ގައުމީ ޓީމު މޮޅަކުން ފެށިޔަސް ފޯކަސް އަކަށް ބަދަލެއް ނާދޭ: މޯހަން ގައުމީ ޓީމު މޮޅަކުން ފެށިޔަސް ފޯކަސް އަކަށް ބަދަލެއް ނާދޭ: މޯހަން

ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖޭން 3-0 އިން މޮޅުވެފައި އޮތް ކަމުގައި ވިޔަސް މިއަދު ދެ ވަނަ ލެގުގެ މެޗަށް ނުކުންނައިރު، ރާއްޖޭން ފަސޭހަކޮށް ނުނަގައި ރަނގަޅަށް މަސައްކަތްކޮށް، މޮޅުވާން ކުޅޭނެ ކަމަށް ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މީގެ ދެ ދުވަސް ކުރިން، ކޮލަމްބޯގައި ކުުޅެ، ސްރީ ލަންކާ އަތުން ރާއްޖޭން ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި އެ ހޯދި މޮޅާ އެކު، މިއަދު ކުޅޭ ދެ ވަނަ ލެގުން ހަތަރު ގޯލުގެ ފަރަގަކުން ބަލިވެގެން ނޫން ގޮތަކަށް ރާއްޖެ އަށް ތަށި މި ތަށި ނުގެއްލޭނެ އެވެ.
ލަންކާ އަތުން ރާއްޖޭން ވަނީ 10 މެޗުން މޮޅުވެފަ އެވެ. އެންމެ ތިން މެޗުން ލަންކާ އިން ރާއްޖެ ބަލިކޮށްފައިވާއިރު، އެންމެ ފަހުން އެކަން ހާސިލްކުރީ، 2002 ވަނަ އަހަރު އެވެ. އެއީ، މީގެ 23 އަހަރު ކުރި އެވެ.
މިއަދު، ސައުތު އޭޝިއަން ސުޕަ ކަޕްގެ، ދެ ވަނަ ލެގުގެ ކުރިން، މޯހަން، "އަދަދު ސްޕޯޓްސް" އަށް ބުނީ، ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފުރަތަމަ މެޗުގައި އެ ފެނުނު ފޯކަސް ދެ ވަނަ މެޗުގައި ވެސް ފެންނާނެ ކަމަށެވެ.
އަދި، ފުރަތަމަ މެޗުގެ ކުރިން، ލަންކާ އިން ރާއްޖޭގެ ޓީމުގެ ޓްރެއިނިން ކަންކަމަށް ރަނގަޅު ދަނޑުތައް ހަމަޖައްސައިދިން ނަމަވެސް، ދެ ވަނަ މެޗާ ދެމެދު އެ ފަދަ ކަންކަން ދިޔައީ ދަށްކޮށް ކަމަށާއި އެއީ ކުރިން ވެސް މިކަންކަން ހިނގާގޮތްކަން މޯހަން ފާހަގަކުރި އެވެ.
"ފުރަތަމަ އައިސް ވަރަށް ރަނގަޅަށް ކަންކަން ދިޔައީ، ދެން، ފުރަތަަމަ މެޗުން (ރާއްޖެ) މޮޅުވި ހިސާބުން. ދެން، މި ދިޔައީ (ޓްރެއިނިން ކުރިއަށްގެންދަން ބޭނުންވާ ކަންކަން) ރަނގަޅަކަށް ނޫން، ރަނގަޅަށް ޓްރެއިން ކުރުމަށް ފުރުސަތެއް ނުދޭ، އެކަމަކު، އެއީ މި ކަން ވާނެ ވެސް ގޮތްކަން ބަލައިގެން ހުރީ، (ކުރިން ވެސް އެކަން ހިނގާފައިވާތީ) އެ ކަންކަން އެއް ފަރާތްކޮށްފައި މެޗަށް ތައްޔާރު މި ވަނީ އަނެއްކާ ވެސް މޮޅުވާން. ﷲ އިރާދަކުރެއްވިއްޔާ، މި މެޗު ވެސް އެ ވަރަށް މަސައްކަތް ކުރާނަން،" މޯހަން ބުންޏެވެ.
"ފުރަތަމަ މެޗުން މޮޅުވެފައި އޮތް ކަމުގައި ވިިޔަސް، ފޯކަސް އަށް ބަދަލެއް ނާދޭ. ކުޅުންތެރިންނަށް ވެސް އެނގޭނެ އަދި މި ނިމުނީއެއް ނޫންކަން. އެހެންވީމަ، އެ ގޮތަށް ބަލައިގެން ކުޅުންތެރިން ވެސް ތައްޔާރުވާނެ،"
ލަންކާ އަތުން ރާއްޖޭން ފުރަތަމަ ލެގުގައި ހޯދި މޮޅަކީ، އެންމެ ފަހުން ގައުމީ ޓީމުން ކުޅުނު ހަ މެޗުގެ ތެރެއިން ލިބުނު ފުރަތަމަ މޮޅެވެ. މިދިޔަ އަހަރު ނޮވެމްބަރުގައި ބަންގްލަދޭޝް އަތުން މޮޅުވި ފަހުން ދެން ކުޅުނު ފަސް މެޗުން ގައުމީ ޓީމު ވީ ބައްޔެވެ.
މޯހަން ބުނީ، ރާއްޖޭގެ ލީގު ފުޓްބޯޅަ ނެތި، ދެ އަހަރެއްހާ ދުވަހު ތިބެން ޖެހުނުއިރު، އޭގެ ސަބަބުން ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗުތަކުގައި އޮންނާނެ ޗެލެންޖް އެނގޭ ކަމަށެވެ. އެކަމަކު، ލަންކާއާ ދެކޮޅަށް ފުރަތަމަ ލެގުގައި އޭނާ އަށް ގައުމީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ، "ގަބޫލުކުރަންވެސް ދަތި މިންވަރެއްގެ ހިތްވަރެއް" ކަމަށް މޯހަން ވަނީ ބުނެފަ އެެެވެ.
"ހީކުރީ 70 ނޫނީ 75 ވަރަކަށް މިނިޓޭ އެ ގޮތަށް ހިފަހައްޓައިލެވޭނީ، އެއީ ލީގު ފުޓްބޯޅަ ނެތި، ވާދަވެރި ގިނަ މެޗުތަކެއް ނުކުޅެ އިންޓަނޭޝަނަލް މެޗަށް އައިސް އެއީ އެކަން ވާނެ ގޮތަކީ، މެޗު ފިޓްނަސް އަކީ މެޗު ނުކުޅެ އަންނާނެ ކަމެއް ނޫން،" ކުރިން ގައުމީ ޓިމުގެ އެސިސްޓަންޓް ކޯޗުކަން ކުރި މޯހަން ބުންޏެވެ.
"އެކަންކަން އެހެން ހުރި ނަމަވެސް، ފުރަތަމަ މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ، ގަބޫލުކުރަންވެސް ދަތި މިންވަރެއްގެ ހިތްވަރެއް. ކުޅުންތެރިން ބޭނުންވެގެން ވަރަށް ބޮޑަށް މި މޮޅަށް އެދޭތީ ކުރި މަސައްކަތް މިއީ،"
ރާއްޖޭން 2008 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި، އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކުރި މޯހަން ބުނީ، ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތަށް ބަލާއިރު، ގައުމީ ފުޓްބޯޅަ ޓީމުން ސައުތު އޭޝިއަން ސުޕަ ކަޕަށް އައިސް އެކަތިގަނޑެއްގެ ގޮތުގައި ކާމިޔާބު ހޯދަން ކުރާ މަސައްކަތް ވަރަށް ރަނގަޅު ކަމަށެވެ.
އަދި، އުންމީދަކީ ދެ ވަނަ ލެގު ނިންމާއިރު ވެސް ފުޓްބޯޅަ އަށް ދިރުމެއް ގެނެވޭނެ ކަންތައްތަކެއް ހާސިލްކުރަން ކަމަށް މޯހަން ވަނީ ބުނެފަ އެެވެ.
ލަންކާ އާއި ރާއްޖޭން ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 17:15 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ