ބަޑީގެ ހަމަލާތަކެއްގައި އިސްރާއީލުގެ 5 މީހުން މަރާލައިފި

ހިފާފައިވާ ގުދްސު (08 ސެޕްޓެމްބަރު 2025): އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ އަލްގުދްސުގެ ބަސް ސްޓޭޝަނެއްގައި ދިން ބަޑީގެ ހަމަލާތަކެއްގައި އިސްރާއީލުގެ ފަސް މީހަކު މަރުވެ، 15 މީހަކު ޒަޚަމުވެއްޖެއެވެ. އިސްރާއީލުގެ މީޑިއާތައް ބުނާގޮތުން އިސްރާއީލުގެ ފުލުހުންވަނީ ހަމަލާ ދިން ދެ މީހުންގެ "ދުވަސް ދުއްވާލާފައެވެ". ހަމަލާދިން ދެ މީހުންގެ ވަނަވަރު އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުންވަނީ މިއީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ބަނޑަށް ޖެއްސުމާއި ބިންތަކަށް ވެރިވެގަތުމުގެ ޖަރީމާތަކަށް ދިން ތަބީއީ ރައްދެއްކަމަށް ސިފަކޮށް މި ހަމަލާއަށް ތާއީދުކޮށްފައެވެ. ގުދްސަކީ އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ސިޓީއެކެވެ. އެ ސިޓީގެ ހުޅަނގު ބައި އިސްރާއީލުން ހިފާފައިވަނީ 1948 އާއި 1966 އާ ދެމެދުގައެވެ. ގުދްސުގެ އިރުމަތީބައި އިސްރާއީލުން ހިފީ 1967 ގެ އަރަބި އިސްރާއީލު ހަނގުރާމައިގައެވެ. ބަޑިން ހަމަލާދިން ބަސް ސްޓޭޝަނަކީ ގުދްސުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނު މީހުންނާއި ގުދްސުގައި ގަވައިދާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ވެސް ބޭނުންކުރާ ސްޓޭޝަނެކެވެ. ހަމަލާދިނުމާ އެކު އިސްރާއީލު ސިފައިންގެ ފައުޖެއްވަނީ އެ ސަރަހައްދަށް ގޮސް އެ ތަނުގައި ފެތުރިގަނެ، ގުދްސުއާ އިންވެގެންވާ ފަލަސްތީނުގެ ހަތަރު ވިލެޖް ހިސާރުކޮށް، އާންމުންނަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަން ފަށާފައެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތައް ބުނާގޮތުން ހަމަލާދިން ތަނުން ގޮވާއެއްޗެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ވެސް ވަނީ ފެނިފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނާގޮތުން ގުދްސުގައި ކުރިމަތިވީ އިސްރާއީލު މީހުން މެރުމުގެ ހާދިސާއެކެވެ. މި ހާދިސާ ކުރިމަތިވި ގޮތާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރުމަށް ނަތަންޔާހޫ ވަނީ ނިންމާފައެވެ. އިސްރާއީލުގެ ނޫސްތައް ބުނާގޮތުން ހަމަލާދިނީ އަލްގުދްސުގެ ރާމޮތް ބަސް ސްޓޭޝަންގައި ބަހުގެ އިންތިޒާރުގައި އިސްރާއީލުގެ އެތައް ބަޔަކު ތިއްބައެވެ. ހަމަލާދިނުމާ އެކު ފަސް މީހަކު ވަގުތުން މަރުވިއެވެ. އިތުރު 15 މީހަކު ޒަޚަމުވިއެވެ. ޒަޚަމުވި 15 މީހުންގެ ތެރެއިން ހަތް މީހެއްގެ ބޮލަށާއި މެއަށްވަނީ ވަޒަން އަރާފައެވެ. މި ހަތް މީހުންގެ ހާލަތުވަނީ ފުރާނައަށް ނުރައްކާވާ ހާލަތުގައެވެ. އިސްރާއީލު ގެންދަނީ ކޮންމެ ދުވަހަކު ޣައްޒާގައި ފަލަސްތީނުގެ 70 ވަރަކަށް މީހުން ޝަހީދުކުރަމުންނެވެ. އަދި، ބަނޑަށްޖައްސައިގެން ވެސް ދުވާލަކު ތިން ވަރަކަށް މީހުން މަރާލައެވެ. އިސްރާއީލުން ވަނީ ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކާއި އާންމުންގެ ގެދޮރާއި ސްކޫލްތަކަށް ބޮންއަޅައި ބިމާ ހަމަކޮށްލާފައެވެ. ފާއިތުވި 22 މަސްތެރޭގައި އިސްރާއީލުވަނީ ޣައްޒާގެ އާންމުންގެ 63،000 މީހުން ޝަހީދުކޮށްލައި 150،000 މީހުން ޒަޚަމުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ