލްގައި ވެސް ކުޅެމުންދާ، ނެޝަނަލް ޓިމުގައި ވެސް އަރާ ކުޅުންތެރިން އެހެންވީމަ އަހަރެމެން މާ ބޮޑަކަށް ޕްރެކްޓިހެއް ނުކުރިޔަކަސް ޓެކްޓިކަލް ކަންތައްތަކެއް އެ މީހުންނާ އެކީ ރާވައިލައިގެން، ކުރިއަށްދިއުމުގެ ނަތީޖާ މި ފެންނަނީ، އަސްލު،" ފައު ބުންޏެވެ.
ފައު ބުނީ، ފައިނަލް މެޗުގައި އާރްއާރްސީއާ ކުޅޭއިރު، ޗެލެންޖިން މެޗަކަށް ވާނެ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެއީ، އާރްއާރްސީން އެކުގައި ޕްރެކްޓިސް ކުރާ ޓީމަަކަމަށް ވެފައި، އެ ޓީމުގައި މެޗު ބަދަލުކުރަން ބޭނުންވާ ވަރަށް ބަދަލު ކުޅުންތެރިން ތިބިކަން ފައު ފާހަގަކުރި އެވެ.
"ޗެލެންޖިން އަސްލު ވާނެ ގޮތަކީ، އާރްއާރްސީ ވަރަށް ބައިވަރު ޕްރެކްޓިސްތަކެއް ކޮށްގެން މިހާ ހިސާބަށް އައިސްފައި މި ތިބީ. ދެން، އެކަމަކު ވެސް އެކީގައި ޕްރެކްޓިސް ނުކުރާ ތަންކޮޅު، ދެން ފިޓްނަސް އާ ބަލާއިރު އެ ޓީމާ އެއް ލެވަލަށް އެއްވަރަށް ފިޓްނަސް ހުންނާނެ، ގައުމީ ޓީމުގައި ވެސް މި ޕްލޭޔަރުން ޕްރެކްޓިސް ކުރަމުންދަނީ، ކްލަބް މޯލްޑިވްސް އަށް ކްލަބާ އެކީގައި ވެސް ޕްރެކްޓިސް ކުރަމުންދަނީ، އެހެންވީމަ ފިޓްނަސްއާ ދޭތެރޭ ޝައްކެއް ނެތް، އަހަރެމެންގެ ޕްލޭޔަރުންގެ އަންއެވެއިލަބިލިޓީގެ ސަބަބުން ސަބްސްޓިޓިއުޝަނަކުން އަސްލު މި ގޭމް، އެ މީހުންނަށް އެޑްވާންޓޭޖް އޮތީ، އެކަމަކު، އަހަރެމެން އެކްސްޕީރިއަންސަށް ބަލާފައި މެޗު ނެގޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރަނީ،" ފައު ބުންޏެވެ.
ސީސީން ކިންގްސް ކަޕަށް ސްކޮޑުގައި ހިމެނި ކުޅުންތެރިންނަކީ، ގދ. ވާދޫ ކެޕްޓަން، އަޔާޒް އަހުމަދު، ނ. ކެނދިކުޅުދޫ ކެޕްޓަން، މުހައްމަދު އައްޒާމް އަދި ދ. ކުޑަހުވަދޫ ކެޕްޓަން، ޖުމައިލް ޖަމީލް (ޖުމްބެ) އެވެ. މީގެ ތެރެއިން ޖުމްބެ އަނިޔާގެ ސަބަބުން މެޗުތަކުގައި ނުކުޅޭއިރު، ސެމީ ފައިނަލުގައި އަނިޔާއާ ހެދި އައްޒާމް ވެސް ނުކުޅެ އެވެ. ސެމީގައި މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަޔާ އެވެ.
ސެމީ މެޗަށް ފަހު، އަޔާ ބުނީ ކިންގްސް ކަޕަށް ތައްޔާރުވާން ޖެހޭ މިންވަރަށް ނުވެވޭ ކަމަށެވެ.
"މި މުބާރާތަށް (ކިންގްސް ކަޕަށް) އަނެއްހެން ރެޑީ ވާން ޖެހޭ ވަރަކަށް ރެޑީއެއް ނުވެވޭ. ދެން، ފިޓްނަސްއާ އެއްޗެހި ވެސް ގަޑި ހުއްޓައިގެން ކުޅޭއިރު، ވަރަށް އުނދަގޫ، ވަރަށް އުނދަގޫ މެޗަކަށް (ސެމީ ފައިނަލުގައި ޖޯލި މެޗު) މިދިޔައީ. ޖޯލި އަނެއްހެން މި މުބާރާތުގައި އެ ދިޔައީ ވަރަށް ރަނގަޅަށް. ޓަފް މެޗުތަކެއް ކުޅެފައި އައީމަ، އެ މީހުން ތަންކޮޅެއް ފިޓްކޮށް ހުންނާނީ، އެހެންވެ، އަހަރެމެން ވެސް މި މެޗަށް ވަރަށް ރެޑީ ވެލައިގެން ނުކުތީ،" އަޔާ ބުންޏެވެ.
ފައިނަލުގައި އާރްއާރްސީއާ ކުޅޭ މެޗު، "ވަރަށް ޗެލެންޖިން މެޗަކަށް ވާނެ،" ކަމަށް އަޔާ ވަނީ ބުނެފަ އެވެ.
"ފައިނަލް ވެއްޖިއްޔާ، ވިން ވާން (މޮޅުވާން) ދޯ ނުކުންނާނީ، ވަރަށް ބޮޑަށް ޓީމު ރެޑީވާނެ، މި ހެދުނު މިސްޓޭކްސްއާ އެއްޗެހި ރަނގަޅުކޮށްލައިގެން،" އަޔާ ބުންޏެވެ.
ކިންގްސް ކަޕް ފައިނަލް މެޗު ފަށާނީ މިރޭ، ރެހެންދި ފުޓްސަލް ދަނޑުގައި، 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ